އިންސާނާ ކިތަންމެ ބާރުގަދަ ކަމުގައި ހީވިޔަސް...
އަބަދުވެސް އިންސާނާއަކީ އެހެންފަރާތެއްގެ އެހީތެރިކަން ބޭނުންވާ މީހެކެވެ. އެންމެ ކުޑަދުވަހުންފެށިގެން ބޮޑުވެ ތަޞައްރަފު ފުދި، އޭގެ ފަހުން މުސްކުޅިވެ ގައިބާރުދެރަވާ ދުވަހު ވެސް މެއެވެ. އޭނާގެ އެންމެ ޒުވާން ފުރައިގައި، ގައިބާރުގަދަ ޢުމުރުގައި، އޭނާ އެއީ އެހެން މީހެއްގެ އެހީ ބޭނުންނުކޮށް އުޅެވޭނޭ މީހެއް ކަމުގެ އިހުޞާޞް ވަރަށް ގިނަ ފަހަރު ކުރެވެއެވެ. އަދި އެފަދަ އިބާރާތްތައް އޭނާއަށް ބުނެވޭ ފަހަރު ވެސް އާދެއެވެ. ވަކިން ޚާއްޞަކޮށް ތިމާގެ ވަށައިގެން ތިބޭ މީހުން ތިމާގެ ބޮޑުކަން ބަލައިގަނެ ތިމާއަށް ހުޝާމަދު ކުރުން ގިނަވެއްޖެއްޔާ، މި އިހުޞާޞް ކުރެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. ތިމާގެ ބޮޑުކަން ބޮޑޭ ހީވެ، އެއަށްވުރެ ބާރުގަދަ ފަރާތެއް ނެތޭ ހީވާ ކަމުގެ އިހުޞާޞްވާން ފަށައެވެ. އެފަދަ މީހުންގެ މިސާލު ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ޖައްސަވައިފައެވެ. އެ ގޮތުން ޖާލޫތާއި، ނަމްރޫދާއި، ފިރްޢައުނު ފަދަ މީހުންނަކީ ކިބުރުވެރިކަމުގެ ގޮތުން އަރައިތިބި މީހުންނެވެ. ޖާލޫތު ވީ ހެވިކަމުގެ ގޮތުން އޭނާގެ ޒަމާނުގައި ހުރި އެންމެ މޮޅުމީހާއަށެވެ. މާތް ﷲއަށް ތަބާވެގެން ތިބި މީހުންގެ ރަސްކަމުގައި ހުންނެވި ޠާލޫތުގެ ލަޝްކަރު ބިމާހަމަކޮށްލަން އޭނާ ނިކުތުމުން ﷲ އޭނާގެ މަރު ލެއްވެވީ ދާވޫދުގެފާނު ދެއްވި ހަމަލާއެއްގައެވެ. އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުންނެވި ދާވޫދުގެފާނު އެންމެ ސާޅަނގައެއް އެކަނި ހިތްޕަވައިގެން އޭނާގެ ކުރިމައްޗަށް ނުކުމެވަޑައިގެންނެވީ ދަގަނޑު ދަހަނާއެއް ވެސް ހަށިކޮޅުގައި ނެތް ހާލުއެވެ. އެހެނަސް ޖާލޫތު ހުރީ ދަހަނާއަޅާ ފުރިހަމައަށް ތައްޔާރުވެގެންނެވެ. މަލާމާތުގެ ބަސްތައް ދާވޫދުގެފާނަށް ރައްދުކުރަމުން ދަނިކޮށް، އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ސާޅަނގައިން ފޮނުވައިލެއްވި އެންމެ ހަމަލާއަކުން އެ ޖައްބާރު ކިބުރުވެރިޔާ ބިމަށް ވެއްޓުނީ ފުރާނަ މައްޗަށް ދޫކޮށްލަމުންނެވެ. އަދި ހުރިހާ އާރަކާއި ބާރެއް ދާވޫދުގެފާނަށް މިލްކުވެވަޑައިގެންނެވިއެވެ. ﴿... وَقَتَلَ دَاوُودُ جَالُوتَ وَآتَاهُ اللَّهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهُ مِمَّا يَشَاءُ ...﴾ (البقرة: 251). މާނައީ:- "އަދި، ދާވޫދުގެފާނު، ޖާލޫތު ޤަތުލުކުރެއްވިއެވެ. އަދި، ﷲ، އެކަލޭގެފާނަށް ރަސްކަމާއި، ޙިކުމަތް (އެބަހީ: ނަބީކަން) ދެއްވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކަންތަކެއް އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ." ނަމްރޫދަކީ ވެސް އެފަދަ ޖައްބާރެކެވެ. އޭނާ ނޫން ކަލަކު ނުވާ ކަމަށް ދައުވާކުރީ އޭނާގެ ރަސްކަން ބަލައިގަނެގެން ތިބި މީހުން އޭނާ އެ ދަރަޖައަށް ގެންދިޔައިމައެވެ. މީހުން މެރުމާ ދިރުވުން އެއީ އޭނާއަށް މިލްކުވެގެންވާ ކަމެއްގެ ގޮތުގައި އޭނާ ދެކުނެވެ. އަދި އެ ކަމާ އޭނާ ޢިބްރާހީމްގެފާނާ ޖަދަލުކުރިއެވެ. އެހެނަސް އޭނާގެ ނިކަމެތިކަމާ އާރެއްބާރެއް ނެތްކަން އެނގިގެންދިޔައީ އިބްރާހީމްގެފާނު ކުރެއްވި އެންމެ ސުވާލަކުންނެވެ. އެ ވާހަކަ ކީރިތި ޤުރްއާނުގައި މާތްﷲ ގެންނަވައިފައި ވަނީ މިފަދައިންނެވެ. ﴿أَلَمْ تَرَ إِلَى الَّذِي حَاجَّ إِبْرَاهِيمَ فِي رَبِّهِ أَنْ آتَاهُ اللَّهُ الْمُلْكَ إِذْ قَالَ إِبْرَاهِيمُ رَبِّي الَّذِي يُحْيِي وَيُمِيتُ قَالَ أَنَا أُحْيِي وَأُمِيتُ قَالَ إِبْرَاهِيمُ فَإِنَّ اللَّهَ يَأْتِي بِالشَّمْسِ مِنْ الْمَشْرِقِ فَأْتِ بِهَا مِنْ الْمَغْرِبِ فَبُهِتَ الَّذِي كَفَرَ وَاللَّهُ لاَ يَهْدِي الْقَوْمَ الظَّالِمِينَ﴾ (البقرة: 258). މާނައީ:- "ﷲ، އޭނާއަށް ރަސްކަންދެއްވާފައިވާތީ، އިބްރާހީމުގެފާނުގެ ވެރިރަސްކަލާނގެއާމެދު އެކަލޭގެފާނާ ޖަދަލުކުޅަ މީހާޔަށް ކަލޭގެފާނު ވިސްނައި ފިކުރުނުކުރައްވަމުތޯއެވެ؟ (އެއީ) އިބްރާހީމުގެފާނު ވިދާޅުވިހިނދެވެ. ދިރުއްވައި މަރުގަންނަވަނީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އޭނާ ބުންޏެވެ. އަހަރެން ވެސް ދިރުވައި އަދި މަރަމެވެ. އިބްރާހީމުގެފާނު ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން، ﷲ، އިރުމަތީފަރާތުން އިރު ގެންނަވައެވެ. ފަހެ، ކަލޭ، އެ އިރު ހުޅަނގުފަރާތުން ނިކަން ގެނެސް ބަލާށެވެ! ދެން، އެ ކާފިރުވި ކަލޭގެ ޙައިރާންވެ ބަސްހުއްޓިއްޖެއެވެ. އަނިޔާވެރިވެގެންވާ ޤައުމަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ." ދެން އޮތީ ފިރްޢައުނުގެ ވާހަކައެވެ. ފިރްޢައުނޭބުނުމުން އޭގެން ދޭހަވަނީ މޫސާގެފާނުގެ ޒަމާނުގައި މިސްރުގައި ވެރިކަންކުރި މީހާއެވެ. އޭނާ ބުނަމުންދިޔައީ އެއީ އެންމެ މަތިވެރި ރައްބު ކަމުގައެވެ. ﴿فَقَالَ أَنَا رَبُّكُمُ الأَعْلَى﴾ (النازعات: 24). މާނައީ:- "ފަހެ، އޭނާ (ފިރްޢައުނު) ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ." ﷲ އޭނާގެ ގާތަށް ދައުވަތާއިގެން މޫސާގެފާނާއި އެކަލޭގެފާނުގެ ބޭބޭފުޅު ހާރޫނުގެފާނު ފޮނުއްވެވިހިނދު އޭނާ ބުންޏެވެ. ﴿قَالَ فَمَنْ رَبُّكُمَا يَامُوسَى﴾ (طه: 49). މާނައީ:- "އޭނާ (ފިރްޢައުނު) ބުންޏެވެ. އޭ މޫސާގެފާނެވެ! ތިޔަ ދެ ބޭކަލުންގެ ވެރިރަސްކަލާނގެއަކީ ފަހެ، ކާކުހެއްޔެވެ؟ ﴿قَالَ رَبُّنَا الَّذِي أَعْطَى كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَى﴾ (طه: 50). މާނައީ:- "އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ސިފައާއި، ޠަބީޢަތް ދެއްވައި، ދެން ތެދުމަގު ދެއްކެވި ރަސްކަލާނގެއެވެ." ދެން އެ މަތިވެރިކަމަށް ދައުވާކުރި ޖައްބާރުކަލޭގެ އޭނާގެ ވަޒީރުގެ އެހީ ހޯދިއެވެ. އޭނާ ބުންޏެވެ. އެ ބުނާ ކަލަކު ހޯދަން ތިމަންނާ ވެސް ބޭނުމެވެ. ތިމަންނާއަށް ޓަކައި އުސްތަނެއް ބިނާކޮށްދީބަލައިށެވެ. وَقَالَ فِرْعَوْنُ يَاأَيُّهَا الْمَلَأُ مَا عَلِمْتُ لَكُمْ مِنْ إِلَهٍ غَيْرِي فَأَوْقِدْ لِي يَاهَامَانُ عَلَى الطِّينِ فَاجْعَل لِي صَرْحًا لَعَلِّي أَطَّلِعُ إِلَى إِلَهِ مُوسَى وَإِنِّي لَأَظُنُّهُ مِنَ الْكَاذِبِينَ (القصص: 38). މާނައީ:- "ފިރްޢައުނު ބުންޏެވެ. އޭ (އަހުރެންގެ ޤައުމުގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ. އޭ ހާމާނެވެ! އަހުރެންނަށް މަށިން އީޓު ހަދައިދޭށެވެ! އަދި އަހުރެންނަށް އުސްގަނޑުވަރެއް ތައްޔާރުކޮށްދޭށެވެ! (އެއީ) މޫސާގެފާނުންގެ އިލާހު އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، އެކަލޭގެފާނުވަނީ ދޮގުވެރިންގެ ތެރެއިން ކަމަށެވެ." އެންމެ މަތިވެރި އިލާހު ކަމުގައި އޭނާ ވާޙާލު، އެހެންމީހުންގެ މަދަދަށް އެދެނީ ކީއްވެބާއެވެ؟ އެއިންއެނގެނީ އޭނާއަކީ ވެސް އިންސާނެއްކަމެވެ. އިންސާނަކައްވީތީ އަބަދުވެސް މަދަދަށް އެދެވޭނޭ ކަމެވެ. މަދަދު އެދުމުން އެއްކިބާވެގެންވަނީ ހުރިހާ މަދަދެއްގެ ވެރިފަރާތެވެ. އެއީ ހުރިހާ މަޚްލޫޤުންގެ ވެރި އިލާހެވެ. އެއީ ﷲއެވެ. އެއީ ފުދިވޮޑިގެންވާ ޙަމްދު ލިބިވޮޑިގެންވާ އިލާހެވެ. ﴿اللَّهُ الصَّمَدُ﴾ (الإخلاص: 2). މާނައީ:- "اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ." މިއަދު ބިމުގައި ޖައްބާރުވެގެން އުޅޭ އަނިޔާވެރިން ވެސް މާތް ﷲގެ ކޯފާއާއި އަޒާބުގެ ކުރިމަތީ އެންމެ ނިކަމެތިވެ ބާރުވެރިކަން ނެތި ހިނގައިދާނެއެވެ. އެ މީހުންގެ ގަދަފަދަކަމާއި އަނިޔާވެރިކަން ފެނި ޙައިރާންވާ ބަޔަކު ކަމުގައި އަޅުގަނޑުމެން ނުވަމުއެވެ. ދާދިއަވަހަށް އެ އެންމެން ނިކަމެތިވެ ﷲގެ ދީން މަތިވެރިވާ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ