ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް މުރާޖައާކޮށް، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްވަރާތަކުގެ ދަށުން އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން މިއަދު ޖޭއެސްސީ އާއި ސުޕްރީމް ކޯޓާ ބައްދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއީ ޖޭއެސްސީ އަކީ ދެ ފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަން ވެފައިވާ މުއައްސަސާއެއްކަން ކަށަވަރު ކުރުމަށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އިސްލާހު ކުރުމުގެ ބިލު އެކުލަވާލުވުމުގެ މަސައްކަތަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވި ފުރަތަމަ ބައްދަލުވުންތަކެވެ.
ނަމަވެސް، މި މަޝްވަރާތަކުގެ ތަފްސީލެއް އޭޖީ އޮފީހަކުން ނުދެ އެވެ.
ތަފްސީލް - އޭޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި ބައްދަލުކުރާނީ:
ސުޕްރީމް ކޯޓު
ހައި ކޯޓު
ދަށު ކޯޓުތައް
ޖޭއެސްސީ
އެ ނޫން ވެސް ކަމާ ބެހޭ ފަރާތްތައް
މި ބައްދަލުވުންތަކަށް ފަހު އެކުލަވާލާ ބިލު، މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ގަސްދުކުރާ ކަމަށް މިދިޔަ ހަފްތާގައި އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.
އެނގުން މުހިންމު - ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި އެއީ 2019ގައި ބޭއްވި މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީން ވިއްކި 'އެޖެންޑާ 19'ގައި ވެސް ހިމެނޭ ކަމެކެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރެއް
އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހެއް
ރައީސް އައްޔަންކުރައްވާ މީހެއް
ބަންޑާރަނައިބު
ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ، އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއް
ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެއް
ގުޅުންހުރި ކަމެއް - ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން، ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ އެމްޑީޕީން ކުރިން ވަކާލާތު ކުރި ނަމަވެސް، އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި ފަހުން ވިދާޅުވެފައި ވަނީ، ޖޭއެސްސީއަށް "ސިޔާސީ ބާރުވެރިކަން ފޯރަން ޖެހޭ މިންވަރަށް" އެ ބާރު ފޯރުވަން އެ ކޮމިޝަންގައި ކޮންމެވެސް ވަރަކަށް ސިޔާސީ މީހުން ތިބެން ޖެހޭނެ ކަމަށެވެ.
ޖޭއެސްސީގައި ސިޔާސީ މީހުން ނުހިމެނޭ ގޮތް ހެދުމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ތޯރިގް، ގާނޫނުއަސާސީއަށް އެކި ފަހަރު މަތިން ހުށަހެޅުއްވި އިސްލާހުތައް ވެސް ވަނީ އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން ބޭރުކޮށްލައިފަ އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ސުޕްރީމް ކޯޓާ މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ