އުފެއްދުންތެރިކަމުގެ މައުރަޒުގައި ދީނީ ކޮންޓެންޓް އުފެއްދުމުގެ ފުރުސަތު ހުޅުވާލައިފި

އިކޮނޮމިކް މިނިސްޓްރީ އާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން، ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ މިއަހަރުގެ މައުރަޒުގައި ދީނީ ކޮންޓެންޓަށް ޚާއްސަ ކެޓަގަރީއެއް ފުރަތަމަ ފަހަރަށް ތަޢާރަފްކޮށްފިއެވެ.
މި މަޢުރަޒުގައި އަލަށް ހިމަނާފައިވާ ދީނީ ކޮންޓެންޓު އުފައްދާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީގެ މަޤްޞަދަކީ އުފެއްދުންތެރި އަދި ތަޢުލީމީ ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ އުޞޫލުތައް ކުރިއެރުވުމާއި، ދީނީ ކަންކަމަށް ޚާއްޞަ ތަކެތި އުފެއްދުމުގައި، އައު ވިސްނުންތަކަށް ހިތްވަރު ދިނުމެވެ. މި ކެޓަގަރީގެ ދަށުން އިސްލާމްދީން ކުރިއެރުވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ތަފާތު އުފެއްދުންތަކާއި ޚިދުމަތްތައް ބައިވެރިކުރެވޭނެކަމަށް ބީސީސީއިން ބުނެއެވެ.
މިއަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް www.expo.mv މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. މިއަހަރުގެ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ