ސިފައިނަށް ބަނޑޭރި ކޮށީގައި ހައުސިން މަޝްރޫއެއް ވަރަށް އަވަހަށް ފަށާނަން: ރައީސް

ސިފައިންނަށް ޚާއްސަކޮށް، ބޯހިޔާވަހިކަމުގެ ޒަމާނީ މަޝްރޫއެއް ބަނޑޭރިކޮށި ސަރަހައްދުގައި ކުރިއަށް އޮތް އަށް މަސް ދުވަހުގެތެރޭ ފަށްޓަވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.ސިފައިންގެ 134 ވަަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގެއް ކަމަށާއި އެއީ ދިވެއްސަކަށްވީތީ ލިބެންޖެހޭ އެންމެ އަސާސީ ހައްގު ކަމަށެވެ. ބަނޑޭރިކޮށްޓަކީ ސިފައިންގެ ޚިދުމަތުގައި ސިފައިން ދެމިހުރިހާ ހިނދަކު، ކަނޑައެޅިފައި އޮންނަ ވަކި އުސޫލަކުން މިހާރުވެސް ސިފައިންނަށާއި އެ މީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ލިބޭ ތަނެއްގެ ގޮތުގައި، ރައީސް ފާހަގަކުރެއްވިއެވެ."އެހެންވީމާ މުޅި ބަނޑޭރިކޮށި ސަރަހައްދު އެއްކޮށް [އެ ތަނުގައި] ޒަމާނީ ހައުސިން ޕްރޮޖެކްޓެއް ހިންގައި، އެ ތަނުގައި އަޅުގަނޑުމެން މި އުންމީދުކުރަނީ މިހާރު ކުރެވޭ މަސައްކަތް އަމަލީ ސްޓޭޖަކަށް މި އަހަރުތެރޭ ގެންދެވޭނެ ކަމަށް..." ރައީސް ވިދާޅުވިއެވެ.ނުވަތަ އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅަށް ދާއިރު، އަމަލީގޮތުން ބޮޑު ހައުސިން މަޝްރޫއެއް ސިފައިންނަށް ބަނޑޭރިކޮށި ހުންނަ ސަރަހައްދުގައި ފަށްޓަވާނެ ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.އެ މަޝްރޫއު ފެށުމާ އެކު މިވަގުތު ބަނޑޭރި ކޮށީގައި ދިރިއުޅޭ ސިފައިން އެހެން ތަނަކަށް ވަގުތީގޮތުން ބަދަލުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.  ސިފައިންނަށް އަމާޒުކޮށް ހައުސިން ބޮޑު މަޝްރޫއުއެއް ފަށަން ނިންމިއިރު މިހާރު ވެސް ހުޅުމާލޭ ފޭސް އެކެއްގައި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށް ހަދާފައިވާ ފްލެޓުތަކެއް ހުރެ އެވެ. ހަމަ އެއާއެކު، ރައީސް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ސިފައިންނަށް ދޫކޮށްފައި އޮންނަ ކޯޓާވެސް އިތުރުކުރުމަށް ސަރުކާރުން ގަސްދުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ