ޢަބްދުއްރަޙީމް ސަފީރު ކަމުގެ ފަތްކޮޅު ޕުޓިންނަށް އަރުވައިފި
ދިވެހިރާއްޖެއިން ރަޝިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއަން ފެޑެރޭޝަންގެ ރައީސް، ވްލަޑިމިއާ ޕުޓިންއަށް މިއަދު އަރުވައިފިއެވެ. ފޮރިން މިނިސްޓްރީން ބުނީ, މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުވުމުގެ އިތުރުން ސަފީރު ޢަބްދުއްރަޙީމް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ރަޝިއާގެ ރައީސްއަށް އަރިސްކުރައްވާފައި ކަމަށެވެ. ރަޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢަބްދުއްރަޙީމް, ޢައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ. ރަޝިއާއަކީ ދިވެހި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އަދި އެ ގައުމަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޑޮކްޓަރުކަން ކިޔެވުމަށް ގޮސް ތިބޭ ގައުމެކެވެ. މިސަރުކާރުގައި ފުރަތަމަ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި, ޢަބްދުއްރަޙީމް މިހާރު ހުންނެވީ ރިޕަބްލިކް އޮފް ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ. ޝަރަފްވެރިކަމާއެކު އެމްއެންޑީއެފްއިން އޭނާ ރިޓަޔާ ކުރެއްވީ ޚިދުމަތުގައި ހުރެވޭނެ ކަމަށް ސިފައިންގެ ގާނޫނުގައި ބުނާ އުމުރު ހަމަވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ