މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް، މާލެ ސަރަހައްދުން ހިއްކާ ބިމަކަށް ބަދަލު ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް އަށް ހޮނިހިރު ދުވަހު ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ގޯތި ހުންނަ ގޯޅިތައް އިންތިހާއަށް ހަނިވުމުން، ގެ ހަދަން ބޭންކުން ލޯނު ނުލިބޭ ވަރަށް ގިނަ ގޯތި އެބަހުރި ކަމަށެވެ.
"މި މީހުންނަށް، އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވައުދުވިން، ލާޖައްސާ އުސޫލުން މާލޭ ސަރަހައްދުން، ގްރޭޓާ މާލޭ އޭރިއާއިން ބިންދީފައި، އެތަންތަން ދައުލަތަށް ނަގާފައި، އެ ލޯނު ލިބޭނެ މަގު ފަހިކޮށްދޭނެ ވާހަކަ. ނޫނީވިއްޔާ ލާޖައްސާފައި އޮތް ތަނުން ގޯތިދޭނަމޭ. އޭރުން އެ މީހާއަށް، އެ މީހާގެ ގޯތިހަދަން ފުރުސަތު އެބަ ލިބޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ގޯތި ބަދަލު ކުރަން ބޭނުންވާ މީހުންނަށް ދޭނީ ހަމަ މިހާރު ހުރި ސައިޒުގެ ގޯއްޗެއް ކަމަށެވެ. އަދި ވިދާޅުވީ ގޯތި ދޭނީ ރަސްމާލެ ފަދަ މާލޭ ސަރަހައްދުން ހިއްކާ ތަނަކުން ކަމަށެވެ. އޭގެ ތެރޭގައި ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެން މި ވައުދު ފުއްދުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ޕްލޭންކޮށްފައި މިއޮތީ ދާދި އަވަހަށް ފަށަން އިނގޭތޯ. އެހެންވީމާ، ސަރުކާރުން ވަރަށް އަވަހަށް އިއުލާނު ކުރާނެ، މާލޭގައި ހުރި، މިގޮތަށް ހުރި ގޯތިތައް، މުޅި ގޯތި އެކީގައި ދޫކޮށްލާފައި ހަމަ އެ ގޯތީގެ ސައިޒްގެ ގޯއްޗެއް، މާލޭ ސަރަހައްދުން، އަޅުގަނޑުމެން ހިއްކާ ސަރަހައްދުތަކުން، އުތުރުތިލަފަޅު ވެސް ހިއްކަން މިއޮތީ ނިންމާފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ލާޖައްސައިގެން މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ މަޝްރޫއު މި އަހަރު ތެރޭގައި ފަށައި، ގޯތި ލިބުނުކަމުގެ ލިޔުން ވެސް މިއަހަރުގެ ނިޔަލަށް ދޫކޮށް ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ، ވަރަށްގިނަ ރައްޔިތުން ބޭނުންވާ ކަމެއް މިއީ އިނގޭތޯ. ލާޖައްސާ އުސޫލުން މާލެއިން ގޯތި، އެހެން ސަރަޙައްދަކުން ހޯދުން. މާލޭ ސަރަޙައްދުން، ކޮންމެވެސް ހިސާބަކުން ގޯތި ހޯދުން. މި މަޝްރޫއު އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި އަޅުގަނޑުމެން ކުރިއަށް ގެންގޮސް، ގޯތި ލިބޭނެ ތަން ކަނޑައަޅައި، ރަސްމީ ލިޔުން ދޭނަން އިނގޭތޯ، މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ، މާލެއިން ހުސްވާ ގޯތިތައް ސަރުކާރަށް ނެގުމަށްފަހު އެތަންތަން ހަނދާނީ ހުސް ޖާގައަކަށް ކަމަށެވެ. އޭގެ ބޭނުމަކީ ދިރިއުޅެން ފަސޭހަ، ހިތްގައިމު ތަނަކަށް މާލެ ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެތަންތަން ސަރުކާރަށް ނަގާނީ. ނަގާފައި، އެތަންތަން އޯޕަން އަޕް ކޮށްލުން، ނޫނީވިއްޔާ ގްރީން ސްޕޭސްއެއް ހެދުން، ލިވަބަލް އޭރިއާއަކަށް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން، ނޫނީވިއްޔާ ބޭނުންޖެހިފައިވާ މި މާލެއަށް ހިތްގައިމު ސިޓީއެއް ގޮތުގައި ހެދުމަށް ބޭނުންވާނެ ކަހަލަ ކަންތައްތައް، އެ ތަންތާނގައި ކުރާނީ،" ރައީސް ވިދާޅުވި އެވެ.
މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް، ހިއްކާ ސަރަހައްދުތަކުގެ ގޯއްޗަކާ ބަދަލު ކުރުމުގެ ފުރުސަތު ހުޅުވައިލަނީ މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް، ހިއްކާ ސަރަހައްދުތަކުގެ ގޯއްޗަކާ ބަދަލު ކުރުމުގެ ފުރުސަތު ހުޅުވައިލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ