ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ޝަރީފު އެހެން ވިދާޅުވީ، ސްޓެލްކޯގެ އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ “ލީޑާޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިން” ޓެރެއިނިން ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދޭން އިއްޔެ ބޭއްވި ރަސްމިއްޔާތުގަ އެވެ.
ޓްރެއިނިންގެ މުހިންމުކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ސްޓެލްކޯއިން މީހުން ބިނާ ކުރުމަށް އިސްކަމެއްދީ، ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
” ސަބަބަކީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވެފައިވާ ފަދައިން، މީހުން ބިނާ ކުރުމަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ މީހުންނަކީ، އެންމެ ބޮޑު އެއް ރައުސުލްމާލު، އަދި މީހުން ބިނާކޮށްގެން މެނުވީ، އަޅުގަނޑުމެން ކުރިއަކަށް ނުދާނެ. އެހެންވީމަ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ މީހުން ބިނާ ކުރުމުގެ ޕޮލިސީގެ ތެރެއިން، އަޅުގަނޑުމެން ކުންފުންޏަށް ކޮންމެވެސް ވަރެއްގެ ހިއްސާއެއް، މިފަދަ ޓްރެއިނިންތައް ހިންގައިގެން މި އަދާ ކުރެވެނީ” ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސްޓެލްކޯގެ ލީޑާޝިޕްގައި ތިބޭ ފަރާތްތަކަކީ މާހައުލަށް ލޯހުޅުވޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން މިފަދަ ޓެރެއިނިންތަކުގެ ބޭނުމަކީ ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން އެ ރަށެއްގެ މާހައުލަކަށް ފެތޭ ގޮތަށް ސިކުނޑިއާއި ލޯ ހުޅުވާލަދީ، ކަންކަމަށް މަގުފަހިކޮށް އަދި ދިމާވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމުގެ ޓޫލްސްތަކެއް ދަސްކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، ސްޓެލްކޯގެ މެނޭޖަރުންނަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ލީޑު ކުރަންވާ ބަޔަކަށް ވާންޖެހޭނެ ކަމަށާއި އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެންޖެހޭނެ ކަމަށެވެ.
އަދި ޓެކްނިކަލް އިންޗާޖުންނާއި ސްޓޭޝަން މެނޭޖަރުންނަށް އެކަޑަމިކް ވެއިޓޭޖެއް އޮންނަ ވަކި ހާއްސަ ޓްރެއިނިންތަކެއް މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން، ހިންގަން ރާވަމުންދާ ކަމަށާއި މި އަހަރުތެރޭގައި އެ ޓްރެއިނިންތައްވެސް ހިންގާނެ ކަމަށް ވިދާޅުވި އެވެ.
އަތޮޅުތެރޭ އިންޖީނުގެތައް ހިންގުމުގައި އެއްމެ އިސްކޮށް ހަރަކާތްތެރިވާ 31 މީހުން ބައިވެރިވި އެ ތަމްރީން ޕްރޮގްރާމާ ގުޅޭ ގޮތުން ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓުގެ ހެޑް އޮފް ޑިޕާޓްމަންޓް ހުސެން ފަރުހާދު ވިދާޅުވީ، މިފަދަ ޕްރޮގްރާމްތައް ރާވަނީ އެމްޑީ ޝަރީފްގެ ދުރުވިސްނުމާއި މުވައްޒަފުންގެ ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަމާއި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގެންގުޅެންޖޭހޭ ހަރުދަނާ އަސާސްތައް އަބަދުވެސް ނެގެހެއްޓުމުގެ މުހިންމު ކަމާއި އެކަމުގެ ހުނަރުތަށް ދަސްކޮށްދިނުމަށް ކަމަށެވެ.
ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް: ޝަރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ