ގައިދީންގެ ހުނަރުވެރިކަން ފެންނަ، ރީތި މިސްކިތެއް އައްސޭރި ޖަލުގައި އަޅައިފި އެވެ.
ވީ ކިހިނެއް؟ - މަސްޖިދުލްޔޫސުފްގެ ނަމުގައި އަލަށް އެ ތަނުގައި މިސްކިތް އަޅާފައިވަނީ ސަރުކާރުގެ ހަރަދުގަ އެވެ. ޖަލުތައް ބަލަހައްޓާ ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނާއި އޮފިސަރުންގެ ބައިވެރިވުމާ އެކު އެޅި މި މިސްކިތް އިމާރާތް ކުރުމުގެ މައިގަނޑު މަސައްކަތްތައް ކޮށްފައިވަނީ އައްސޭރި ޖަލުގެ ގައިދީންނެވެ.
ތަފްސީލް - ކަރެކްޝަނަލް ސާވިސް އިން ބުނި ގޮތުގައި، މިސްކިތް އެޅުމުގެ ކުރިން، އިމާރާތް ކުރުމާއި ގެދޮރު ބިނާކުރުމުގެ ހުނަރު ގައިދީންނަށް ދަސްކޮށްދިނެވެ. ތަން އިމާރާތް ކުރުމުގެ އިތުރުން ލަކުޑީގެ މަސައްކަތްތަކާއި މުށި ޖެހުމާއި އެހެން މަސައްކަތްތައް ކޮށްފައިވަނީ ވެސް، ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ މީހުންނެވެ.
"މިއީ ހުސް ލަކުޑިން ހަދާފައި ހުރި އެއްޗެއް،" މިސްކިތުގެ މިމްބަރު ދައްކާލަމުން ގައިދީއަކު ބުންޏެވެ.
"[އެތަނުގައި ހުރި] ކުދިކުދި އެތިކޮޅުތައް ވެސް އެއީ އަތުން ކާވްކޮށްގެން، މުޅިން ވެސް އަތުން ހަދާފައި ހުރި އެއްޗެހި."
މިސްކިތް ދައްކާލުމަށް ކަރެކްޝަނަލް ސާވިސް އިން އާއްމު ކުރި ވީޑިއޯއެއްގައި އެހެން ގައިދީއަކު ބުނީ މިސްކިތުގެ މަސައްކަތުގެ ތެރެއިން އޭނާ މުށި ޖަހަން ދަސްކޮށްފި ކަމަށެވެ. އަދި އެއީ އަނބުރާ މުޖުތަމައަށް ގޮސް ވެސް، ކުރެވިދާނެ ފައިދާ ހުރި މަސައްކަތެއް ކަމަށް ބުންޏެވެ.
ޖަލުގެ މުވައްޒަފުންނާއި އޮފިސަރުން އަދި ގައިދީން ވެސް އެކުގައި ނަމާދު ކުރަން އެޅި އެ ޖަލުގެ އިމާމަކީ ގައިދީ އެކެވެ. އޭނާ ވަނީ ޖަލުގެ މާހައުލުގެ ތެރެއިން އޭނާއަށް އެ ފަދަ މަގާމެއް ލިބުމުން، އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.
"މިއީ މި ތަނުގެ ތެރެއިން ލިބޭނެ ކަމަށް އެއްގޮތަކަށް ވެސް އުއްމީދު ކުރި މަގާމެއް ނޫން،" މެދު އުމުރުގެ އެ ގައިދީ ބުނެ އެވެ.
ކ. ހިންމަފުށީގައި ހުންނަ އައްސޭރިޖަލުގައި އާއްމު ގޮތެއްގައި ބައިތިއްބަނީ ލުއި ކުށްތަކުގައި ހުކުމް ތަންފީޒުކުރާ މީހުންނެވެ.
އައްސޭރި ޖަލުގައި ގައިދީން ރީތި މިސްކިތެއް އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ