އެމްޑީޕީގެ "ކުލަ" ވެސް މި ވެރިކަމުން ނެފެނޭ: މެމްބަރު ޝިޔާމް

އެމްޑީޕީގެ ކުލަ ވެސް މި ވެރިކަމުން ނެފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝިޔާމް މިހެން ވިދާޅުވީ، 2018 ވަނަ އަހަރު އިންތިހާބު ކުރެވުނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެފައި ވަނިކޮށް، 2018 ވަނަ އަހަރު އިންތިހާބުވެވަޑައިގަނެފައިވާ ރައީސުލްޖުމްހޫރިއްޔާ އަލުން މަގާމާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ދުސްތޫރީ އޮޅުން ބޮޅުމަށް ސާފު ހައްލެއް ހޯދައިދިނުމަށް އެދި ހުށަހެޅި ގަރާރަކަށް ބަހުސް ކުރަމުންނެވެ.
އެ ގަރާރަކީ މަހިބަރޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ހުށަހަޅުއްވާފައިވާ ގަރާރެކެވެ.
އެ ގަރާރަށް ބުހުސްކުރައްވާމުން، މެމްބަރު ޝިޔާމް ވިދާޅުވީ، މި ސަރުކާރުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމަށާއި، މި ސަރުކާރަކީ އެމްޑިޕީއޭ ކަޔައިގެން އައިސް އޮތް ސަރުކާރެއް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގަތީ މަލްޓިޕާޓީ ޑިމޮކްރަސީގެ ތެރެއިން، އެމްޑީޕީގެ ކެންޑިޑޭއްގެ ގޮތުގައި ކަމަށާއި، ސަރުކާރާއެކު ކޮލިޝަނެއް ހަދައިގެންކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް، މިއަދު ސަރުކާރަށް ހަތަރު އަހަރުވެގެން ބަލާލާއިރުގައި، އެމްޑީޕީގެ ރައީސް ވެސް މިސަރުކާރާއެކު ނެތްކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މި ސަރުކާރު ވެރިކަމަށް އައި އިރު، ހުރި ކޯލިޝަން ޕާޓްނަރުންނެއް ވެސް މިސަރުކާރަކާ އެކީ ނެތްކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ރައްޔިތުން ވޯޓުދެނީ ޕާޓީއަކުން ކުރިއަށް ނެރޭ ސިޔާސަތުތަކެއްގެ މައްޗަށް ކަމަށާއި، އެހެން ނަމަވެސް އެ ސިޔާސަތުތައް މިހާރު "ބޮލާލާ ޖަހާ"ފައިވާ ކަމަށެވެ.
މެމްބަރު މިހެން ވިދާޅުވެފައިވާއިރު، މިއަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ޕާޓީގެ އެތެރޭގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ. އެ އިންތިހާބު ނާކާމިޔާބުވުމަށްފަހު، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވަނީ "ފިކުރެއްގެ ދިރުން" މި ނަމުގައި ހަރަކާތެއް ވެސް ފައްޓަވާފައެވެ. މީގެއިތުރުން، މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު ޤާސިމަށް ތާއީދުކުރެއްވުމަށް ރައީސް ނަޝީދާއި، އެމަނިކުފާނު އިސްވެ ހުންނަވާ ކުރިއަށް ގެންދަވާ "ފިކުރެއްގެ ދިރުން" ހަރަކާތުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ