އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - މުޅިން އަލަށް ފީފާ ވޯލްޑް ކަޕްގައި ވާދަކޮށް ފުޓްބޯޅައިގެ ގަދަބާރު ސްޕެއިން ހުއްޓުވި ކޭޕް ވާޑް ޓީމުގެ ގޯލު ބެލެހެއްޓި، 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާގެ މަންމަގެ ވިސާ މައްސަލަ އަށް ހައްލެއް ހޯދައިދީ އޭނާ އަށް މެޗު ބަލަން އެމެރިކާ އަށް ދިއުމުގެ ފުރުސަތު ތަނަވަސްވެއްޖެ އެވެ.
ސްޕެއިނާ 0-0 އިން އެއްވަރުވި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވޮޒީނިއާ، އެ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި، ފެންކަޅިވެފައި ހުރެ އަސަރާ އެކު ވާހަކަ ދައްކަމުންދިޔައިރު، ފާހަގަކުރި އެއް ކަމަކީ ވިސާގެ ކަންކަން ހުރި ގޮތުން، އޭނާގެ މަންމަ އަށް މެޗު ބަލަން ނާދެވުމަކީ ލިބުނު ދެރައެއް ކަމަށެވެ.
ކޭޕް ވާޑްގެ މީޑިއާ އަކަށް ވޮޒީނިއާގެ މަންމަ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ވޯލްޑް ކަޕްގެ މެޗުތަކަށް އެމެރިކާ އަށް ދާން ބޭނުންވި ނަމަވެސް އެކަން ކުރެވޭނެ ތަނަވަސްކަން ނެތް ކަމަށެވެ. އެ ގޮތުން، މައިގަނޑު ގޮތެއްގައި ފާހަގަކުރީ، އެމެރިކާ އަށް ދާން ދައްކަން ޖެހޭ 15000 ޑޮލަރުގެ ވިސާ ބޮންޑް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.
މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި، އަލަށް މުބާރާތުގައި ވާދަކުރާ ކޭޕް ވާޑްއާ ވާދަކޮށް 0-0 އިން އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހުނުއިރު، މިއީ، ސްޕެއިންގެ ފަރާތުން ޖުމްލަކޮށް ބަލާއިރު، އެޓޭކުގައި ދަށްކޮށް ފެނުނު މެޗެއް.
އެކަމަކު، މިހާރު އެމެރިކާ ސަރުކާރާއި ސިޔާސީ އެކި ފަރާތްތަކުން އިސްނަގައިގެން ކުރި މަސައްކަތުން ވިސާ ބޮންޑްގެ ބަޔަށް ވަނީ ލުޔެއް ގެންނަން ނިންމައިފަ އެވެ. އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ، ހައުސް މައިނޯރިޓީ ލީޑަރު، ހަކީމް ޖެފްރީސް އެވެ. އޭނާ ވިދާޅުވީ، އެއްވެސް މަންމަ އަކަށް އެ މީހެއްގެ ދަރިއަކު ތާރީހީ ކަަންތައްތަކެއް ހާސިލްކުރާތަން ފެނުމުން މަހުރޫމުވާތަން ދެކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމެއް ކަމަށެވެ.
އެ ގޮތުން، ޖެފްރީސްގެ އިސްނެންގެވުމާ އެކު، އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ވަނީ، ވޮޒީނިއާގެ މަންމަ އަކީ ވިސާ ބޮންޑަށް ލުއިދޭ އުސޫލަށް ފެތޭނެ ފަރާތެއް ކަމަށް ކަނޑައަޅައިފަ އެވެ. މާނަ އަކީ، އޭނާ އަށް ކޭޕް ވާޑް ދެން ކުޅޭ މެޗުތައް ބަލަން އެމެރިކާ އަށް ދެވޭ ގޮތް ވުމެވެ.
ވޮޒީނިއާ އަށް އެހީވުމަށްޓަކައި، އެމެރިކާގައި ގިނަ އޮންލައިން ފަންޑްތަކެއް ވެސް ވަނީ ފަށަައިފަ އެވެ. އެކަމަކު، އޭގެއިން އެއްވެސް ފަންޑަކީ، ވޮޒީނިއާއާ ސީދާ ގުޅުން އޮވެގެން ކުރިއަށްދާ ކަމެއްތޯ އަދި ރަސްމީ މަސްދަރަކުން ކަށަަވަރުވެފައިނުވެ އެެވެ.
ޕޯޗުގަލްގެ ދެ ވަނަ ޑިވިޝަނުގެ ކްލަބަކަށް ކުޅެމުން އަންނަ ވޮޒީނިއާގެ ސޯޝަލް މީޑިއާގެ ފޮލޯވަަރުންގެ އަދަދު އަންނަނީ އެތައް ގުނައެއް އިތުރުވަމުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕް ފެށިއިރު، މިލިއަނަކަށް ވެސް ނާރާ ވޮޒީނިއާގެ އިންސްޓަގްރާމް އެކައުންޓުގެ ފޮލޯވަރުންގެ އަދަދު ވަނީ ހަތް މިލިއަން ހުރަސްކޮށްފަ އެވެ.
ކޭޕް ވާޑްގެ ކީޕަރުގެ މަންމަގެ ވިސާ މައްސަލަ ހައްލުވެ މެޗު ބަލަން އެމެރިކާ އަށް ދެވޭގޮތް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ