ރިސޯޓުތަކުން ހިންގާ ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެށްޓާ ގުޅުން ހުރި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 'ގްރީން ރިސޯޓް ފައިނޭންސިން' ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ހިދުމަތް ތައާރަފްކުރީ މިއަދު ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާންމު ބައްދަލުވުމުގައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ހުސެއިން އަފީފް އެވެ.
ތަފްސީލް - އެ ހިދުމަތާ ގުޅޭ ގޮތުން ބީއެމްއެލްއިން ބުނީ އެ މާލީ އެހީތެރިކަން ރަށުގެ ގޮނޑުދޮށް ހިމާޔާތްކުރާށާއި ހަކަތަ އަދި ރަށް ފެހިކުރުމުގެ ދާއިރާއިން ލިބޭނެ ކަމަށެވެ. އޭގެ އިތުރުން:
ކުނި މެނޭޖްކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގަން ފައިސާ ލިބޭނެ
އޭގެ ދަށުން 50 މިލިއަން ރުފިޔާއާ ހަމައަށް އޯވާޑްރާފްޓް ފެސިލިޓީ ހަމަޖެހޭ
އިންޓަރެސްޓް ރޭޓަކީ %6.5
ކާޑާއި ކާޑު މެޝިނުން ރިސޯޓަށް ލިބޭ ފައިސާއިން ފައިނޭންސަށް އަނބުރާ ފައިސާ ދެއްކޭނެ
ބޭންކުގެ ކޯޕަރޭޓް ކަސްޓަމަރުން ގްރީން ރިސޯޓް ފައިނޭންސިންއާ ގުޅޭ އިތުރު މައުލޫމާތު ހޯދަން އެ ކަސްޓަމަރަކަށް ހާއްސަކޮށްފައިވާ ރިލޭޝަންޝިޕް މެނޭޖަރުންނާ ގުޅުއްވައި މައުލޫމާތު ސާފު ކުރެވޭނެ
ޝަރީފް ވިދާޅުވީ ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވާން އަހަންމިއްޔަތުކަން ދޭ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަދަ ބޭންކިން ހިދުމަތްތަކާއި ފައިސާ ބަލައިގަތުމުގެ އެންމެ ޒަމާނީ ހައްލުތައް ހޯދައިދޭން ބީއެމްއެލް ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"ގްރީން ރިސޯޓް ފައިނޭންސް ފެސިލިޓީ ހާއްސަކޮށް ފަރުމާކޮށްފައި ވަނީ ރިސޯޓުތަކަށް ބޭނުންވާ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމްކުރުމާ އެކު ހިންގުމުގެ ހަރަދުތައް ފަސޭހައިން މެނޭޖްކުރެވޭނެ ފައިނޭންސިންއެއް ހޯދައިދިނުމަށް،" ޝަރީފް ވިދާޅުވި އެވެ.
ރިސޯޓުތަކުގެ ތިމާވެށި މަޝްރޫއުތަކަށް ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ