ހުރުމުޒު ކަނޑުއޮޅީގެ މަސްރަހު ގޯސްވެ، 1،000 އަށްވުރެ ގިނަ ބޯޓު ތާށިވެއްޖެ

ހުރުމުޒު ކަނޑުއޮޅީގެ ސަލާމަތީ މަސްރަހު ގޯސްވެ، އެ ސަރަހައްދު ހުރަސް ނުކުރެވި 1،000 އަށްވުރެ ގިނަ އާގުބޯޓު ތާށިވެއްޖެއެވެ. މީގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތެޔޯ އުފުލާ 200 އެއްހާ ޓޭންކަރު ހިމެނޭއިރު، މިއީ ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އީރާނުގެ އަސްކަރިއްޔާއިން މި މުހިންމު ކަނޑުއޮޅި ކޮންޓްރޯލްކުރާއިރު، އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރަށް ދަނީ އިންޒާރުދީ، ހަމަލާ ދެމުންނެވެ. އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އިން ހާމަކޮށްފައިވާ ގޮތުގައި، މި ކަނޑުއޮޅިން ކުރާ ދަތުރުތައް ވަނީ އާންމު ހާލަތާ އަޅާބަލާއިރު 90 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި، ތާށިވެފައިވާ ބޯޓުފަހަރުގައި 20،000 އެއްހާ ފަޅުވެރިން އެބަތިބި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އީރާނުން ބުނެފައިވަނީ އެމެރިކާއާއި އެމެރިކާއާ ގުޅުންހުރި އެއްވެސް ބޯޓަކަށް އެ ކަނޑުއޮޅިން ދަތުރުނުކުރެވޭނެ ކަމަށެވެ. ނަމަވެސް، އެމެރިކާއާ ގުޅުމެއް ނެތް ބޯޓުފަހަރަށް ވެސް ހަމަލާ އަމާޒުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެ ގޮތުން، ދާދި ފަހުން ތައިލެންޑުގެ ދިދަ ނަގައިގެން ދަތުރުކުރި "މަޔުރީ ނާރީ" ނަމަކަށް ކިޔާ ކާގޯ ބޯޓަކަށް ވަނީ ބެލިސްޓިކް މިސައިލުން ހަމަލާދީފައެވެ. ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ޚަލީފާ ޕޯޓުން ފުރައިގެން އިންޑިއާއަށް ދަތުރުކުރި މި ބޯޓަށް ދިން ހަމަލާއާ ގުޅިގެން ބޯޓުގެ އިންޖީނުގޭގައި ވަނީ ގޮވުންތަކެއް ގޮވައި، އަލިފާން ރޯވެފައެވެ. މި ހާދިސާގައި އޮމާންގެ ކަނޑުގެ ސިފައިން ވަނީ ބޯޓުގައި ތިބި 20 ފަޅުވެރިން ސަލާމަތްކޮށްފައެވެ. ނަމަވެސް، އަދިވެސް ތިން ފަޅުވެރިއަކު ގެއްލިފައިވާ ކަމަށާއި އެ މީހުން އިންޖީނުގެ ތެރޭގައި ތާށިވެފައިވުން އެކަށީގެންވާ ކަމަށް ބޯޓުގެ ވެރިފަރާތް ކަމަށްވާ ޕްރެޝަސް ޝިޕިންއިން ބުނެއެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އޮމާންގެ ކޯސްޓްގާޑާ ގުޅިގެން ކުރަމުން އަންނަ ކަމަށް ތައިލެންޑުގެ ކަނޑުގެ ސިފައިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ޖަޕާނުގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓަކަށް ވެސް މި ސަރަހައްދުން ވަނީ ހަމަލާދީފައެވެ. އަދި، ދުރުން ބޯޓެއްގައި އަލިފާން ރޯވެގެން އަނދަމުންދާ މަންޒަރު ފެނިފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ހުރުމުޒު ކަނޑުއޮޅިއަކީ ދުނިޔޭގެ ބާޒާރަށް ފޯރުކޮށްދޭ ތެލުގެ 20 އިންސައްތަ ދަތުރުކުރާ މައި މަގެވެ. މެރިޓައިމް އިންޓެލިޖެންސް ކުންފުނިތަކުން ހާމަކުރާ ގޮތުގައި، މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 2،400 އަށްވުރެ ގިނަ ވިޔަފާރި ބޯޓުފަހަރު އެ ސަރަހައްދުގައި މަޑުކޮށްގެން އެބަތިއްބެވެ. މި މަގު ބަންދުވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 100 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ތެލުގެ އަގު ބޮޑުވެ، އާންމު މުދަލުގެ އަގުތައް އުފުލުމުގެ ބިރު ވަނީ ހީވެފައެވެ. މި މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ އިންޒާރުތަކަށް ބިރު ނުގަނެ ދަތުރުކުރުމަށް ތެޔޯ އުފުލާ ބޯޓުފަހަރަށް ގޮވާލައްވާފައެވެ. އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، ހާލަތު ތަންދޭ މިންވަރަކުން ބައިނަލްއަގުވާމީ ކޯލިޝަނެއްގެ ދަށުން ވިޔަފާރި ބޯޓުފަހަރަށް ހިމާޔަތް ދިނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އީރާނުން ދަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދު ދިފާއުކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށާއި ސަޕްލައި ޗެއިންއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ދުނިޔޭގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ