ޚުޠުބާ: ރިޒްޤު ތަނަވަސްކޮށްދެއްވައި، ރިޒްޤުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނޭ!

ރިޒްޤު ތަނަވަސްކޮށްދެއްވައި، ރިޒްޤުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނެއެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِيْ رِزْقِهِ، وَأَنْ يُنْسَأَ لَهُ فِيْ أَثَرِهِ، فَلْيَصِلْ رَحِمَهُ)[1] މާނައީ: "އޭނާގެ ރިޒްޤު ތަނަވަސްވުމަށާއި އޭނާގެ ޢުމުރު ދިގުވުމަށް ލޯބިކުރާ މީހާ ފަހެ، އޭނާގެ ރަޙިމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ." 
ﷲގެ އަޅުންނާ ކުރިމަތިވެފައިވާ މާލީ ބުރަތަކުން އެމީހުން ސަލާމަތްކޮށްދޭން މަސައްކަތް ކުރާށެވެ! ތިޔަބައިމީހުންގެ ޞަދަޤާތްތަކުން ޔަތީމުންނާއި މިސްކީނުންގެ ކަރުނަތައް ފުހެދޭށެވެ! ހަމަކަށަވަރުން ޞަދަޤާތަކީ، މުދަލުގައި ބަރަކާތްލައްވައި، މުދާ ރައްކައުތެރިކޮށްދެއްވާނެ ކަމެކެވެ. ރަސޫލުﷲ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ)[2] މާނައީ: "ޞަދަޤާތުގެ ސަބަބުން އަޅާގެ މުދަލަށް އުނިކަމެއް ނާންނާނެތެވެ." 
ރިޒްޤު ހޯދާން އެދޭ މީހާ، ހީވާގިކަމާ އެކު، މަސައްކަތް ކުރާން ޖެހޭނެއެވެ. ޙައްޤު ގޮތުގައި ރިޒްޤު ހޯދާން މަސައްކަތްކުރާ މީހާ، ﷲގެ މަގުގައި ޖިހާދުކުރާ މީހެއް ފަދައެވެ. އޭނާއަށް ﷲ ރިޒުޤު ތަނަވަސްކޮށް ދެއްވާނެއެވެ. ޢީސާގެފާނާއިގެން ރައްކައުވެވަޑައިގަތުމުގެ ވޭންވަރު އައި ނާޒުކު ދަނޑިވަޅުގައި ވެސް، މާތް ﷲ މަރްޔަމްގެފާނަށް އަމުރުކުރެއްވީ ކަދުރު ރުކުގެ ގަސްގަނޑު ހަލުވައިލެއްވުމަށެވެ. ރުކުގައި ހުރި ކަދުރު ބިންނެވުމަށް ޓަކައި މަސައްކަތް ކުރެއްވުމަށެވެ. މާތް ﷲ މަރްޔަމުގެފާނަށް ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ކަމަނާއާ ދިމާޔަށް ކަދުރު ރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ." އެކަލާނގެ އިރާދަކުރައްވައިފި ނަމަ މަސައްކަތަކާ ނުލައި، އެ ކަމަނާގެ އަރިހަށް އެ ކަދުރު ގެންނަވައިފީހެވެ. އެހެންކަމުން މި އާޔަތުން އަހަރެމެންނަށް އެނގެނީ، މަސައްކަތް ކޮށްގެން ރިޒްޤު ހޯދުމަކީ، ﷲ އެދިވޮޑިގެންވާ ގޮތްކަމެވެ. 
އިސްލާމް ދީނުގައި މަސައްކަތަކީ، އަޅުކަމެކެވެ. ﷲގެ ޙަޟްރަތުގައި ވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަވެގެންނެއް ނުވެއެވެ. މަސައްކަތްކުރާ މީހާއަށް ﷲގެ ރުހިވޮޑިގަތުން ލިބޭނެއެވެ. މީހުންގެ ލޯތްބާއި އިޙްތިރާމު ލިބޭނެއެވެ. މަސައްކަތްނުކުރާ  މީހާއީ ﷲ ރުއްސަވާ މީހެއް ނޫނެވެ. އަދި އޭނާ ވާނީ އޭނާގެ އަމިއްލަ ނަފްސަށާއި، އަނބިދަރީންނަށް ޖެހިފައިވާ ބުރައަކަށެވެ. ދުންޔަވީ ޙަޔާތް ބާއްޖަވެރިވެ، އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަ ވާނީ، ތިމާއަށާއި އެހެން މީހުންނަށް ފައިދާ ހުރި ޙަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ