މިޔަންމާގެ އާ ކެބިނެޓުގެ ގިނަ ވަޒީރުންނަކީ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލުން
މިޔަންމާގެ ޕާލަމެންޓުން، އަސްކަރިއްޔާގެ ކުރީގެ ޖެނެރަލުންނާއި އަސްކަރީ ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ އާ ކެބިނެޓަށް މިއަދު ރުހުން ދީފިއެވެ. މިއީ 2021 ވަނަ އަހަރު ގެނައި އަސްކަރީ ބަޣާވާތަށްފަހު، މަދަނީ ވެރިކަމަކަށް އެނބުރި ދިއުމުގެ ނަމުގައި އެކުލަވާލި ސަރުކާރެއް ނަމަވެސް، މިއިން ފެންނަނީ އަސްކަރިއްޔާގެ ބާރު ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކެވެ. ޕާލަމެންޓުގެ ރައީސް އައުންގް ލިން ޑްވޭ ވިދާޅުވި ގޮތުގައި، 30 ވަޒީރުންގެ މައްޗަށް އެކުލެވޭ މި ކެބިނެޓަށް ރުހުން ދީފައިވަނީ އެއްވެސް މެމްބަރެއްގެ އިއުތިރާޒަކާ ނުލައެވެ. ރަސްމީ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، މީގެ ތެރެއިން 24 ބޭފުޅުންނަކީ އަސްކަރިއްޔާގެ މިހާރުގެ ނުވަތަ ކުރީގެ އޮފިސަރުންނެވެ. ނުވަތަ އަސްކަރިއްޔާގެ ތާއީދު އޮންނަ ޔޫނިއަން ސޮލިޑަރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީ (ޔޫއެސްޑީޕީ) އަށް ނިސްބަތްވާ މެމްބަރުންނެވެ. މީގެ އިތުރުން، 18 ވަޒީރަކީ ކުރީގެ އަސްކަރީ ސަރުކާރުގައިވެސް ވަޒީރުކަން ކުރެއްވި ބޭފުޅުންނެވެ. އަދި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ތުހުމަތުގައި ބޭރުގެ ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބައެއް ބޭފުޅުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އަސްކަރީ ބަޣާވާތަށްފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި މިން އައުންގް ހްލައިންގް، މާދަމާ މިޔަންމާގެ ރައީސްކަމުގެ ހުވާކުރައްވާނެއެވެ. އޭނާއާއެކު ދެ ނައިބު ރައީސުންނާއި ކެބިނެޓުގެ ވަޒީރުންވެސް މަޤާމުގެ ހުވާކުރައްވާނެއެވެ. މީގެ އިތުރުން، ޕާލަމެންޓުން ވަނީ ދުސްތޫރީ ކޯޓުގެ ރައީސާއި، ބަންޑާރަނައިބުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް އަލުން އެ މަޤާމުތަކަށް އައްޔަންކޮށްފައެވެ. މި ސަރުކާރު އެކުލަވާލާފައިވަނީ މިދިޔަ ޑިސެމްބަރު އަދި ޖެނުއަރީ މަހު ބޭއްވި އިންތިޚާބަށްފަހުގައެވެ. ނަމަވެސް، އިދިކޮޅު ގިނަ ފަރާތްތަކަށް ފުރުސަތު ނުދީ ބޭއްވި މި އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށް ބުނެ، އާސިއާން ފަދަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ވަނީ މި އިންތިޚާބު ބަލައިގަތުމަށް ދެކޮޅުހަދާފައެވެ. އަދި މިޔަންމާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި ވޯޓުލުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ