އިންސްޓަގްރާމްގެ ވޮއިސް ނޯޓުތަކަށް 'އޭއައި ވޮއިސް އިފެކްޓްސް' ތަޢާރަފްކޮށްފި

އިންސްޓަގްރާމްގެ ޑައިރެކްޓް މެސެޖް (ޑީއެމް) މެދުވެރިކޮށް ފޮނުވާ ވޮއިސް ނޯޓުތަކަށް ޚާއްޞަކޮށްގެން އައު "އޭއައި ވޮއިސް އިފެކްޓްސް" ފީޗާއެއް އެކުންފުނިން ތަޢާރަފްކޮށްފިއެވެ. މި އައު ފީޗާގެ ސަބަބުން ވޮއިސް ނޯޓުތަކަށް އެކި ކަހަލަ ފިލްޓަރުތައް ލައިގެން އަޑު ބަދަލުކޮށްލެވޭނެއެވެ. މިގޮތުން ބޭނުންކުރެވޭނެ އަށް ވޮއިސް އިފެކްޓެއް މިހާރު ވަނީ ހިމަނާފައެވެ. މީހުންނަށް ވޮއިސް ނޯޓު ފޮނުވާއިރު ބޭނުންކުރެވޭ އަށް ފިލްޓަރުގެ ތެރޭގައި "ޗިޕްމަންކް"، "ޑީމަން"، "އޭލިއަން"، "ރޮބޮޓް"، "އަންޑަވޯޓާ"، "ސްޓޭޑިއަމް"، "ވޮބްލް" އަދި "ފިޝްބޯލް" ހިމެނެއެވެ. އަޑު ބަދަލުކުރުމަށްފަހު އަނބުރާ އަސްލު އަޑަށް ވެސް ބަދަލުކޮށްލެވޭނެ --- އަޑު ބަދަލުކުރުމަށްފަހު އަނބުރާ އަސްލު އަޑަށް ބަދަލުކުރަން ބޭނުންނަމަ "އޮރިޖިނަލް" ބަޓަންއަށް ފިތާލުމުން އެކަން ވާނެއެވެ. އަދި މެސެޖު ލިބޭ ފަރާތަށް، ފޮނުވި މީހާ ބޭނުންކޮށްފައިވަނީ ކޮން ފިލްޓަރެއްކަން ވޮއިސް ނޯޓަށް ފިތާލުމުން އެނގޭނެއެވެ. މި ފީޗާ މިހާރު އިންޑިއާގައި ބޭނުންކުރެވެން ފަށާފައިވާއިރު، އެހެން ޤައުމުތަކަށްވެސް މި ފީޗާ ދަނީ ތަޢާރަފްކުރަމުންނެވެ. މި ފީޗާ ބޭނުންކުރުމަށްޓަކައި، ފުރަތަމަ އިންސްޓަގްރާމް ހުޅުވުމަށްފަހު މެސެޖުކުރާ ބައި (ޑީއެމް) އަށް ވަންނާށެވެ. އެއަށްފަހު ވޮއިސް ނޯޓު ރެކޯޑުކުރާ ބަޓަންއަށް ފިތާލުމުން ފެންނަ "އޭއައި ވޮއިސް އިފެކްޓްސް" ބަޓަންއަށް ފިތާލައިގެން ވޮއިސް ނޯޓު ރެކޯޑު ކުރާށެވެ. ރެކޯޑުކޮށް ނިމުމުން، އިސްވެ ދެންނެވުނު 8 ފިލްޓަރުގެ ތެރެއިން ބޭނުން ފިލްޓަރެއް ޚިޔާރުކޮށް އަޑު ބަދަލުކޮށްލެވޭނެއެވެ. އަދި މެސެޖު ފޮނުވުމުގެ ކުރިން ޕްރިވިއުކޮށް (އަޑުއަހާލުމުގެ) ފުރުޞަތުވެސް ލިބޭނެއެވެ. މި ފީޗާއަކީ އިންސްޓަގްރާމްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުންކުރުން އިތުރުކުރުމަށް އެޕްލިކޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ތަޢާރަފްކުރި ފީޗާއެކެވެ. މީގެ އިތުރުން، އިންސްޓަގްރާމުން މިހާރު ދަނީ އޭއައި މެދުވެރިކޮށް މޫނު ބަދަލުކޮށްލެވޭ "ފޭސް ސްވޮޕް" ފީޗާއެއްވެސް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުންނެވެ. "ކްރިއޭޓް މައި ލައިކްނެސް" ގެ ނަން ދީފައިވާ މި ފީޗާ މެދުވެރިކޮށް، ޕްރޮމްޕްޓް ލިޔެގެން މީހުންގެ ސިފައަށް އޭއައި ފޮޓޯއާއި ވީޑިއޯ އުފެއްދޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި ކަމަށްވާ "މެޓާ" އިން ދަނީ ފަހަކަށް އައިސް އެ ކުންފުނީގެ އެޕްލިކޭޝަންތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދައުރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ފާއިތުވި މަސްތަކުގެ ތެރޭގައި އިންސްޓަގްރާމް، ފޭސްބުކް އަދި ވަޓްސްއެޕްގައި "މެޓާ އޭއައި" ޗެޓްބޮޓްގެ އިތުރުން، އޭއައި ސްޓިކާ އުފެއްދުމާއި، އޭއައި ބޭނުންކޮށްގެން ފޮޓޯގެ ބެކްގްރައުންޑް ބަދަލުކުރުން ފަދަ ގިނަ ފީޗާތަކެއް ވަނީ ތަޢާރަފްކޮށްފައެވެ. މިފަދަ އައު އޭއައި ފީޗާތައް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ ޓިކްޓޮކް އަދި ސްނެޕްޗެޓް ފަދަ ވާދަވެރި އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ފައިހަމަކޮށް، އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށާއި ކްރިއޭޓަރުންނަށް އުފެއްދުންތެރި އަދި ޝައުޤުވެރި އައު ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ