އެފޯޑަބަލް ހައުސިންގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
މި މަޝްރޫޢު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާފައިވަނީ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގައެވެ.
ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީއެމްއީސީ)ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓަށް ކުރެއްވި މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްރޫޢުގެ މަސައްކަތް ފެށުމަށް އެކުންފުނީގެ ފަރާތުން ވެފައިވާ ތައްޔާރީތަކުގެ ތަފްސީލީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އެމަނިކުފާނު ވަނީ މި މަޝްރޫޢަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫޢަކަށް ވުމާއެކު، އެއްވެސް މަޑުޖެހުމެއްނެތި ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްގެންދިއުމަށް އެ ކުންފުނީގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމާ ގުޅިގެން ސީއެމްއީސީގެ ވެރިން ވަނީ، މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއްވެސް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، ތާރީޚުތަކަށް ނިންމަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންނާއި، މަޝްރޫޢުގެ ފައިނޭންސަރެއްގެ ގޮތުން ބައިވެރިވާ ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސީއެމްއީސީގެ އިސް ބޭފުޅުންނާއި ސަރުކާރުގެ ގުޅުންހުރި ކުންފުނިތަކުގެ ވެރިންވެސް މި ބައްލަވާލެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލްއިން ފައިނޭންސްކޮށްގެން ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން ސީއެމްއީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 1224 ހައުސިންގް ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި ހައުސިންގ ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ