ފިއޮރެންޓީނާއާއި ބެޓިސް ކޮންފަރެންސް ލީގުގެ ސެމީއަށް

ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުން ފިއޮރެންޓީނާއާއި ރެއާލް ބެޓިސް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލުން ފިއޮރެންޓީނާ ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ސެލްޔޭއާ ބައްދަލުކޮށް 4-3ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ސެލްޔޭގެ ދަނޑުގައި ކުޅެ 2-1 އިން ފިއޮރެންޓީނާއިން ކާމިޔާބުކުރިއިރު ފޮއޮރެންޓީނާގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ފުރަތަމަ ލަނޑު ޖަހައި، ލީޑު ނަގާފައިވަނީ ފިއޮރެންޓީނާއިންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ރޮލާންޑޯ މަންޑްރަގޯރާއެވެ. ސެލްޔޭއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަކޮށްފައިވަނީ އައިޖޯސާ މަޓްކޯއެވެ. އަދި، 65 ވަނަ މިނެޓުގައި ކްލެމެން ނެމަނިޗް ކާމިޔާބުކޮށްދިން ލަނޑާ އެކު ސެލްޔޭއިން ލީޑު ނެގުމުގެ އިތުރުން އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށް، ސެމީ ފައިނަލްގެ އުންމީދު އާކުރިއެވެ. ނަމަވެސް، ސެލްޔޭއަށް މި ލީޑު ދެމެހެއްޓޭގޮތްވީ ދެ މިނެޓް ވަންދެނެވެ. މެޗުގެ 67 ވަނަ މިނެޓުގައި މޮއިސް ކިއާން ކާމިޔާބުކޮށްދިން ލަނޑުން ފިއޮރެންޓީނާއިން ނަތީޖާ ހަމަހަމަކޮށް، އަނެއްކާ ވެސް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދިއެވެ. މެޗު އެއްވަރުވުމުން ފިއޮރެންޓީނާއަށް ސެމީ ފައިނަލްގެ ޖާގައެއް ކަށާވަރުވެފައިވާއިރު ސެމީ ފައިނަލްގައި އެ ޓީމު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ބެޓިސްއާއެވެ. މި މުބާރާތުގެ ސެމީ ފައިނަލުން ބެޓިސް ޖާގަ ހޯދާފައިވަނީ ކުއާޓާ ފައިނަލްގައި ޔަގިލޯނިއާ ބިއައިސްޓޮކާ ބައްދަލުކޮށް 3-1ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 2-0 އިން ބެޓިސްއިން ކާމިޔާބުކުރިއިރު ރޭ ކުޅުނު ދެވަނަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރޭ ކުޅުނު ދެވަނަ ލެގުގައި ބެޓިސްގެ ލަނޑު 78 ވަނަ މިނެޓުގައި ސެޑްރިކް ބަކަމްބޫ ކާމިޔާބުކޮށްދިންއިރު ޔަގިލޯނިއާގެ ލަނޑު ކާމިޔާބުކޮށްދިނީ 81 ވަނަ މިނެޓުގައި ޑާކޯ ޗާލިނޯވްއެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ ދެ މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ ރެއެވެ. ދެވަނަ ލެގު ކުޅެން ހަމަޖެހިފައިވަނީ މެއި މަހުގެ ނުވަވަނަ ދުވަހުގެ ރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ