ދުނިޔޭގެ އެންމެ ބޮޑު އީސްޕޯޓްސް އިވެންޓު، އީސްޕޯޓްސް ވޯލްޑް ކަޕް (އީޑަބްލިއުސީ) ގައި ޗެސް ހިމަނަން ނިންމައިފި އެވެ. މިއީ މި މުބާރާތުގައި ޗެސް ހިމެނި ފުރަތަމަ ފަހަރެވެ.
ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ޖުލައި 31 އިން އޮގަސްޓް 4 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ދުނިޔޭގެ ފެންވަރުގެ ޗެސް ކުޅުންތެރިން ބައިވެރިވަމުންދަނީ އީސްޕޯޓްސް ޓީމްތަކުގެ ކުޅުންތެރިންގެ ގޮތުގައެވެ.
އީސްޕޯޓްސް ވޯލްޑް ކަޕްގައި ޗެސް ހިމެނިގެން ދިޔައީ 2024 ގެ ޑިސެމްބަރު މަހު އީސްޕޯޓްސް ވޯލްޑް ކަޕް ފައުންޑޭޝަން (އީޑަބްލިއުސީއެފް) އާއި މަޝްހޫރު އޮންލައިން ޗެސް ޕްލެޓްފޯމް, ޗެސް.ކޮމް (chess.com) އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
ފަސް ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ މެގްނަސް ކާލްސަން ވަނީ މި މުބާރާތުގެ ގްލޯބަލް އެމްބެސެޑަރު ކަމަށް އައްޔަންކުރެވިފަ އެވެ.
މި މުބާރާތުގައި 24 މަޝްހޫރު ގޭމިން ޓައިޓަލްތަކެއްގެ ދަށުން އެކިއެކި އީސްޕޯޓްސް ކްލަބްތައް ވާދަކުރާއިރު، 1.5 މިލިއަން ޑޮލަރުގެ އިނާމު ކަނޑައެޅިފައިވެއެވެ. މި މުބާރާތުގައި ޓައިމް ކޮންޓްރޯލް ހަމަޖެހިފައިވަނީ ކޮންމެ ގޭމަކަށް 10 މިނެޓު (10+0) ގެ މައްޗަށެވެ.
އާންމު އޮންލައިން ޗެސް މުބާރާތްތަކާ ހިލާފަށް އީސްޕޯޓްސް ވޯލްޑް ކަޕްގައި ކުޅުންތެރިން ގެންގުޅޭނީ ހައިބްރިޑް މޮޑެލެކެވެ. އެންމެ މޮޅު 16 ކުޅުންތެރިން ރިޔާދުގައި އެއްތަނަކަށް އެއްވެ ވާދަކުރާނީ ޓްރެޑިޝަނަލް ބޯޑްތަކުގެ ބަދަލުގައި ކޮމްޕިއުޓަރ މެދުވެރިކޮށް ލޭން ސްޓައިލް ސެޓްއަޕެއްގައެވެ.
ދުނިޔޭގެ އެންމެ މޮޅެތި ޗެސް ކުޅުންތެރިން މި އީސްޕޯޓްސް މުބާރާތަށް ޝައުޤުވެރިކަމާއެކު ކުރިމަތިލާފައިވާއިރު، އެފަދަ ކުޅުންތެރިންގެ ތެރޭގައި ޓީމް ލިކުއިޑްގައި މެގްނަސް ކާލްސަން އަދި އެމެރިކާގެ ފެބިއާނޯ ކަރުއާނާ ހިމެނެއެވެ. އަދި ޓީމް ފޯލްކަންސްގައި ސްޕީޑް ޗެސް ސްޕެޝަލިސްޓް ހިކަރު ނަކަމުރާ އަދި ފްރާންސްގެ އަލިރެޒާ ފިރޯޒްޖާ ހިމެނެއެވެ. މީގެ އިތުރުން، އިއާން ނެޕޮމްނިއަކްޗީ ޓީމް އައުރޯރާގައި އަދި ކުރީގެ ވޯލްޑް ޗެމްޕިއަން ޑިންގ ލިރެން ޓީމް އެލްޖީޑީ ގޭމިންގ އާ ގުޅިފައިވެއެވެ.
އެފްއައިޑީއީ (ފިޑޭ) އީސްޕޯޓްސްގެ ގޮތުގައި ޗެސް ކުޅިވަރު ކުރިއަށްދިއުމާ މެދު އަދިވެސް ސީދާ ނިންމުމެއް ނިންމާފައެއް ނުވެއެވެ. މިކަމަށް ދުރުހެލިވުމުގެ ސިޔާސަތެއް ގެންގުޅޭކަމަށް ބެލެވެނީ މިފަދަ މުބާރާތްތައް އިންތިޒާމްކުރަނީ chess.com ފަދަ އަމިއްލަ ކުންފުނިތަކުން ކަމަށްވާތީއެވެ.
ޗެސް ކުޅިވަރަކީ 1000 އަހަރަށްވުރެ ގިނަ ދުވަހުގެ ތާރީހެއް އޮތް ކުޅިވަރެއް ނަމަވެސް، މި ކުޅިވަރަށް އައު މަޤްބޫލުކަމެއް ލިބިފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާއެކު އޮންލައިން ގޭމްޕްލޭގެ ސަބަބުންނެވެ.
2022 ވަނަ އަހަރު ބޭއްވުނު އެފްޓީއެކްސް ކްރިޕްޓޯ ކަޕް އާއެކު ޗެސްގެ އީސްޕޯޓްސް ދަތުރު ފަށައިގަތްއިރު، ޗެމްޕިއަންސް ޗެސް ޓުއާގެ ދަށުން ކުޅުންތެރިން ލޭން ސެޓްއަޕްގައި ވާދަކުރަން ފެށިއެވެ.
އީސްޕޯޓްސް ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ޗެސް ހިމަނައިފި އީސްޕޯޓްސް ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ޗެސް ހިމަނައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ