މަރުގެ މަލާއިކަތާ ފެނުމުން ކިތަންމެ ބާރަށް ރޮއި އާދޭސްކުރިޔަސް ޙާޞިލުކުރެވޭނެ އެއްކަމެއްވެސް ނެތް! ރޯން ނުޖެހޭނީ މިއަދު އެކަމަށް ވިސްނައި ސަމާލުކަންދިން މީހަކަށް!

އެކުވެރީންނޭވެ! ޣާފިލް ކަމުގެ ނިދީން ނިދާފައިތިއްބައި ކުއްލިއަކަށް މަރުއައިސް ޖެހުމުން ވެގެންދާނޭގޮތް ކީރިތި ޤުރުއާނުގެ المؤمنون ސޫރަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. 
(حَتَّىٰ إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَ‌بِّ ارْ‌جِعُونِ ﴿٩٩﴾ لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَ‌كْتُ ۚ كَلَّا ۚ إِنَّهَا كَلِمَةٌ هُوَ قَائِلُهَا ۖ وَمِن وَرَ‌ائِهِم بَرْ‌زَخٌ إِلَىٰ يَوْمِ يُبْعَثُونَ ﴿١٠٠﴾) 
މާނައީ: "އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަށް ދާންދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ حياة އަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ! (އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި صالح عمل ކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ފަހަތުގައިވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާނދެނެވެ." 
އަޅުގަނޑުމެން ވިސްނަންވީ މި ވަގުތަށްޓަކައެވެ. ކަންއޮތީ މިހެންކަމުގައިވީނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ޙަޤީޤީ މަޤްސަދު އޮޅުވާލައި ޙަޔާތާއިމެދު ޣާފިލްވާ ކުދީން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާކަމެވެ. އަޅުގަނޑުމެންގެ ޙަޔާތަކީ ދާދި ކުޑަކުޑަ ވަގުތުކޮޅެކެވެ. މި ފަނާވަނިވަ ދުނިޔެއަށް އަލްވަދާޢު ކިޔަން ހަމަ ކޮންމެ ވަގުތަކުވެސް އަޅުގަނޑުމެންނަށް ޖެހިދާނެއެވެ. އަޅުގަނޑުމެން ތައްޔާރުވާންވީ ވަދާޢުގެ ވަގުތަށެވެ. ދުނިޔެއަށް ފާރަލައި މުޅި ޙަޔާތް މި ފަނާވަނިވި ދުނިޔެ އާބާދު ކުރަން އުޅުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ގިނަ ވަގުތު ހޭދަ ކުރަންޖެހޭނީ އުޚްރަވީ ޙަޔާތް ބިނާކޮށް އެޙަޔާތް ބާއްޖަވެރި ކުރުމުގައެވެ. އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތުގެ ވަގުތުކޮޅަކީ ދާދި ކުޑަ ވަގުތުކޮޅެކެވެ. 
ކީރިތި ރަސޫލާ  صلى الله علىه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
"ދުނިޔެމަތީގައި އުޅޭއިރު ތިބާއަކީ ދަތުރުވެރިއެއްފަދައިން ވާށެވެ" 
ނިކަން ވިސްނަވާ ބައްލަވާށެވެ. ދަތުރުވެރިއަކު ދަތުރުކުރަމުންގޮސް ވަރުބަލިފިލުވާލަން މަޑުކޮށްލާތަނުގައި ބޮޑު ގެއެއްއަޅައި، އެމީހާގެ އަތުގައި ހުރި ހުރިހާއެއްޗެއް އެތަނަށްޓަކައި ބޭނުންކޮށް ހުސްކޮށްލުމަށްފަހު ދެން އަނެއްކާ ދަތުރަށްފަށައިގަންނަ ވަގުތު ވާނީ ކިހިނެއްތޯއެވެ؟ ހަމަ ޔަގީނުންވެސް ދަތުރު ބާއްޖަވެރިވެގެނެއް ނުދާނެއެވެ.
ވީމާ އަޅުގަނޑުމެން މިކަމާދޭތެރޭ ވިސްނާލަންޖެހެއެވެ. އަޅުގަނޑުމެންގެ އާޚިރަތް ބާއްޖަވެރި ކުރެވޭނީ ދުނިޔެއަށްވުރެ އާޚިރަތް އިސްކޮށް ދުނިޔެމަތީގައި ބީރަށްޓެހިވީ ވަރަކުންނެވެ. އަޅުގަނޑުމެން ފުރިހަމައަށް ތަބާވާންޖެހެނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށެވެ. ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރަންޖެހޭނީ ޞަޙާބީންނާއި، ތާބިޢީންނާއި، ތަބާ އައްތާބިޢީންގެ މަގުންނެވެ. ހިތްހަމަޖެހުމާއި ފަލާޙާއި ކާމިޔާބުއޮތީ ހަމައެކަނި ﷲގެ ދީނުގައެވެ. ﷲ ގެ ޝަރީޢަތުގައެވެ.
 
- މުޙައްމަދު ނިމާލް ޖަމާލް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ