އަސުރުމާ ދޯންޏަަށް އެރީ ޕައިރެޓުން, ދޯނި އޮތީ ރާއްޖޭގެ އެސްއީ ޒެޑުން ބޭރުގަ, ކީޕަރ އިމްރާންއާއި މެމްބަރު ޓޮމް ބޭނުންވީ ހާދިސާ ސިޔާސީ ކޮށް, އިންޑިއާ ބޮލަށް “ކަނޑާލަން”!

ބޮޑުކަންނެލި މަސްވެރިކަން ކުރަން އުޅުނު އދ. މަހިބަދޫ އަސުރުމާ-3 ދޯންޏާއި އިތުރު ދެ ދޯންޏަކަށް އިއްޔެ އެރީ ކޮން ގައުމެއްގެ ސިފައިންކަން ކޯސްޓް ގާޑަށް ޔަގީންނުވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.
ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން އިއްޔެ އިންޑީއާ ސިފައިން އެރި ކަމަށް ބުނެ އެންމެ ފުރަތަމަ އަޑު ފަތުރާފައިވަނީވެސް އަސުރުމާ ދޯނީގެ ވެރިފަރާތްކަމަށްވާ މުހައްމަދު މޫސާ (އަސުރުމާގެ, އދ. މަހުބަދޫ)ގެ ދަރިފުޅު, ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާންއެވެ.
އޭނާ އިއްޔެ ކޮށްފައިވާ ފޭސްބުކް ޕޯސްޓުގައި ބުނެފައިވަނީ, ކޯސްޓް ގާޑާއި, އަސުރުމާ 3 ދޯންޏާއި ފުރަތަމަ ވަގުތުން ފެށިގެން ދިޔައީ ވާހަކަ ދެކެވެމުން ކަމަށާއި, އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ލިބުނު އެހީތެރިކަމަށް ވަރަށްބޮޑަށް ޝުކުރު އަދާކުރާ ކަމުގައެވެ. އަދި އޭނާ ބުނެބައިވަނީ “މިހާރު އިންޑިއާ ސިފައިން ދޯނިން ފައިބައިފި” ކަމަށެވެ.
އެހެންނަމަވެސް, ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަކަމަށް ބުނެ, ދިވެހި މަސްދޯނި އޮތް ސަރަހައްދަށް ދިޔަކަމަށް ބުނާ އެމްއެންޑީއެފްގެ ކޯސްޓު ގާޑް އުޅަނދު އެސަރަހައްދަށް މިސްރާބު ޖެހިތާ 6 ގަޑިއިރުވީއިރުވެސް އެ އުޅަނދުން ރާއްޖޭގެ މަސްދޯންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި އެއްވެސް މަސައްކަތެއްގެ މައުލޫމާތެއް އެމްއެންޑީއެފްއިން ހާމަ ކޮށްފައެއް ނުވެއެވެ.
އަދި އދ. މަހިބަދޫ އަސުރުމާ-3 ދޯންޏާއި އިތުރު ދެ ދޯންޏަކަށް އިއްޔެ އެރީ ކޮން ގައުމެއްގެ ސިފައިންކަން ކޯސްޓް ގާޑަށް ޔަގީންނުވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ވަނީ ބުނެފައެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ, ދޯނި މަސްވެރިކަން ކުރަމުންދިޔައީ ރާއްޖޭގެ އެސްއީޒެޑްއިން ބޭރުގައި ކަމަށާއި, ދޯންޏަށް އެރިކަމަށް މިހާރު ގަބޫލުކުރެވެނީ ޕައިރެޓުން ކަމުގައެވެ. އެހެންނަމަވެސް ދޯނި ހައިޖެކް ނުކޮށް ދޫކޮށްލާފައިވާކަމަށް ބެލެވެނީ ދޯނީގައި ފައިސާ ނެތްކަން ހައިޖެކަރުންނަށް ޔަގީން ވުމުންކަމަށްވެސް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އެމްއެންޑީއެފްގެ އޮފިޝަލު ވިދާޅުވިއެވެ.
ޕައިރެޓުންގެ ހަމަލާ އަމާޒުވި އަސުރުމާ ދޯނީގެ ވެރިފަރާތް ކަމުގައިވާ މުހައްމަދު މޫސާ (އަސުރުމާގެ, އދ. މަހުބަދޫ)އަކީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކޯޕްގީޕަރ އިމްރާންގެ ބައްޕައެވެ. އަދި އިމްރާންއަކީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް(ޓޮމް)އއާއި އާއިލީ ގޮތުން ވަރަށް ބޮޑަށް ތިމާގެ އަދި ވަރަށް ގާތް އެކުވެރިއެއްވެސް މެއެވެ. އަދި ދެމީހުންނަކީ ވިޔަފާރި ޕާޓްނަރުންވެސް މެއެވެ.
އަސުރުމާ ދޯންޏަށް އިއްޔެގެ ވަގުތެއްގައި އިންޑިއާ ސިފައިން އެރިކަމަށްބުނެ އަޑު ފަތުރާފައިވަނީ, ރާއްޖޭގެ އެސްއީޒެޑުން ބޭރުގައި މި ދޯނިން މަސްވެރިކަން ކުރަނިކޮށް ޕައިރެޓުންގެ ހަމަލާ އަމާޒުވުމުން, އެ ހާދިސާ “އިންޑިއާ ބޮލަށް ކަނޑާލުމުގެ” މަގުސަދުގައިކަން މިހާރުވަނީ ކަށަވަރު ކުރެވިފައެވެ.
އަދި އެއީ, ދޯންޏަށް ދިމާވި ހައިޖެކަރުންގެ ހަމަލާގައި, އެމްއެންޑީއެފްއަށް ދޯންޏަށް އެހީތެރިކަން ފޯރުކޮށް ނުދެވި, މި ސަރުކާރަށް ކުރިމަތިވާނެ ސިޔާސީ ޕްރެޝަރުން ސަލާމަތްވުމަށް މެމްބަރު ޓޮމް އަޑީގައި ހުރެގެން, ޑިފެންސް މިނިސްޓަރ ޢައްސާމް މައުމޫނަށްވެސް މައުލުމާތު އެނގިހުރެ ފެތުރި ދޮގު މައުލޫމާތެކަމަށް, ނަން ހާމަ ނުކުރުމަށް އެދި, އެމްއެންޑީއެފްގެ އޮފިޝަލަކު “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދީފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ