އެންމެ ވޯޓެއްގެ ތަފާތަކުން ޔޫއްޕެ ބަލިކޮށް، މައްސަލަ ދިމާވި ޕްރައިމަރީ ކާމިޔާބުކުރީ އަދީމް

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ވަގު ވޯޓު އަޅާފައިވާ ކަމަށް ބުނެ ގުނުން ހުއްޓުވި މައްޗަންގޮޅި އުތުރު ދާއިރާގެ ޕްރައިމަރީ، އެންމެ ވޯޓެއްގެ ތަފާތަކުން މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީޢު ޢަލީ (ޔޫއްޕެ) ބަލިކޮށް، އާދަމް އަދީމް ކާމިޔާބުކޮށްފިއެވެ. އަދީމާއި ޔޫއްޕެ ހިމެނޭހެން، ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޓިކެޓަށް ދެން ވާދަކުރެއްވީ ޙުސައިން އިސްޙާޤާއި އިމްތިޔާޒް މުޙައްމަދެވެ. ޕީއެންސީގެ ކައުންސިލު ޕްރައިމަރީގައި އިސްކޮށް މަސައްކަތްކުރެއްވި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް 'ސަން' އާ ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން، މައްޗަންގޮޅި އުތުރު ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރެއްވި އަދީމަށް 58 ވޯޓު ލިބުނުއިރު، ޔޫއްޕެއަށް ލިބުނީ 57 ވޯޓެވެ. އަދި އިސްޙާޤަށް 25 ވޯޓު ލިބުނުއިރު، އިމްތިޔާޒަށް ލިބުނީ 20 ވޯޓެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޕްރައިމަރީގެ ވޯޓުލުން ނިންމައި، ވޯޓު ފޮށިތައް ގުނި ވަގުތު، މައްޗަންގޮޅި އުތުރު ދާއިރާގެ ވޯޓު ފޮށި ކައިރީ ހަމަނުޖެހުން ހިނގިއެވެ. އެހެންވެ، ޕީއެންސީން ވަގުތީ ނަތީޖާ އާންމުކުރީ މިދިޔަ މަހުގެ 28ވަނަ ދުވަހު، މައްޗަންގޮޅި އުތުރު ދާއިރާގެ ނަތީޖާ ނުހިމަނައެވެ. https://sun.mv/215932 'ސަން' އާ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މުއާޒު ޙަލީމް ރޭ ވިދާޅުވީ، ޕްރައިމަރީގައި ގޯސްތަކެއް ހިނގިކަމަށް ބައެއް ކެންޑިޑޭޓުންނަށް ގަބޫލުކުރެވި އެ ޝަކުވާތައް އެ ކެންޑިޑޭޓުންތައް ހުށަހެޅި ކަމަށެވެ. އެހެންވެ، ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި މައްޗަންގޮޅި އުތުރުގެ ފޮށި ގުނައި ކަން ހިނގައި ދިޔަގޮތް އޮޅުންފިލުވަން ޕީއެންސީގެ ލީޑާޝިޕުން ނިންމީ ކަމަށް މުއާޒު ވިދާޅުވިއެވެ. "ހަތަރު ކެންޑިޑޭޓުންގެ ހާޒިރުގަ ބެލިބެލުމުން އެންމެ ވޯޓު ކަރުދާހެއްވެސް ފޮއްޓެއްގައި އިތުރަށް ނެތްކަން ޔަގީންވި ހިސާބުން ކެންޑިޑޭޓުން ނިންމެވީ ވަރަށް ބޮޑަށް ޑިފަރެންސް ނެތިއްޔާ ގުނައިފަ އެ ނަތީޖާއަށް ދާން،" އޭނާ ވިދާޅުވިއެވެ. އެއަށްފަހު ކެންޑިޑޭޓުންނާ އެއްކޮށް، މައްޗަންގޮޅި އުތުރު ދާއިރާގެ ވޯޓު އަލުން ނަގަން އެއްބަސްވުމަކަށް އައި ކަމަށާއި، ނަމަވެސް އޭގެ ފަހުން ޔޫއްޕެ ނަން އަނބުރާ ގެންދިޔައީ ކަމަށް މުއާޒު ވިދާޅުވިއެވެ. މުއާޒު ވިދާޅުވީ، އަދީމަށް ލިބުނު ވޯޓާއި ދެން ތިބި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގައި ބޮޑު ތަފާތެއް އޮތުމުން އަލުން ވޯޓުލުން ބޭއްވިޔަސް މާ ބޮޑު އަސަރެއް ނުކުރާނެތީ، އަދީމަށް ޓިކެޓު ދޭން ނިންމާފައިވަނީ އެހެން ކެންޑިޑޭޓުންގެ ހާޒިރުގައި ކަމަށެވެ. ޕީއެންސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ޕްރައިމަރީގައި ޖުމްލަ 39،798 ވޯޓު ލާފައިވާ ކަމަށް ދައްކައެވެ. އަދި 1،758 ވޯޓަކީ ބާތިލު ވޯޓުކަމަށް ވެސް، އެ ޕާޓީން އާންމުކުރި ނަތީޖާގައިވެއެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، މި ދައުރުގައި ކައުންސިލަރުކަން ކުރަމުން އަންނަ ބައެއް ފަރާތްތަކަށް ދެން އަންނަ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވެއެވެ. އޭގެ ތެރޭގައި ހއ. އަތޮޅުގެ ބާރަށު ކައުންސިލަރު ޢަލީ ޝަމީމާއި ފިއްލަދޫ ކައުންސިލަރު މުޙައްމަދު މޫސާއާއި މާލޭގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މިހާރުގެ ކައުންސިލަރު ޢާއިޝަތު ނާޒިމާ ވެސް ހިމެނެއެވެ. ހަމަ އެއާއެކު، ޕްރައިމަރީގެ ނަތީޖާއިން ދައްކާ ގޮތުގައި، ޕީއެންސީ ތަމްސީލުކުރައްވާ ކ. ގާފަރު ކައުންސިލު ރައީސް މުބާޝިރު ޖަލީލު ވެސް އިތުރު ދައުރަކަށް ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ފާހަގަކުރެވޭ ގޮތުގައި މިހާރުވެސް އައްޑޫ ސިޓީ ކައުންސިލުގައި މީދޫ އަވަށް ތަމްސީލުކުރައްވާ އާމިނަތު ޞާލިޙާ ވަނީ، މިދިޔަ އޮކްޓޯބަރު މަހު ނެގި ވޯޓުގައި އައްޑޫ ސިޓީ ކައުންސިލާ ވަކިން އޮންނަން ނިންމި، އަދި އަންނަ އަހަރު އުފެދޭ އައްޑޫ މީދޫ ކައުންސިލުގެ ރައީސާ ކަމުގެ ޓިކެޓު ކަށަވަރުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ