ކާޑުތަކުގެ ލިމިޓު ލުއިކުރެވޭނީ ޑޮލަރު ލިބޭ މިންވަރުން، އިންވެސްޓްމަންޓް ތައާރަފުކުރީ އެ މަގުސަދުގައި: ޝަރީފް

ރުފިޔާ ކާޑުތަކުގެ ލިމިޓުތައް ލުއިކުރެވޭނީ ޑޮލަރު ގަންނަން ލިބޭ ވަރަކުން ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ޑޮލަރު އިންވެސްޓްކޮށް، 25 އިންސައްތައާ ހަމައަށް ރުފިޔާއިން ފައިދާ ހޯދުމުގެ ފުރުސަތު ހުޅުވާލީ އެ މަގުސަދުގައި ކަމަށް، އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާއި ބޭންކުގެ ބައެއް ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށްޓަކައި 'ޗެޓް ވިތު ސީއީއޯ'ގެ ނަމުގައި ބީއެމްއެލުން ބޭއްވި އިވެންޓުގައި ޝަރީފް ވަނީ، ރުފިޔާ ކާޑުތަކުން ކުރާ ބައެއް މުއާމަލާތްތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުވައިލައްވައިފައެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 2021ވަނަ އަހަރު ރުފިޔާ ކާޑުތަކުން 10.7 މިލިއަން ޑޮލަރު ބޭރުވިއިރު، މިއަހަރު އެ އަދަދު ވަނީ 39.3 މިލިއަން ޑޮލަރަށް އަރައިފައެވެ. އެއީ 2021ވަނަ އަހަރާ އަޅާބަލާއިރު 267 އިންސައްތައިގެ އިތުރުވުމެކެވެ. އޭގެ އިތުރުން، ކޮންމެ މަހަކު 250،000 އާއި ތިންލައްކައާ ދެމެދުގެ އަދަދަކަށް ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން މުއާމަލާތްކުރާ ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ. ބީއެމްއެލުން ބޭއްވި 'ޗެޓް ވިތު ސީއީއޯ' ސެޝަންގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިޢު ޢަބްދުﷲ ތަފާސްހިސާބުތަކުގައިވާ ގޮތުން، 2021ވަނަ އަހަރު ކަސްޓަމަރުން އެވަރެޖްކޮށް މަހަކު ހޭދަކުރަނީ 95 ޑޮލަރެވެ. މިއަހަރު އެ އަދަދު ވަނީ 143 ޑޮލަރަށް އިތުރުވެފައެވެ. ޝަރީފް ވިދާޅުވީ، ބޭންކަށް ޑޮލަރު ވިއްކޭނީ ބޭންކަށް އާމްދަނީ ލިބޭ ވަރަކުން، އަދި ޑޮލަރު ލިބޭ ވަރަކުން ކަމަށެވެ. "މިހާރު މި ވޮލިއުމް އިތުރުވަމުންދާ ވަރަށް ބަލާއިރުގައި މިހާ ބޮޑަށް އިތުރުވަމުންދާއިރު ބޭންކަށް ގަންނަން ލިބޭ ވަރަށް ވުރެ އެތައް ގުނައެއް ވަނީ އިތުރުވެގެން ގޮސްފައި، މިދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއިން އާންމު ފަރުދުންގެ ބޭނުންތަކަށާއި ކާޑުގެ ބޭނުންތަކަށް ވަނީ 1.6 ބިލިއަން ޑޮލަރު ވިއްކައިފަ،" ޝަރީފް ވިދާޅުވިއެވެ. އޭގެ ތެރެއިން 65 އިންސައްތަ ވިއްކީ ކާޑުގެ މުއާމަލާތްތަކަށް ކަމަށް، ޝަރީފް ވިދާޅުވިއެވެ. ބީއެމްއެލުން ބޭއްވި 'ޗެޓް ވިތު ސީއީއޯ' ސެޝަންގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިޢު ޢަބްދުﷲ އެހެންވެ، ބޭންކަށް ޑޮލަރު ގަންނަން ލިބޭ ވަރަށް ވުރެ ޑޮލަރު ބޭރުވާ ވަރު އިތުރުވެފައިވާތީ ބައެއް ސައިޓުތަކުގެ ބަޖެޓު ލިމިޓްކުރީ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއާއެކު ގިނަ ބަޔަކަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން 30 ޕަސެންޓަށް ބައެއް ވެބްސައިޓްތަކުން ނަގާ ފީވެސް ބޮޑުކުރީ، އެ ވެސް އަޅުގަނޑުމެންނަށް އެ ޑިސްކަރޭޖްކުރުމުގެ ގޮތުން އަޅުގަނޑުމެން ކުރި ކަމެއް، އެހެން ނަމަވެސް މި މުއާމަލާތްކުރައްވާ ފަރާތްތަކުން ބޭނުންވަނީ މުއާމަލާތްތައް ހިނގޭނެ ގޮތް،" ޝަރީފް ވިދާޅުވިއެވެ. މިހާރުވެސް ތައުލީމާއި ޑޮކްޓަރަށް ދެއްކުން ފަދަ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ދޫކުރަމުންދާނެ ކަމުގެ ޔަގީންކަން ޝަރީފް ދެއްވިއެވެ. "އަޅުގަނޑުމެން ބޭނުމެއްނުވޭ ދެން ހުރި ރީޓެއިލް އީކޮމާސް ސައިޓުތަކެއް ބްލޮކްކުރާކަށްވެސް، އެހެންވީމާ އޭގެ ތެރޭ އެހެން ފަރާތްތަކެއް ބައިވެރިކުރަން ބޭނުންވަނީ،" އޭނާ ވިދާޅުވިއެވެ. ބީއެމްއެލުން ބޭއްވި 'ޗެޓް ވިތު ސީއީއޯ' ސެޝަންގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިޢު ޢަބްދުﷲ ޝަރީފް ވިދާޅުވީ، ބޭންކުގެ މުއާމަލާތްތަކަށް އެންމެ ބޮޑު ފައިދާއެއް ވަނީ ކާޑުގެ މުއާމަލާތްތަކުން ކަމަށެވެ. ބީއެމްއެލްއިން ބޭއްވި 'ޗެޓް ވިތު ސީއީއޯ' ސެޝަންގައި ނޫސްވެރިންނާ ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ބޭންކުގައި ޑޮލަރު އިންވެސްޓްކުރުމުގެ މުޢާމަލާތް އޮންލައިންކޮށް ފަސޭހަކަމާއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕްއާއި އިންޓަނެޓް ބޭންކިން ތެރެއިން ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން، ކޮންމެ ދުވަހަކަށް ހުޅުވާލެވޭ، އެކި މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެ ވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ. https://sun.mv/224044 ބީއެމްއެލުން ބުނި ގޮތުގައި ޑޮލަރު އިންވެސްޓް ކުރުމުން، އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އިންވެސްޓްމެންޓްތައް ހުޅުވައިލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، 25 އިންސައްތައާ ހަމަޔަށް ފައިދާ ލިބޭނެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ބެންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ