ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު 100 އަސީރުން ބަދަލު ކޮށްފި

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ހައްޔަރު ކޮށްފައިވާ 100 އަސީރުން ދެ ޤައުމުގެ ދެމެދުގައި ބަދަލު ކޮށްފިއެވެ. ޔޫކްރެއިނުން ބުނީ، ރަޝިޔާ ސިފައިން ހައްޔަރު ކޮށްފައިވާ އެ ޤައުމުގެ 52 މީހުން މިނިވަން ކޮށްފައިވާ ކަމުގައެވެ. އަދި، ޔޫކްރެއިނުން ވެސް 50 އެއްހާ ރަޝިޔާ ސިފައިން މިނިވަން ކޮށްފައިވާ ކަމުގައެވެ.
ދެ ޤައުމުގެ ދެމެދުގައި އަސީރުން ބަދަލު ކޮށްފައި މި ވަނީ، ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރަން ރަޝިޔާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ހަނގުރާމަ ކުރީ ސަފަށް އިތުރު 300,000 ސިފައިން ފޮނުވާނެ ކަމުގައި ވިދާޅުވެފައެވެ.
"ރަޝިޔާގެ އަސްކަރިއްޔާއާ އަލަށް 300,000 ސިފައިން ގުޅިއްޖެ. އަސްކަރިއްޔާއާ ގުޅުމުގެ ފުރުޞަތު އަދިވެސް އޮތީ ހުޅުވައިލާފައި،" ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވިއެވެ. "ރަޝިޔާގެ ދިފާޢުގައި ހަނގުރާމަ ކުރަން ތެދުވި ސިފައިންނަށް ޝުކުރު އަދާކުރަން."
ރަޝިޔާގެ އަސްކަރިއްޔާއާ އަލަށް ގުޅުމުގެ ފުރުޞަތު ހުޅުވައިލުމާ އެކު، ހަނގުރާމައާ ދެކޮޅު ގިނަ އަދަދެއްގެ ބަޔަކު ވަނީ ރަޝިޔާ ދޫކޮށް އަވަށްޓެރި ޤައުމުތަކަށް ހިޖުރަ ކޮށްފައެވެ. އަލަށް ރަޝިޔާގެ އަސްކަރިއްޔާއާ ގުޅުނު ސިފައިންގެ ތެރެއިން 82,000 މީހުން މިހާރު ވެސް ހަނގުރާމައިގެ ކުރީ ސަފަށް ފޮނުވާފައި ވާނެ ކަމުގައި ވެސް ޝޮއިގޫ ވިދާޅުވިއެވެ.
41,000 ސިފައިން ޔޫކްރެއިނުގެ ސަރަޙައްދުތަކަށް ފޮނުވުމަށް ރަޝިޔާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އިތުރު 218,000 ސިފައިންނަށް ތަމްރީނު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ޝޮއިގޫ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ