ޖޭއެސްސީ އެކުލަވައިލީ ރަނގަޅަށް، ނުފޫޒު ވަންނަނީ އިޚުލާސްތެރިކަން ނެތީމާ: އިބްރާ
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވަނީ އޭގެ ޒާތުގައި ވަރަށް ރަނގަޅަށް 'ބެލެންސް'ކޮށް ކަމަށާއި މައްސަލަ ޖެހެނީ ސިޔާސީ ފިކުރު ވަދެ، އިޚުލާސްތެރިކަން ނެތޭ ހިސާބުން ކަމަށް އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވިއެވެ. ރާއްޖޭގެ ޖުޑިޝަރީގެ ހާލަތާ ގުޅޭ ގޮތުން 'ސަން އޮންލައިން' ގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިބުރާ ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ވަރަށް ރަނގަޅަށް ކިޔައިދެއްވައިފައެވެ. އިބުރާ ވިދާޅުވީ، ޖޭއެސްސީއާ ކުޅުމަކީ ވަރަށް ނުރައްކާ ކަމެއް ކަމަށެވެ. ޚާއްސަކޮށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ނުވަތަ އެކުލެވިފައިވާ ގޮތާ ކުޅުމަކީ ނުރައްކާ ކަމެއްކަން ފާހަގަކުރައްވައި އިބުރާ ވިދާޅުވީ، ޖޭއެސްސީ މިހާރު އެކުލެވިފަ އޮތީ ދައުލަތުގެ ތިން ބާރު ވަރަށް ހަމަހަމަކޮށް ކަމަށެވެ. އެގޮތުން، ޖޭއެސްސީގައި އެކުލެވިގެން ވަނީ: ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް މަޖިލީހުން އައްޔަނުކުރައްވާ އާންމު ފަރާތެއް ބަންޑާރަ ނައިބު ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅެއް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ދަށު ކޯޓުތަކުން ފަނޑިޔާރެއް ހައި ކޯޓުން ފަނޑިޔާރެއް ސުޕްރީމް ކޯޓުން ފަނޑިޔާރެއް 'ސަން އޮންލައިން' ގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ވާހަކަދައްކަވަނީ -- ފޮޓޯ/ ސަން ޖޭއެސްސީ އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުންނާއި، އަދުލު އިންސާފުގެ ބާރުން ތިން މެންބަރުން އަދި ވެރިކަމުގެ ބާރުން ތިން މެންބަރުން ހިމަނައިގެން 'ޗެކް އެންޑް ބެލެންސް'ކޮށް ކަމަށް އިބުރާ ވިދާޅުވިއެވެ. "މި ތިނެތި ބެލެންސްވީ ނޫންތޯ؟ އެއީ، ހަދާފައި އޮތް ގޮތަކީ. ދައުލަތުގެ ތިން ބާރު ބެލެންސްކޮށްފައި ހަދާފައި އޮތް އެއްޗެއް ޖޭއެސްސީއަކީ. އެއަށް އެއްވެސް ބަދަލެއް ގެނެސްފިއްޔާ ކޮންމެ ވެސް އެއްކޮޅަކަށް ބަރުވާނެ،" އިބުރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޖުޑިޝަރީ ދާއިރާގައި މައްސަލައަކަށް ދިމާވެގެން އުޅޭ މައްސަލައިގެ ވާހަކައެއް އެއްވެސް މީހަކު ނުދައްކާ ކަމަށެވެ. "ސިޔާސީ ޕާޓީއެއްގެ ވާހަކަ އަންނަ ހިސާބުން މި ގޯސްވަނީ،" އޭނާ ތަފުސީލުކޮށްދެއްވިއެވެ. މިސާލެއްގެ ގޮތުން އިބްރާ ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރެވެ. "އަޅުގަނޑު ވަރަށް ގިނައިން ކުރާ ސުވާލެއް އެއީ. މިހާރު މި ރާއްޖޭގަ މިއޮތީ ރައްޔިތުންގެ މަޖިލީހެއްހޭ؟ ނޫނީ ސިޔާސީ ޕާޓީތަކުގެ މަޖިލީހެއްހޭ؟ އޮޅެއޭ އެބަ މިހާރު،" އިބުރާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް ސިޔާސީ ޕާޓީއަކީ މަޖިލީހުގައި ވަކި ދައުރެއް އޮތް ބައެއް ނޫން ނަމަވެސް މަޖިލީހުން އަމިއްލައަށް މަޖިލީހުގައި ސިޔާސީ ޕާޓީއޭ ކިޔައިގެން މަޖިލީހުގެ ގަވާއިދުގައި ލިޔެފައި އޮތީ ކަމަށް އިބުރާ ވިދާޅުވިއެވެ. އެއީ، ލިޔަންޖެހޭ ވާހަކައެއް އަދި ލިޔެވޭނެ ވާހަކައެއް ވެސް ނޫން ކަމަށާއި މަޖިލީހަށް މަޖިލީހުގެ ގަވާއިދު ހެދުމުގެ ބާރު އޮތުމުން އެގޮތަށް ލިޔަނީ ކަމަށް އޭނާ ވިދާޅުވިއެވެ. "އެކަމަކު ގާނޫނުއަސާސީގެ 75 ވަނަ މާއްދާ ވަރަށް ސާފުކޮށް އެބަ ބުނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަސައްކަތްކުރަންވީ ގޮތް. އެއަކު ނޯވޭ އޭނާ ތަމުސީލުކުރާ ޕާޓީގެ ވާހަކައެއް. އޭގައި އޮންނަނީ ރައްޔިތުންގެ ވާހަކަ. އަދި ވަކި ދާއިރާއަކުން ވިޔަސް ހޮވިފައި އޮންނަ މީހަކު ވިޔަސް، ހޮވުމަށް ފަހު ދެން އޭނާ މަސައްކަތްކުރަން ޖެހޭނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މަންފާއަށް،" އިބުރާ ވިދާޅުވިއެވެ. "އެ މީހަކު އިންތިޚާބުވާ ދާއިރާގެ ރައްޔިތުންގެ ވިސްނުން މަޖިލީހަށް ގެންނަން ލާ މިހެއް އެއީ. އޭނާއަކީ އޭނާގެ ދާއިރާގެ މީހުންގެ ގެދޮރަށް ޓިނު ހޯދަން ލާ މީހެއް ނޫނޭ. ގައުމުގެ ބޮޑެތި ނިންމުން ނިންމަން މަޖިލީހަށް ހުށަހެޅުނީމާ ރައްޔިތުންގެ ބައިވެރިވުން ގެނައުމުގެ ދައުރު އޮންނަ މީހާ،" ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން -- ފޮޓޯ/ ޖޭއެސްސީ އިބުރާ ވިދާޅުވީ، މިހާރު އުޅެނީ ގާނޫނުއަސާސީގެ މަފްހޫމުތައް ވަރަށް ބޮޑަށް އޮޅިގެން ކަމަށެވެ. އެހެންކަމުން މައްސަލައަކީ ގާނޫނުއަސާސީ އޮތް ގޮތް ނޫން ކަމަށާއި މައްސަލައަކީ ގާނޫނުއަސާސީގައި އޮތް ގޮތަށް އަމަލުނުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. "އިޚުލާސްތެރިކަމެއް ނެތީ، އެކޮޅުކޮޅުން ޖަހައިގެން މި އުޅެނީ،" އޭނާ ވިދާޅުވިއެވެ. އިބުރާ ވިދާޅުވީ، ކޮންމެ ގޮތެއް ވިޔަސް ޖޭއެސްސީގައި ވެސް ތިއްބަވާނީ އިންސާނުން ކަމަށާއި އެ މަގާމުގައި އެ މީހަކު އަންނާނީ ވެސް އަމިއްލައަށް ނޫން ކަމަށެވެ. އަދި، އެ މީހަކު ގޯސްތަކެއް ހަދާނަމަ އެ މަގާމުން ވަކިކުރާނީ ވެސް އަމިއްލައަކަށް ނޫން ކަމަށެވެ. "އައްޔަނުކުރާނީ ވަކި ބަޔަކު، ވަކިކުރާނީ ވަކި ބަޔަކު. އެހެންވީމާ ސިޔާސީ ވިސްނުން އެތަނަށް ނުވާންނާނެ ގޮތެއް ވިދާޅުވެދެއްވާ!" އިބުރާ ވިދާޅުވިއެވެ. އެހެންވެ، ޖޭއެސްސީ އެކުލަވައިލީ ވެސް ސިޔާސީ ނުފޫޒު ވަންނާނެ ކަމަށް ބަލައިގެން ކަމަށާއި ތިން ބާރު ބެލެންސްކުރީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ. ޖޭއެސްސީ ސިޔާސީ ވެގެން މިއުޅެނީ ކޮންމެހެން މަޖިލީހުގެ ރައީސް އިންނެވުމުން ނުވަތަ މަޖިލީހުގެ މެންބަރަކު އިންނެވުމުން ނުވަތަ ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅަކު އިންނަވާތީ ނޫން ކަމަށް އިބުރާ ވިދާޅުވިއެވެ. ދައުލަތުގެ މަގާމަކަށް އާދެވުމުން އެއީ ތިމަންނާ ބޭނުންވާ ގޮތަށް ކަންކަން ނިންމަން ލިބުނު ބާރެކޭ ހިތަށް އަރާތީ މައްސަލައަކަށް ވަނީ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އަބަދުވެސް ބަލަންޖެހޭނީ ރައްޔިތުން އެދެނީ ކިހިނެއްތޯކަން ކަމަށް އޭނާ ވިދާޅުވިއެވެ. ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް ރާއްޖޭގެ ޖުޑިޝަރީގެ ނިޒާމާ މެދު ކަންބޮޑުވެ، ބައިނަލްއަގުވާމީ ގޮތުން ސަމާލުކަން ލިބިފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައެވެ. ފެބްރުވަރީ މަހުގެ 26ގައި ޖޭއެސްސީން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރީ، މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ލަތީފު ސްޕާއަކުން ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ގެންދިޔުމުން، އޭނާ މިނިވަންކުރުމަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ. ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ބަލަމުން އަންނައިރު، ޖޭއެސްސީން މި މައްސަލަ ތަހުގީގުކޮށް، އަޒްމިރަލްދާއާއި މަހާޒު މަގާމުން ވަކިކުރަން ނިންމައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. މިހާރު އެ މައްސަލަ އޮތީ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީގައެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދު ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ. އެ ފަހުން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ