ވޯޓާ ގުޅޭ މައުލޫމާތު ގެނެސްދިނުމުގައި އިސްކަން ދެނީ ކުރީގެ ޚާއްސަ މަޖިލީހުގެ މެންބަރުންނަށް، ޕާޓީއަކަށް ނޫން: ޕީއެސްއެމް

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގައި އިސްކަން ދެނީ ކުރީގެ ޚާއްސަ މަޖިލީހުގެ މެންބަރުންނަށް ކަމަށާއި ވަކި ސިޔާސީ ޕާޓީއަކަށް ނޫން ކަމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިއަދު ބުނެފިއެވެ. އެމްޑީޕީން މިއަދު 13:00އަށް ވަނީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބްއާ ބައްދަލުކުރަން ޕީއެސްއެމް ހިންގާ އިމާރާތަށް ގޮސްފައެވެ. އެއީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ހޭލުންތެރިކުރުމަށް ޕީއެސްއެމްއިން ގެނެސްދޭ ޕްރޮގްރާމްތަކުގައި އެ ޕާޓީއަށް ފުރުސަތު ނުދޭ ކަމަށް ބުނެއެވެ. ކަންބޮޑުވުމަކީ، ޕީއެސްއެމްއިން ގެނެސްދެނީ، އެ ވޯޓަށް ތާއިދުކުރަން ޖެހޭ ސަބަބުތައް އެކަނި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެމްޑީޕީން ޕީއެސްއެމް ހިންގާ އިމާރާތަށް ދިޔުމުން، ޝަކީބް މާލެ ނޫޅުއްވާކަން އެ ތަނުގެ ރިސެޕްޝަނުން ވަނީ އަންގާފައެވެ. އެހެންވެ، އެ ޕާޓީން އެދުނީ، ޕީއެސްއެމްގެ އިސްވެރިޔަކާ ބައްދަލުކޮށްދިނުމަށެވެ. އެ ކަން ނުވުމުން، ޕީއެސްއެމް ހިންގާ އިމާރާތުގެ ރިސެޕްޝަނުގައި ތިބެ އެމްޑީޕީން ވަނީ، ޝަކީބް އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. އެމްޑީޕީން ޕީއެސްއެމް ހިންގާ އިމާރާތުގައި އިހުތިޖާޖު ކުރަނީ --- ފޮޓޯ/ އެމްޑީޕީ މި ކަމާ ގުޅިގެން ޕީއެސްއެމްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެމްޑީޕީން ޝަކީބުއާ ބައްދަލުކުރުމަށް މިއަދު އަންނާނެކަން ރޭ އެންގުމުން އުމްރާއަށް ސައުދީގައި ހުންނެވިކަން ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ. އެ ކުންފުނިން ވަނީ، އެ ގޮތަށް އަންގާފައި ވަނިކޮށް މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، މިނިވަން ދައުލަތުގެ މީޑިއާއެއް ހިންގުމަށް ކުރިއަށް ގެންދާ ކަންކަން ވަގުތުން ހުއްޓާލުމަށް އެމްޑީޕީއަށް ގޮވާލާފައެވެ. https://x.com/psm_mkt/status/2033495313080848693 މީގެއިތުރުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަށް ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުދެނީ ކީއްވެކަން ޕީއެސްއެމުން ވަނީ ހާމަކޮށްފައެވެ. މިގޮތުން، އެއީ، ފަންނީ އަދި އިޖުރާއީ މައުލޫމާތު ގެނެސްދޭ ޕްރޮގްރާމުތަކަށްވާތީ އިސްކަންދެނީ، ކުރީގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށް ކަމަށް ޕީއެސްއެމްއިން ވަނީ ބުނެފައެވެ. މިހާތަނަށް މިފަދަ އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުސަތު ދީފައެއް ނުވާނެޕީއެސްއެމް ޕީއެސްއެމްއިން ބުނީ، އަބަދުވެސް މަސައްކަތް ކުރަނީ 'ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނު'ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު ރައްޔިތުންނަށް ތެދު މައުލޫމާތު ދިނުމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ