ލަންކާގެ އިގްތިސާދީ ކާރިސާގެ ޒިންމާ ރާޖަޕަކްސަގެ ތިން ބެއިން ނަގަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ސްރީ ލަންކާއަށް މިދިޔަ އަހަރު ކުރިމަތިވި އިގްތިސާދީ ކާރިސާގެ ޒިންމާ އެ ގައުމުގައި ސިޔާސީ ގޮތުން ބާރުގަދަ އާއިލާ އަދި ގައުމުގެ އެންމެ އިސް މަގާމުތަކުގައި އޭރު ތިއްބެވި ރާޖަޕަކްސް އާއިލާގެ ތިން ބެއިން ނަގަން ޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ލަންކާގެ އިގްތިސާދީ ކާރިސާއާ ވިދިގެން އާންމުންގެ ބަޔަކު އެ ކޯޓަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ނިންމި މައްސަލައިގައި ބުނެފައިވާ ގޮތުގައި އިގްތިސާދީ ކާރިސާގެ ޒިންމާ އޭރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ކުރީގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސް އަދި ކުރީގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސަ ނަގަން ޖެހެ އެވެ.
އެ ތިން ބެއިންގެ އިތުރުން ދެން އެ ހާލަތުގެ ޒިންމާ ނަގަން ޖެހޭ ބޭފުޅުންގެ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ: 
ލަންކާގެ މަރުކަޒީ ބޭންކް، ސެންޓްރަލް ބޭންކް އޮފް ސްރީލަންކާ (ސީބީއެލް)ގެ ގަވަރުނަރު އަޖިތް ނިވާދު ކަރުބާލް 
ޓްރެޝަރީ ސެކްރެޓަރީ ނުވަތަ މާލިއްޔަތުގެ ވެރިޔަކަށް ހުންނެވި އެސްއާރު އާޓިގަލަ
ރައީސްގެ އޭރުގެ ސެކްރެޓަރީ ޕީބީ ޖަޔަސުންދަރަ
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި ލަންކާގެ އިގްތިސާދީ ނިންމުންތައް ނިންމުމުގައި އެ ބޭފުޅުން ވަނީ އިހުމާލުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން މިފަހުގެ ތާރީހެއްގައި އެ ގައުމުގެ އިގްތިސާދު ނުވެއްޓޭހާ ބޮޑު ވަޅުގަނޑަކަށް ވެއްޓިގެންދިޔަ އެވެ. 
ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަ ކުރި ގޮތުގައި އެބޭފުޅުންނާ ދެކޮޅަށް މައްސަލަ ހުށަހެޅި ފަރާތްތަކުގެ އަސާސީ ހައްގުތަކަށް އަރައިގެންފައިވާކަން ސާބިތުވެ އެވެ. އަދި އާންމުން އެ ބޭފުޅުންނަށް ކުރި އިތުބާރު ގެއްލޭ ގޮތަށް އަމަލުކޮށްފައިވާކަން ސާބިތުވާ ކަމަށް ވެސް ކޯޓުން ހުކުމްކުރި އެވެ. 
ލަންކާގެ އިގްތިސާދީ ކާރިސާ ކުރުކޮށް:
ލަންކާއަށް 1948ގައި އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނު ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާ
އިގްތިސާދީ މަސައްކަތްތައް ހިންގުމަށް ކަމަށް ބުނެ މަހިންދަގެ ރައީސްކަމުގައި ލަންކާއިން ބޭރުގެ އެކި ފަރާތްތަކުން 36 ބިލިއަން ޑޮލަރުގެ ލޯނު ނެގި؛ ބޮޑު އަދަދެއް ޗައިނާއިން
އެ ދަރަނިތައް ދައްކަން ޖެހުނީ 2020 ވަނަ އަހަރު؛ އެ އަހަރުގެ ކޮވިޑުގެ ދަތިކަމާ ކުރިމަތިވެ ޓޫރިޒަމް ހުއްޓި އެ ގައުމަށް ބޭރު ފައިސާ ލިބުން ހުއްޓުނު
ދަރަނިތައް ނުދެއްކި ޑީފޯލްޓް އެ ގައުމުން އިއުލާންކުރި އަދި ތެލާއި ބޭހާއި އަސާސީ މުދާ ގަންނާނެ ފައިސާ ގައުމުގައި ނެތި ބަޑަށް ޖެހުނު
ލަންކާއަށް ކުރިމަތިވި އެ ކާރިސާއިން އަދިވެސް އަރައި ނުގަނެވި އެ ކަމުން ސަލާމަތްވުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ އިރު އިގްތިސާދީ ކަންކަން ރަނގަޅު ކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ 2.9 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއްގައި އެ ގައުމުން ވަނީ ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ