ހަނގުރާމަ ހުއްޓާލި ނަމަވެސް ކޮންމެ 2 ދުވަހަކުން ޣައްޒާގެ ހަ މީހުން މަރާލާ
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން މިހާތަނަށް އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ 150 މީހުން މަރާލާފައިވާއިރު، ކޮންމެ ދެ ދުވަހަކުން ޣައްޒާގެ ގާތްގަނޑަކަށް ހަ މީހުން މަރާލާ ކަމަށް ޔޫރޯ މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރުން ހާމަކޮށްފިއެވެ. ޔޫރޯ-މެޑް މޮނިޓާއިން ބުނީ ސްނައިޕަރުގެ ބަޑިންނާއި، ކުއަޑްކޮޕްޓަރު މަތިންދާބޯޓުތަކުންނާއި ޑްރޯން ހަމަލާތަކުންވެސް އިސްރާއީލުގެ ބާރުތަކުން ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށްގެން ހަމަލާދޭތަން އެމީހުންގެ ޓީމަށް ފެނިފައިވާ ކަމަށެވެ. ހަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ ރަފަހް ސަރަހައްދަށް ކަމަށްވެސް އެ ގްރޫޕުން ބުނެއެވެ. އިސްރާއީލުން ދުވާލަކު ގާތްގަނޑަކަށް ތިން މީހުންގެ ރޭޓުން 150 ފަލަސްތީނު މީހުން މިހާތަނަށް މަރާލާފައިވާއިރު، ދުވާލަކު 11.8 މީހުންގެ ރޭޓުން 605 މީހުން ޒަޚަމްކޮށްފައިވާ ކަމަށް ޔޫރޯ މެޑް އިން ބުނެއެވެ. "އިސްރާއިލުން އަންނަނީ އިންސާނީ އެހީތަކާއި އަސާސީ ތަކެތި އެތެރެވުން ހުއްޓުވައި، އާންމުން ދިރިއުޅޭނެ ތަންތަން އިމާރާތް ކުރުމަށް ހުރަސް އަޅައި، ނަސްލު ނައްތާލުމުގެ ސިޔާސަތުތައް އިތުރަށް ވަރުގަދަ ކުރަމުން،" އެ ގްރޫޕްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ޒުވާން ޖީލުތަކަށް ކާނާ ނުލިބި ބަނޑުހައިހޫނުކަން ކުރިމަތިވެދާނެ ކަމަށާއި އެކަމުގެ ސަބަބުން ސިއްޚީ ގޮތުން އިއާދަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއް ލިބި ދާއިމީ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަންތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. ޣައްޒާގައި "ރިވިއާ އޮފް ދަ މިޑްލް އީސްޓް" އުފެއްދުމަށް އެމެރިކާއިން ރާވާފައިވާ ޕްލޭނަށް އަލިއަޅުވާލަމުން ޔޫރޯ މެޑް އިން ބުނީ އެއީ ނަސްލީ ސާފުކުރުމުގެ ސިޔާސަތެއްގެ ތެރެއިން މަޖުބޫރުކޮށްގެން ގެދޮރު ދޫކޮށް އާބާދީ ހުސްކުރުމުގެ ޓްރެންޑާ އެއްގޮތަށް ގަސްތުގައި ރާވާފައިވާ ޕްލޭނެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ