މިއީ ފަލަސްތީނު ރައްޔިތުން އިންސާފު ހޯދުމަށް ލިބުނު ތާރީހީ ކާމިޔާބެއް: ރައީސް

އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދޭން އދ. ގެ އާންމު މަޖިލިހުން ރޭ ނިންމި ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުން އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ލިބުނު ތާރީހީ ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލިހުން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހެޅީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެ ގަރާރަށް ބަހުސް ކުރުމަށް ފަހު، ގަރާރު ފާސް ކުރަން ފެނޭތޯ ނެގި ވޯޓުގައި ރާއްޖެ ހިމެނޭ ގޮތަށް 143 ގައުމަކުން ވަނީ ގަރާރަށް ތާއީދުކޮށްފައެވެ. އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިންއިރު، ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ 25 ގައުމަކުން ތިއްބެވެ.
އާންމު މަޖިލީހުން މި ގަރާރު ފާސްކުރުމާއެކު ދެން އަންނަ ބައްދަލުވުމުން ފެށިގެން، ފަލަސްތީނަށް ވޯޓު ދިނުމުގެ ހައްގު ފިޔަވައި ގިނަ ހައްގުތަކެއް ލިބިގެންދާނެއެވެ. އދ. ގެ އާންމު މަޖިލިހުން މިކަމާ މެދުގައި ގޮތެއް ނިންމި ކަމުގައި ވިޔަސް، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ދަރަޖަ ލިބޭނީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްވެގެންނެވެ.
ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އިންސާފު ލިބުމުން މަހްރޫމްވެފައިވާތާ އެތައް އެތައް ޒަމާނެއް ވެފައިވާ އިރު، ބައިނަލްއަގުވާމީ މުޖުތަމައު އިން އދ. ގެ އާންމު މަޖިލިހުގައި އެޅި ފިޔަވަޅަށް ތައުރީފް ކުރައްވާ ކަމަށެވެ. ރައީސް ވަނީ ފަލަސްތީނު ރައްޔިތުން އެ މީހުންނަށް ހައްގުވާ އަމިއްލަ ދައުލަތް ހޯދުމަށްޓަކައި ދިގު މުއްދަތެއްގައި ދައްކަމުން އަންނަ ހިތްވަރު ފާހަގަ ކުރައްވައިފައެވެ.
އެ ހިތްވަރުގަދަކަމުން ދިވެހިން ވެސް ނަމޫނާ ލިބިގަންނަން ޖެހޭ ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމު ކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ޔޫއޭއީ އިން ހުށަހެޅި ގަރާރު ރާއްޖެ އިން ވަނީ ކޯ ސްޕޮންސާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ