”ޗާގޯސް ދެބޯގެރި ދިޔައީ ޗޮކުން” އަވަހަށް އެހެން ދެބޯގެރިއެއް ހޯދާ: މައުސޫމް

”ޗާގޯސް ދެބޯގެރި ދިޔައީ ޗޮކުން” ކަމަށާއި، އަވަހަށް “އެހެން ދެބޯގެރިއެއް” ހޯދާށޭ ވިދާޅުވެ، އެކަމާ ދެކޮޅު ހެދިފަރާތްތަކަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބުދުﷲ މައުސޫމް ބަހުގެ ހަމަލާ އަމާޒުކުރައްވައިފިއެވެ.
ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ނިންމާފައެވެ.
އެ މައްސަލައާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ބަޔެއް ގެއްލޭކަމަށްބުނެ، އިދިކޮޅު ކޯލިޝަނުންނާއި، އެހެން ބަޔެއް ފަރާތްތަކުން އަންނަނީ އަޑު އުފުލަމުންނެވެ.
މި މައްސަލާގައި ސަރުކާރުން ވިދާޅުވަމުން އައިސްފައި ވަނީ ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބަދަލުކޮށްފައެއް ނުވާނެކަމަށެވެެ.
މިއަދު މި މައްސަލަ ނިންމުމާއި ގުޅިގެން އެކަމާ ދެކޮޅު ހެދި ފަރާތްތަކަށް ބަހުގެ ހަމަލާ އަމާޒުކުރައްވައި މައުސޫމް ވަނީ އެކަމަށް ދެކޮޅުހެދި ފަރާތްތަކުން ދުއްވީ “ދެބޯ ގެރި” ކަމަށް ސިފަކުރައްވާފައެވެ.
އެއަށްފަހު މައުސޫމް ވިދާޅުވެފައި ވަނީ، ސެޕްޓެމްބަރު 9 މިހާރު ވަރަށް ކައިރިވެއްޖެ ކަމަށާއި، “އަވަހަށް އެހެން ދެބޯގެރިއެއް” ހޯދުމަށެވެ.
މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މި މައްސަލައިގައި އިޓްލޮސް ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތާއީދުކޮށްފައެވެ.
މި ނިންމުމާ ގުޅިގެން 47232 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެންދާނެކަމަށް ދިވެހިރާއްޖެއިން ބުނުމުން، ޓްރައިބިއުނަލުން ވަނީ އެކަމަށް އެއްބަސްވެ، އެގޮތަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ