ކޮރަޕްޝަނަށް މަގުފަހިވާނެކަމަށް ބުނެ، ވޯޓު ކަރުދާހާ ބެހޭގޮތުން ކުޑޫގެ ސުވާލުތަކެއް އީސީއަށް

ކޮރަޕްޝަނަށް މަގުފަހިވާނެކަމަށް ބުނެ، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ވޯޓު ކަރުދާހާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އިލެކްޝަން ކޮމިޝަން (އީސީ)އަށް ސުވާލުތަކެއް ހުށަހަޅައިފިއެވެ. ކުޑޫ ވަނީ އެ ތިން އިންތިޚާބުގެ ވޯޓާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އީސީގެ ރައީސް މުހައްމަދު ޒާހިދަށް އެޑްރެސްކޮށް ހަރަތު ސުވާލެއް ހުށަހަޅާފައެވެ. އެގޮތުން މިފަހަރުގެ އިންތިޚާބުގައި ބޭނުންކުރާ ތިން ވޯޓު ކަރުދާސް ވެސް ހުދު ކުލައިގައި ހުރީ ކީއްވެގެންތޯ ސުވާލު ކޮށްފައިވެއެވެ. ދެވަނަ ސުވާލަކަށް އިންތިޚާބީ އޮފިޝަލުން ތަމްރީނުކުރިއިރު ތިން އިންތިޚާބުގެ ވޯޓު ކަރުދާސް ހުންނާނީ ތަފާތު ކުލަތަކެއްގައި ކަމަށް ބަލައިގެން ތަމްރީނު ދީފައިވާ ކަމަށާއި، އެ ބަދަލުގެ ސަބަބުން ދިމާވެދާނެ ދަތިތަކަކީ ކޮބައިތޯއާއި، ވޯޓު ކަރުދާހުގައި ހުރި ކުޑަ ތަފާތެއްގެ ސަބަބުންނާއި ވޯޓުލާ މީހާ ކަރުދާސް ފަތްޖަހާ ގޮތަކުން ވޯޓުގެ ސިއްރުކަން ގެއްލިދާނެ ކަމުގެ ބިރު އޮތްއިރު އެކަމާމެދު ހެދިފައި އޮތީ ކޮން އުސޫލެއްތޯ ވެސް ކުޑޫ ވަނީ ސުވާލު ކޮށްފައެވެ. ތިންވަނަ ސުވާލަކީ ވޯޓު ކަރުދާސް ތައްޔާރުކުރުމާއި ޗާޕް ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުންދާތީ އެކަމުގެ ހަގީގަތަކީ ކޮބައިތޯއެވެ. އަދި ހަތަރުވަނައަށް އޭނާ ވަނީ އިންތިޚާބުތަކުގައި ލާ ވޯޓުގެ ސިއްރުކަމާއި ސައްހަކަން ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއަކަށް ވީހިނދު، އެކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް އެދިފައެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުނެގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރެއްވާ އަންނަ ހޮނިހިރު ދުވަހުގައެވެ. https://sun.mv/219938 އެ އިންތިޚާބު ގާތްވެފައިވާއިރު، ރެފަރެންޑަމާ ގުޅިގެން ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ފެންނަނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅުއްވައިފައިވާ ސުވާލު ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، ދުސްތޫރީ މައްސަލަތަކެއް ވެސް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ސުވާލު ގާނޫނާ ޚިލާފު ނޫންކަމަށް ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ