ސްކޫލް ނިންމާ ފިރެހެން ކުދިން ދޮޅު އަހަރު ސިފައިންގޭގައި ޚިދުމަތްކުރުން މަޖުބޫރު ކުރާނަން: ޢުމަރު

ކޮންމެ ކުއްޖަކު ސްކޫލް ނިންމުމަށްފަހުގައި ސިފައިންގޭގައި ދޮޅު އަހަރު މަސައްކަތް ކުރުން މަޖުބޫރުކުރާނެކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ޢުމަރު މިހެން ވިދާޅުވީ، ޕީއެސްއެމްއާއި ސަންގު ޓީވީ ގުޅިގެން ގެނެސްދިން "ސަންގު ބަހުސް" ގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޢުމަރު ވިދާޅުވީ، މިހާރުގެ ޒުވާނުންގެ މެދުގައި އަހްލާޤީ ފެންވަރު ދަށްވަމުން އަންނަކަމަށެވެ. އެހެންކަމުން އައު މިސްރާބަކަށް ރާއްޖެ ދާން ބޭނުންވާނަމަ އަންނަން އޮންނަ ޖީލު ބިނާކުރަންޖެހޭކަމަށެވެ. އެގޮތުން ހީވާގި، މުރާލި، ޓާޝަރީ ތަޢުލީމާއި ހުނަރުވެރި ހުރި ޖީލެއް ގެންނަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ޢުމަރު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގައި ސްކޫލު ނިންމާ ކޮންމެ ފިރެހެން ކުއްޖަކަށް ސިފައިން ގޭގައި ވަކި މުއްދަތެއް ޚިދުމަތްކުރުން މަޖުބޫރުކުރާނެކަމަށެވެ. އަދި ކުދި ޤައުމުތައް ތަރައްޤީވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ނޭޝަނަލް ސަރވިސަސްކަން ވަނީ ފާހަގަކުރައްވާފައެވެ.
"މިހާރު އަޅުގަނޑުމެންގެ ދަރިން ޓީވީ ގޭމްތަކާ އެއްޗެހީގައި ބައިތިއްބައިގެން މި އުޅެނީ. އެކްޓިވިޓީސްގެ ތެރެއަށް އެބަޖެހޭ އަޅުގަނޑުމެންގެ ދަރިން ލާން ސްކޫލް ދަރުއުން ފެށިގެން. އޭގެ ފަހުން ކޮންމެ ފިރިހެން ކުއްޖަކީ ސްކޫލް ނިންމުމަށްފަހު ނެޝަނަލް ސާވިސް ފުރިހަމަ ކުރަންޖެހޭ ކުއްޖަކަށް ވާންޖެހޭ. އެއީ ސިފައިންގެއަށް ހިދުމަތް ކުރަންޖެހޭނެ ދޮޅު އަހަރު މަދުވެގެން. އޭރުން އަޅުގަނޑުމެންނަށް ބިލްޑް ކުރަމުން ގެނެވޭނެ ހީވާގި، މުރާލި އަދި އަހުލާގި ރަނގަޅު ޖެނެރޭޝަނެއް." ޢުމަރު ވިދާޅުވިއެވެ.
މި ބަހުސްގައި ވާހަކަދައްކަވަމުން ޢުމަރު ވިދާޅުވީ، ސިޔާސީގޮތުން ހިޔާލުތަފާތުވީނަމަވެސް އޭނާގެ ވެރިކަމެއްގައި އެއްވެސް މީހަކު ޖަލަށް ނުލާނެކަމަށެވެ. އޭނާ އަބަދުވެސް ވިދާޅުވާ ވާހަކަފުޅު މުޖްތަމައުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ގެންނަވާނެކަމަށް މި ބަހުސްގައިވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެގޮތުން ޑްރަގްގެ ވަބާ ރާއްޖެއިން ފުހެލައި، މަގުތައް އަމާންކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އޭނާގެ ސަރުކާރެއްގައި އިސްލާމީ ޝަރީއަތުގައި ހިފާނެކަމަށް ޢުމަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ