ލައިލަތުލްޤަދްރްވިލޭރޭ ތިބާއާ ބަދަލުކޮށްފިނަމަ ހިތްހަމަޖެހުން ލިބޭނެ! ނަމާދުގަ ޚުޝޫޢަތްތެރިވާން ފަސޭހަވާނެ!: ޢުމަރު ސުލައިމާން

މިރެއަކީ ލައިލަތުލްޤަދްރްވިލޭރޭ ކަމަށް ޤަބޫލުކުރެވި ބައެއް ކިޔުންތެރިން ކުރިމަތިކުރަވަމުން އަންނަ ބައެއް ސުވާލުތަކަށް ޖަވާބެއްގެ ގޮތުން މިގެނެސްދެނީ އިމާމް ޢުމަރު ސުލައިމާންގެ ބަސްފުޅެކެވެ.  
"ލައިލަތުލްޤަދްރް ވިލޭރޭ އެމީހަކާއި ބައްދަލުވެ އެމީހާއަށް އެރޭގެ މަތިވެރިކަން ޙާޞިލުކުރެވޭނެ މީހުންނަށް އެކަމުގެ އިޙްޞާޞް އެކި ގޮތްގޮތުން ކުރެވޭނެއެވެ. ހިތަށް ހަމަޖެހުން ލިބޭނެއެވެ. ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ހިތްވަރުލިބޭނެއެވެ. އަދި އިތުރަށް އަޅުކަންކުރަން ޝައުޤުވެރިކަން އުފެދޭނެއެވެ.  
ނަމަވެސް މިކަންކަން އެމީހަކަށް ލިބިގެންދާނީ އޮޓޮމެޓިކަކުން ނޫނެވެ. އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ. އެހެނީ ﷲ ތަޢާލާ ކަންކަން ހިންމަވައި ދެއްވަވާނީ އެކަމަށް އެދިގެން މަސައްކަތްކުރާ އަޅުންނަށެވެ." 
ވިސްނާށެވެ! މިރެއަކީ ލައިލަތުލްޤަދްރްވިލޭރޭ ކަމަށް ތިބާއަށް އިޙްޞާޞްކުރެވޭނަމަ އޮތީ އަޅުކަމުގައި ހީވާގިވުމެވެ. މާބާރަށް ކަންކަން ކުރަން މަސައްކަތް ނުކުރާށެވެ! މިބުނަނީ އަވަސް އަރުވާލައިގެން ކަންކަން ކުރަން ނުއުޅޭށެވެ! ހަމަޖެހިލައިގެން އިނދެ ކަންކަން ކުރާށެވެ! ޤުރްޢާން ކިޔެވިނަމަވެސް އަދި ނަމާދުކުރިނަމަވެސް އަދި ޛިކުރުކުރި ނަމަވެސް މެއެވެ.  
ޢިލްމްވެރިން ބަޔާންކުރައްވަވާ ގޮތުގައި ރަޙްމަތުގެ މަލާއިަކަތު ބިންމަތީގައި ނުވާ އެއްވެސް ތަންކޮޅެއް ލައިލަތުލްޤަދްރިވިލޭރޭ ބިންމަތީގައި ނުވެއެވެ. އެހައި ގިނަ ޢަދަދެއްގެ މަލާއިކަތުން ބިމަށް ފައިބައިވަޑައިގަންނަވައެވެ. ޖިބްރީލްގެފާނުވެސް ފައިބައިވަޑައިގަންނަވައެވެ. ގޭގެއަށް މަލާއިކަތުން ޒިޔާރަތްކުރައްވަވާނެއެވެ. އެގެއެއްގައި އަޅުކަންކުރަމުން ގެންދާނަމަ އެގެއެއްގައި މަޑުކުރައްވަވާނެތެވެ.  
އެހެންކަމަށްވާއިރު ތިބާގެ ގޭގައި އަޅުކަންކުރުން ހުއްޓައިނުލާށެވެ! ޖިބްރީލްގެފާނުވެސް ޒިޔާރަތްކުރައްވަވާނެ ކަމަށް އުންމީދުކުރާށެވެ!  
ލައިލަތުލްޤަދްރިވިލެރޭ ސިއްރުކުރައްވަވާފައިވުމުން އަހުރެމެންނަކަށް އެރެއަކީ ކޮންރެއެއް ކަމެއް ނުއެނގޭނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ލައިލަތުލްޤަދްރިވިލެރޭ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާ އަޅުންނަށް އެރެއާއި ބައްދަލުކުރެވުމުން އެރޭގެ މަތިވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ