ބްރޫނޯގެ ލަނޑާއެކު ޔުނައިޓެޑަށް ޖެހިޖެހިގެން ހަތަރުވަނަ މޮޅު
އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އަތުން ހޯދި މޮޅާއެކު މެންޗެސްޓާ ޔުނައިޓެޑުން ލީގުގައި ޖެހިޖެހިގެން ހަތަރުވަނަ މޮޅު ހޯދައިފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މިމެޗު އެޓީމު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މައިކަލް ކެރިކްގެ ކޯޗު ކަޗުކަމުގެ ދަށުން ޔުނައިޓެޑު މިވަގުތު އޮތީ ރަނގަޅު ފޯމެއްގައެވެ. މި މޮޅާއެކު ޔުނައިޓެޑު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އެއީ ކުޅުނު 25 މެޗުން ހޯދި 44 ޕޮއިންޓާއެކު އެވެ. މެޗުން ބަލިވި ޓޮޓްނަމް އޮތީ ތާވަލްގެ 14 ވަނައިގައެވެ. މެޗު ފަށައިގެން ޓޮޓްނަމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުގެ ކްރިސްޓިއަން ރޮމޭރޯ ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތް ކާޑާއެކު އެވެ. އޭގެފަހުން މެޗުގެ ބާކީ އޮތްބައި އެ ޓީމު ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ފެނުނީ މެޗުގެ 38 ވަނަ މިނެޓުގައެވެ. މިއީ ކޮބީ މައިނޫ ދިން ޕާހަކުން ބްރަޔަން އެމްބުއެމޯ ކާމިޔާބުކުރި ލަނޑެކެވެ. ދެވަނަ ހާފުގައިވެސް ޔުނައިޓެޑުން ލަނޑުޖަހާާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 81 ވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދިން ލަނޑު ޖަހާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ