އުކާލާފައި ހުންނަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކަން އަންގައިފި އުކާލާފައި ހުންނަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކަން އަންގައިފި

ބޭނުންކުރުމަށް ފަހު އުކާލާފައި ހުންނަ ސިންގަލް ޔޫސް ޕްލާސްޓިކު ފުޅިފުޅީގައި ކާބޯތަކެތި ބަންދުކުރަން، އެ ފުޅިތައް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަން އެގޮތަށް ނުކުރުމަށް އަންގާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނި ގޮތުގައި މިއީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ވަކިވައްތަރެއްގެ ޕްލާސްޓިކް (ޕޮލިއެތިލީން ޓެރަތަޔަލޭޓް ނުވަތަ PET) އިން ތައްޔާރުކޮށްފައިވާ ފުޅިތަކެކެވެ. އަދި، މިއީ ވަކި ކަހަލަ އުފެއްދުންތަކަށް ބޭނުންކުރެވޭ ފުޅިތަކެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މިހެން ނަމަވެސް ތަފާތު އެކި ބާވަތްތަކުގެ ބުއިންތައް މި ފުޅިތަކުގައި ބަންދުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
"މިއީ، މީގެ ސަބަބުން ފުޅިން ޕްލާސްޓިކުގެ އަސަރު ކާބޯތަކެއްޗަށް ކުރުވައި، އޭގެ ޒަރީއާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެއްކަމުގައި ދަންނަވަން" އެ އޮތޯރިޓީގެ ބަޔާނުގައި ވެ އެވެ.
ކުދި ޕްލާސްޓިކް ފުޅިތައް އަލުން ބޭނުންކުރާ މައްސަލައިގައި އެމްއެފްޑީއޭއިން ބަޔާނެއް ނެރުނުއިރު، ސިންގަލް ޕްލާސްޓިކް މަނާކުރުމުގެ ގަރާރުތަކުގައި ކަނޑައެޅި ތާރީހުގައި މަނާކުރި ނަމަ، ކާބޯތަކެތި ބަންދުކުރަން އެންމެ އާންމުކޮށް ބޭނުންކުރާ 500 އެމްއެލްގެ ފުޅިއެއް ނުވެސް ހުންނާނެ އެވެ.
މި ފުޅިތައް އަދިވެސް ލިބެން ހުރީ މި ބާވަތުގެ ފުޅި ބޭނުންކުރުން ހުއްޓާލާ ތާރީހު ސަރުކާރުން ފަސްކުރަމުން އަންނާތީ އެވެ.
އެންމެ ފަހުން އާންމުކުރި ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުތަކުގެ ލިސްޓުގެ ގަރާރުގައި ވަނީ، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ފުޅި އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީހު އަންނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ޕްލާސްޓިކް މަނާކުރުމުގެ ގަރާރުގެ ދަށުން ލިސްޓުކުރި އެހެން ހުރިހާ ބާވަވްތަކެއް އެތެރެކުރުމާއި، އުފެއްދުމާއި، ބާޒާރަށް ނެރުން މަނާކޮށް، ބޭނުންކުރުން އެއްކޮށް ހުއްޓާލެވިއްޖެ އެވެ. މި ބާވަތްތަކުގެ ތެރޭގައި ކުދި ޕްލާސްޓިކް ކޮތަޅާއި، ސުޕާރީ އާއި، އެންމެ ކުދި ފެން ފުޅި އާއި ފެން ނޫން ބުއިންތައް އަޅާފައި ހުންނަ ކުދި ފުޅިތަކުގެ އިތުރުން ކާތައްޓާއީ، ކަޓްލަރީ އާއި، ޖޫސް ޕެޓީ ކޮތަޅު ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ