އައްޑޫ ކެތު ލެބުން ހިދުމަތް ދޭން ފަށަައިފި

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) ގައި ގާއިމުކުރި ކެތު ލެބުން ހިދުމަތް ދޭން ފަށައިފި އެވެ.
އެތަނުން ބުނީ އިއްޔެ އިން ފެށިގެން ހިތުގެ ބަލިމީހުންނަށް ފަރުވާން ދޭން ފެށި އިރު، ކެތު ލެބްގެ ހިދުމަތް ފެށީ އައިޖީއެމްއެޗާ ހަވާލުކޮށްގެންނެވެ.
އޭއީއެޗުން މިއަދު ބުނީ ހިދުމަތް ފެށިތާ ދެ ދުވަސްތެރޭ 7 މީހަކަށް ހިދުމަތް ދީފައިވާ ކަމަށެވެ. ސީއީއޯ ޑރ. އިބްރާހިމް ޔާސިރު ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ އެންޖިއޯ ގްރާމްގެ ފަރުވާ ހޯދި ހަތަރު މީހަކާއި ސިކުނޑީގެ އެންޖިއޯ ގްރާމްގެ ފަރުވާ ދިން އެކަކާއި އެންޖިއޯ ޕްލާސްޓީގެ ހިދުމަތް ހޯދި ދެ މީހެކެވެ.
އެންޖިއޯ ގްރާމަކީ މައްސަލައެއް ހުރިތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. އޭގެ އަސްލު ފަރުވާއަކީ އެންޖިއޯ ޕްލާސްޓީ އެވެ.
އައްޑޫގައި ކެތު ލެބްގެ ހިދުމަތް މި ފެށީ އެތަން ގާއިމުކުރިތާ ދެ އަހަރެއްޖާ ދުވަހުންނެވެ. ކެތު ލެބް ގާއިމުކޮށް ނިންމީ 2023 އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ޔާސިރު ވިދާޅުވީ ކެތު ލެބް ހުޅުވަން ފާއިތުވި މުއްދަތުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި އޭގެ ތެރެއިން، ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ވެސް އެތަން ހިންގަން އުޅުނު ކަމަށެވެ. އޭނަ ވިދާޅުވީ އެންމެ ފަހުން ސަރުކާރުުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗްގެ ކާޑިއެކް ސެންޓަރާ ގުޅިގެން ކެތުގެ ހިދުމަތް ދޭން ފެށުމަކީ ދެކުނުގެ ހުރިހާ އަތޮޅަކަށް ވެސް އޭގެ ފަސޭހަ އާއި ލުއިކަން ލިބޭނެ ކަމެއް ކަމަށެވެ.
އޭއީއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. ފާތިމަތު އަމާނީ ނަސީރު ވިދާޅުވީ ހިތާ ގުޅުން ހުރި މައްސަލަތަކުގައި އޭއީއެޗުން ހަފުތާއަކު ފަސްވަރަކަށް މީހުން މާލެއަށް ރެފަކުރާ ކަމަށާއި ޓެސްޓު ހެދުމަށް ކުރަންޖެހޭ އެ ދަތުރަށް އާސަންދަ ނުލިބޭތީ އެއިން ކޮންމެ މީހަކު ވެސް މާލެ އަށް ދަތުުރު ކުރަން ބޮޑު ހަރަދެއް ކުރަންޖެ ހޭ ކަމަށެވެ.
"އެހެންވެ މި ކޮޅުގައި ފެށި ހިދުމަތާއެކު ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރު ވާނެ." އޭނަ ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ހިތުގެ ބަލިތަކުގެ ޑޮކްޓަރު، ޑރ. ޝަނީޒް ނަޒްމީ ވިދާޅުވީ އައްޑޫން ކެތުގެ ލެބްގެ ހިދުމަތް ލިބުމަކީ ބޮޑު އުފަލެއް ކަމަށާއި އެކަމުގެ ފައިދާ ގިނަ ބަޔަކަށް ލިބޭނެ ކަމަށެވެ. އޭނަ ވިދާޅުވީއައްޑޫ ކެތު ލެބާއެކު، ހިތާ ގުޅުން ހުރި މައްސަލަތަކުން 60-70 ޕަސެންޓް ކޭސްތައް މާލެއިން ނުފޮނުވައި، އައްޑޫގައި ފަރުވާ ދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ