ގެއްލުމުގެ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފައިނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް ރިޕޯޓް"އާ ހަވާލާދީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށެވެ.
"ހަވާލާދީފައިވާ ރިޕޯޓުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ރިޕޯޓު ކުރެވިފައިވީ ނަމަވެސް، އެ ފައިސާއަކީ އަދި މިހާތަނަށް ދޫކޮށްފައިވާ ނުވަތަ ޕޭމަންޓު ޕްރޮސެސްކޮށްފައިވާ ފައިސާއެއް ނޫން ކަމުގައި ދަންނަވަމެވެ. ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް ރިޕޯޓުން ފެންނަ އަދަދަކީ އިންޓަނޭޝަނަލް އާބިޓްރޭޝަނަކާ ގުޅިގެން އެ ޓްރާންސެކްޝަން ޕަބްލިކް އެކައުންޓިން ސިސްޓަމްއަށް ޕޯސްޓުކުރުމަށް ރިޕޯޓު ކުރެވިފައިވާ އަދަދެއް،" ފިނޭންސުން ބުންޏެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށް، ނިންމާފައިވާ ނިންމުންތަކުގެ އިތުރުން އިންޓަނޭޝަނަލް އާބިޓްރޭޝަނުން ދައުލަތާ ދެކޮޅަށް ނިންމާފައިވާ މައްސަލަތަކާ ގުޅިގެން ފައިސާ ދޫކުރަން ކުރީ ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސުން ބުންޏެވެ. އޭގެ ތެރޭގައި ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ނިންމާފައިވާ ނިންމުންތައް ވެސް ހިމެނޭ ކަމަށެވެ. ކުރީ ސަރުކާރުން ބައެއް ފަރާތްތަކާއެކު ސެޓްލްމެންޓު އެގްރީމެންޓުތައް ހަދާފައިވާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.
ނަމަވެސް މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވެ، ގެއްލުމުގެ ބަދަލުދިނުމަށް ކުރީ ސަރުކާރުން އުފައްދާފައިވާ ސެޓްލްމެންޓު ކޮމިޓީ އުވާލައިފައިވާ ކަމަށް ފިނޭންސުން ބުންޏެވެ. އަދި އެ ކޮމިޓީން ބެލި މައްސަލަތައް އެޓާނީ ޖެނެރަލްގެ ލަފާއާއެކު އަލުން މުރާޖާ ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ބުންޏެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދީފައިނުވާނެ: ފިނޭންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ