އިންތިހާބު ނިމުމުން ސަރުކާރުން ރައްޔިތުންނަށް އެތައް ގޮތަކުން ދަތިކުރާނެ: އެމްޑީޕީ

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބު ނިމުމުން، މި ސަރުކާރުން ރައްޔިތުންނަށް އެތައް ގޮތަކުން ދަތިކުރާނެ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީއިން މިއަދު ބުނެފިއެވެ. އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަޙީދު ވިދާޅުވީ، މިއަދު ރާއްޖެ އޮތް ހާލަތާމެދު ސަރުކާރުން ސީރިއަސްކަމާއެކު ވިސްނާތަން ނުފެންނަ ކަމަށެވެ. ވަޙީދު ވިދާޅުވީ ކެމްޕެއިންގެ ކަންކަމުގައި ސަރުކާރުން މިހާރު "ހޭބޯނާރައި އުޅޭއިރު" އިންތިހާބު ނިމުމާއެކު ސަރުކާރުން ރައްޔިތުންނަށް އެތައް ގޮތަކުން ދަތިކުރާނެ ކަމަށެވެ. މިއަދު ރާއްޖޭގެ ހާލަތަށް ބަލާއިރު ތެލެއް ނުލިބޭ ގޭހެއް ނުލިބޭ، މި ހުރިހާ ކަމެއް މިހެން ހުރިއިރު އަޅުގަނޑުމެންނަކަށް ނުފެނޭ ސަރުކާރުން، ސީރިއަސް ކަމާއެކު މި ކަންކަމާ ވިސްނާ ތަނެއް. ސަރުކާރުން ކެމްޕެއިންގައި ހޭބޯނާރާ އުޅޭއިރުގައި އަޅުގަނޑުމެންނަށް ފާހަގަވެގެންދަނީ މި އިންތިހާބު ނިމުމާއެކުގައި ރައްޔިތުންނަށް އެތައް ގޮތަކުން ދަތިކުރާނެ. މިއަދު މިކަމަށް ދޭންޖެހޭ ސީރިއަސްކަން ނުދީ ސަރުކާރުން އަމަލުކުރާ ކުރުމަކީ ރައްޔިތުންނަށް އޮޅުވާލުން. އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަޙީދު ވަޙީދު ވިދާޅުވީ ހަމައެކަނި އިންތިޚާބުގެ ބޭނުމުގައި ސަރުކާރުން މިއަދު ހިންގަނީ ވަރަށް ދެރަވަރުގެ އަމަލެއް ކަމަށެވެ. ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީ ކުރިއަށްއޮތް ތަނުގައި ސަރުކާރުން އަޅާނެ ފިޔަވަޅުތައް ހާމަކުރަންޖެހޭ ކަމަށް ވަޙީދު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން އަޅާނެ ފިޔަވަޅުތައް ފާހަގަކުރަން އެބަޖެހޭ. ދުރާލައި ރައްޔިތުން އެކަންކަމަށް ތައްޔާރުވާނެ މަގު ތަނަވަސް ކޮށްދޭންއެބަޖެހޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ސަރުކާރުން މި ކެމްޕެއިންގައި ހޭބޯނާރާ އުޅޭތަން. އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަޙީދު ވަޙީދު ވަނީ މި އިންތިހާބު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ރައްޔިތުންނަށް މިނިވަންކަމާ އެކު އުޅުމުގެ ޖާގައެއް ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބުގެ ނަތީޖާއާއެކު ފެނިގެންދާނީ، ކުރިއަށްއޮތް ދުވަސްތަކުގައި ރައްޔިތުންނަށް ދަތިވާނޭ ހުރިހާ ކަމެއް ސަރުކާރުން ކުރާ މަންޒަރު ކަމަށް ވެސް ވަޙީދު ވިދާޅުވިއެވެ. މީގެ އިތުރުން ވަޙީދު ވަނީ ޚުދުމުހުތާރު ވެރިކަމަކަށް މި ވެރިކަން ބަދަލުވެގެންދާކަމަށް ފާހަގަކުރައްވައި، ރައްޔިތުންނަށް މިނިވަންކަމާއެކު ބަސްބުނުމުގެ ފުރުސަތު ގެއްލި، ދިރިއުޅުމުގައި ހުރިހާ ގޮތަކުން ދަތިތައް ކުރިމަތިވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ