ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު 'ޕީކޫ' 10 އަހަރު އަލުން ސިނަމާތަކަށް
މީގެ ދިހަ އަހަރު ކުރިން ރިލީޒްކުރި ކޮމެޑީ ޑްރާމާ ފިލްމު "ޕީކޫ" އަންނަ މަހުގެ ނުވަ ވަނަ ދުވަހު އަލުން ސިނަމާތަކުގައި ރިލީޒްކުރަން ނިންމައިފިއެވެ. ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޝޫޖިތު ސިރުކާރުގެ "ޕީކޫ"ގެ ކާސްޓުންގެ ތެރޭ ހިމެނޭ މައިގަނޑު ތަރިންނަކީ އަމީތާބް ބައްޗަން، ކުރީގެ އެކްޓަރު އިރުފާނު ޚާން އަދި ބަތަލާ ދީޕިކާ ޕަދުކޯންއެވެ. މި ފިލްމު ދެވަނަ ފަހަރަށް ސިނަމާތަކަށް ގެންނަން ނިންމިކަން އިއުލާނު ކުރުމާ ގުޅިގެން އާއްމުންގެ ގިނަ ބަޔަކު ވަނީ މިއީ ކުރީގެ އެކްޓަރު އިރުފާނުގެ ހަނދާން އާކޮށްލަން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި ސިފަކޮށްފައެވެ. ފިލްމު "ޕީކޫ"ގެ ވާހަކަ ބިނާކޮށްފައި ވަނީ އުމުރުން ދުވަސްވެފައިވާ ބައްޕައަކު ގޮވައިގެން ޒުވާން އަންހެން ކުއްޖަކު ދިރިއުޅުން ހޭދަކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށެވެ. މި ފިލްމު އަލުން ރިލީޒްކުރާކަން ސޯޝަލް މީޑިއާގައި އިއުލާނު ކުރަމުން ފިލްމުގެ ބަތަލާ ދީޕިކާ ޕަދުކޯން ބުނެފައި ވަނީ ބަތަލާގެ ހިތުން ހާއްސަ މަގާމެއް ދެވިފައިވާ ފިލްމެއް ކަމަށެވެ. ފިލްމު "ޕީކޫ"ގެ ޝޫޓިންގްތެރޭ އަމީތާބް ބައްޗަން، އިރުފާން ޚާން އަދި ދީޕިކާ ޕަދުކޯން--ފޮޓޯ/ބޮލީވުޑްހަންގާމާ ހަމައެއާއެކު ފިލްމުގެ މުހިއްމު ރޯލެއް ކުޅުނު ކުރީގެ އެކްޓަރު އަދި އެކުވެރިޔާ އިރުފާނު މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ޖުމްލަ 5.3 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި 16 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. ފިލްމު "ޕީކޫ" އަލުން ރިލީޒްކުރުމާ އެކު މި ޖީލުގެ ގިނަ ބަޔަކަށް އަލުން ފިލްމު ބެލުމުގެ ފުރުސަތު ލިބި ފިލްމުގެ ވާހަކައިން އިބްރަތްތަކެއް މިހާރުގެ ކުދިންނަށް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ