ރައްޔިތުންނަށް ސަރުކާރުން ކަންކަން ކޮށްދިނުމަށް ގެންގުޅޭ ސިޔާސަތު، ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު ސިފަކުރެއްވީ ކުޑަކުއްޖަކު ބޮޑާ ހާކާފައި ކޮށްދޭން އެދޭ ކޮންމެ ކަމެއް ކޮށްދިނުމަށެވެ. ނަމަވެސް އެއީ މުސްތަގުބަލުގައި އޭނާ ހަރުދަނާ، އުފެއްދުންތެރި މީހަކަށް ވުމަށް އެޅޭ ހުރަހެއް ނޫން ހެއްޔެވެ؟ ނަތީޖާއަކަށް ވާނީ ދިރިއުޅުމުގެ ހަގީގަތްތަކަށް އޭނާ ނުހޭނުމެވެ. އެ އާއިލާގެ ކަންކަން ފުއްދުމަށްޓަކައި އޭނާ އަދާކުރަން އޮތް ދައުރު އެންމެ ރަނގަޅަކަށް އަދައެއް ނުކުރެވޭނެ އެވެ. އާއިލާގެ ކަންކަން ދެކޮޅު ނުޖެއްސެންޏާ، މުޅި އާއިލާ ވެއްޓެނީ ހާސްކަމެއްގެ ތެރެއަކަށެވެ.
"މިސާލަކަށް އަޅުގަނޑުގެ ދަރިފުޅު ނިދަން އޮށޯންނަމުން ކޮންމެ ފަހަރަކު މި ރޮނީ ޗޮކޮލެޓެއް ދޭން. އަޅުގަނޑު އޭނާ ރުއިއޭ ކިޔާފައި ޗޮކޮލެޓް ދޭންވީއެއް ނޫން. އޭނާއަށް ބުނެދޭންވީ، ވިސްނައިދޭންވީ އެ ގަޑީގައި އެ ކެއީމައި ވާނެ ގޮތް. އެހެން ތަރުބިއްޔަތުކޮށްގެން މުސްތަގުބަލުގައި އޭނާގެ ކަށީގައި ހަރުދަނާ ސިފަތަކެއް އަށަގަންނާނީ،" އިނާޒު ވިދާޅުވި އެވެ.
ސަރުކާރުން ގެންގުޅެނީ އެ ޒާތުގެ ސިޔާސަތުތަކެކެވެ. ފަސޭހައިން މީހުން ރުއްސޭނެ ގޮތެއް ހެދުމެވެ. އިންތިހާބާ ގާތްކޮށް، ފްލެޓްތަކުގެ ކުލި ކުޑަކުރުމެވެ. ސަރުކާރުގެ ކުންފުނިތައް ގިނަކުރަމުން، ކުންފުނިތަކުން ކުރާ ވިޔަފާރިތައް އިތުރުކުރަމުން، ކޮންމެ ވެސް ވަޒީފާތަކެއް ބެހުމެވެ. މަސައްކަތެއް ކުރަން ނުޖެހޭ، ސިޔާސީ މަގާމުތަކެއް އުފައްދައިގެން ޕާޓީގެ ހަރަކާތްތެރިންނަށް މަގާމުތައް ބެހުމެވެ. ކޮންމެ ވެސް ހާއްސަ މަހަކާ ދިމާކޮށް، މަސްދަޅު ކޭސް ހަދިޔާކުރުމާއި ކަރަންޓު ބިލު ދައްކައިދީ ހެދުމެވެ. މިހެން މީހުން ރުއްސަން ހަދައިގެން، ސަރުކާރު ދަނީ ބާޒާރުގެ ހަގީގަތްތަކާ ދުރަށެވެ.
ފަސޭހައިން މީހުން ރުއްސުމުގެ ބޭނުމުގެ އިތުރަށް މީހުން ސަރުކާރަށް ބަރޯސާވާން ޖެހޭ ސަގާފަތް އާލާކުރުމުގެ ނިޔަތުގައި ބާޒާރުގެ ތެރެއަށް ސަރުކާރުން ވަދެފައިވާ ވަރާއި، އޭގެ ސަބަބުން އިގުތިސޯދުގެ އުފެއްދުންތެރިކަން ނެތެމުންދާ ގޮތަކީ މި ހުކުރު ދުވަހު 'ދައުރު'ން ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގެ މައުލޫއެވެ. މި މައުލޫގައި ވާހަކަ ދައްކަވަން ބައިވެރިވެވަޑައިގެންނެވީ އިނާޒެވެ.
އިގުތިސޯދާއި މާލީ ދާއިރާގެ މޮޑިއުލްތަކަށް ޔުނިވާސިޓީތަކުގައި ކިޔަވައިވިދާޅުވެ ދެއްވާ އިނާޒު އެންމެ ފަހުން ހުންނެވީ ޕެންޝަން އޮފީހުގެ ބޯޑު ޗެއާމަނަކަށެވެ. އޭގެ ކުރިން ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށެވެ. އެއާ ވެސް އެކު ވޮޑްކާސްޓްގައި ފުރަތަމަ ދެކެވުނު އެއް ވާހަކައަކީ ޑޮލަރުގެ އަގު މަތިވެ، ތަކެތީގެ އަގު އުފެލެދެމުންދާ ވާހަކަ އެވެ.
"އޭރު ވެސް އަޅުގަނޑު ވަކާލާތުކުރީ ޑޮލަރުން މުއާމަލާތްކުރުން ދޫކޮށްލަން. ރައީސް ނަޝީދަށް އަޅުގަނޑު މިނިސްޓަރަކަށް ހުރެ ދިން ލަފައަކީ ވެސް ބޭރު ފައިސާގެ އަގު ވެސް ބާޒާރަށް ދޫކޮށްލަން،" އިނާޒު ވިދާޅުވި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި މުއާމަލާތްކުރެވޭނީ ހަމައެކަނި އެ ގައުމުގެ ކަރެންސީއަކުންނެވެ. އެއާޕޯޓުން ނުކުންނައިރު، އަތުގައި ހުންނަ ޑޮލަރު ނުވަތަ އެހެން ފައިސާއެއް ވެސް އެ ގައުމެއްގެ ފައިސާއަށް މާރުކުރަން ޖެހޭ ގޮތަށް ކިތަންމެ ގައުމެއްގައި އަމަލުކުރެ އެވެ. އިނާޒު ވިދާޅުވި ގޮތުގައި ރާއްޖެއަށްވުރެ މާ ކުދި އިގުތިސޯދުތައް ވެސް ހިންގަނީ އެ ގޮތަށެވެ.
"އެއީ ބާޒާރު ހިނގާ ގޮތް. ޑިމާންޑް ގެއްލުނީމައި ސަޕްލަޔަރުން ޖެހޭނީ އިތުރު ހިތްވަރެއް ލާން ޑިމާންޑް އިތުރަށް އުފައްދަން. ސަރުކާރުންނާއި ބޭރު ފައިސާގެ ވިޔަފާރިވެރިން ވެސް ޑިސިޕްލިން ވާނީ ބޭރު ފައިސާގެ އަގު ބާޒާރަށް ދޫކޮށްލީމައި،" އިނާޒު ވިދާޅުވި އެވެ.
މި ވަގުތު ޑޮލަރެއްގެ ރަސްމީ އަގަކީ 15.42ރ. އެވެ. ނަމަވެސް ބާޒާރުގައި ޑޮލަރެއްގެ އަގު އަގު 20ރ. އިން މަތީގަ އެވެ. އިނާޒު ގަބޫލުކުރައްވާ ގޮތުގައި ބާޒާރުގެ އަގަކީ ހަގީގީ އަގެވެ. އެ އަގު ސަރުކާރުން މަތިކުރަން ޖެހޭނީ އިގުތިސޯދު ރަނގަޅުކޮށްގެން، ކަރެންސީގެ އަގު އުފުލައިގެނެވެ. ސަރުކާރުން ކޮންޓްރޯލް އަގެއް ގެންގުޅެނެއް ނޫނެވެ.
"އަޅުގަނޑުމެންގެ ފައިސާގެ އަގު ދަށްވަމުންދާނަމަ އޭގެ މާނައަކީ އެބައުޅެއޭ އިގުތިސޯދުގައި ސީރިއަސް މައްސަލަތަކެއް އަޅުގަނޑުމެން ވިސްނާލަން ޖެހޭ،" އިނާޒު ވިދާޅުވި އެވެ.
މުޅި އިގުތިސޯދު ބިނާކުރަމުން ދަނީ ސަރުކާރުގެ ކޮންޓްރޯލް އޭގައި އޮންނަ ގޮތަށެވެ. ސަރުކާރުގެ ސައްތަ ހިއްސާ އޮންނަ ގޮތަށް ކުންފުނިތައް އިތުރުކުރަމުން، އެ ކުންފުނިތަކުން ނުކުރާ ވިޔަފާރިއެއް މަދެވެ. ކާބޯތަކެތީގެ އާންމު މުދަލުން ފެށިގެން ބަދިގެ ސަމާނާއި، އިލެކްޓްރޯނިކްސް އާއި ފަރުނީޗަރު ވެސް ވިއްކަ އެވެ. ބޭސް، ކަރަންޓު، ފެން، ނަރުދަމާގެ އަސާސީ ހިދުމަތްތަކުގެ އިތުރުން އެންމެ ފަހުން ޓެކްސީއާއި ނަންބަރު އައިނު ވިޔަފާރި ފަދަ އެތައް ވިޔަފާރިއެއްގެ ތެރެއަށް ސަރުކާރުން ދަނީ ވަންނަމުންނެވެ.
އިނާޒު ވިދާޅުވީ ބާޒާރުގައި ހިނގާ ގޯހެއް ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން ބާޒާރުގެ ތެރެއަށް ވަންނަން ޖެހޭނީ ކޮންމެހެން ސަރުކާރުން މުޅި ބާޒާރު ހިންގަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަން ޖެހޭނީ، ޕްރައިވެޓް ސެކްޓާ ބާރުވެރިކުރުމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށެވެ. އިގުތިސޯދުގެ ތެރޭގައި ފައިސާ ދައުރުކުރުން އިތުރުކޮށް، އިގުތިސޯދީ ހަރަކާތްތައް ގިނަކޮށްގެނެވެ.
"އަޅުގަނޑުމެންގެ ޓެކްސްގެ ނިޒާމުން އިގުތިސޯދު ހިންގެން އޮތް އިންޖީނަކީ ޕްރައިވެޓް ސެކްޓާ. ސަރުކާރެއް ނޫން އެ އިންޖީނަކީ. ސަރުކާރު ވީހާ ވެސް ކުޑަކޮށް އެފިިޝިއެންޓްކޮށް ހިންގަންވީ،" އިނާޒު ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ބަަހަމުން ދަނީ ފަރުދީ އުފެއްދުންތެރިކަމާއި ގައުމީ އުފެއްދުންތެރިކަން ނެތިކޮށްލާ ގޮތަށެވެ. އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ގޮތަށް ދައުލަތުން މުސާރަ ދޭ ގޮތަށް ވަޒީފާތަކަށް ނަގަމުން ދިޔައީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި އެ ނޫން ވެސް އުފެއްދުންތެރި މަސައްކަތް ކުރަން ތިބި މީހުންނެވެ.
"ކުރިން ރަށްރަށުގައި މަސްވެރިކަން، ދަނޑުވެރިކަން ކުރަން ތިބި މީހުންނަށް ފެނަކައިންނާއި ވެމްކޯއިން ވަޒީފާ ދިިނިމާއި އެ ހަލާކުކޮށްލަނީ ގައުމުގެ އުފެއްދުންތެރިކަން،" އިނާޒު ވިދާޅުވި އެވެ.
ހިދުމަތްތަކާއި ވަސީލަތްތައް މާލެއަށް މަރުކަޒުކުރުމުގެ ނަތީޖާއަކީ މާލެ ތޮއްޖެހި ހަރަދު ބޮޑު، ހާސްކަން ބޮޑު ދިރިއުޅުމެއް އެންމެނަށް އުޅެން ޖެހިފައިވުމެވެ. އިނާޒު ވިދާޅުވީ ކުލި ދައްކައި، ދިރިއުޅުމުގެ ހަރަދުތައް ފޫބެއްދެން މިއަދު އޮތީ ކޮންމެ އާއިލާއެއްގެ ވެސް ދޮށީ މީހުންގެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެން ކުރާ ކޮންމެ ވިޔަފާރިއެއްގެ މުއާމަލާތަކުން، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކުން ސަރުކާރަށް ލާރި މި ދައްކަނީ ޓެކްސްގެ ގޮތުގައި،" އިނާޒު ވިދާޅުވި އެވެ.
ކުރިން ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، އިގުތިސޯދަށް ވަރަށް މުހިންމު ސިޔާސަތުތަކަށް ސިޔާސީ ވެރިން ފާޑުކިޔާފައިވާ ތަން ފެނިގެން ގޮސްފައިވެ އެވެ. އާސަންދައާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހުއްޓާލަން ޖެހޭ ކަމާއި، ޓެކްސް ނެގުން ވެސް ހުއްޓާލަން ޖެހޭ ކަމަށް އޭރު އިނާޒު މިނިސްޓަރަކަށް ހުންނެވި އެމްޑީޕީގެ ސަރުކާރުގައި ވާދަވެރިންގެ ފަރާތުން އިވިގެން ދިޔަ އެވެ.
ރަނގަޅު ސިޔާސަތުތަކެއް ކުރިއަށް ގެންދަން ސަރުކާރުތަކަށް މަޖުބޫރުވި ފަދައިން، އިނާޒު ދެކެން ބޭނުންފުޅުވަނީ ކުރިއަށް އޮތް ތަނުގައި ވެސް އިގުތިސޯދީ ހަރުދަނާ ސިޔާސަތުތަކަށް ވެރިކަމުގެ ވައްޓަފާޅި އިންގިލާބު ވެގެން ދިއުމެވެ. ސަރުކާރުން ކުރާ ބޭކާރު އިސްރާފުތައް ހުއްޓާލުމަށް ސިޔާސީ ޕާޓީތަކުން އެއްބަސްވާ ތަނެވެ.
"[އާންމު ރައްޔިތުން] ދަންވަރު 12 ޖަހަންދެން މަސައްކަތްކޮށްފައި ޓެކްސް ދެއްކުމުން، އެ ފައިސާ ކޮންމެ ވެސް ޕޮލިޓިކަލް ޑިރެކްޓަރަކަށް، ނޫނީ އެއަށްވުރެ ވެސް މަތިން އެކި ނަންނަމުގައި އުފައްދާފައިވާ މަގާމުތަކަށް ޓެކްސް ފައިސާއިން މުސާރަ މި ދެނީ. އަޅުގަނޑުމެންގެ އެންމެންގެ ލެއިންނޭ މި މުސާރަތައް މި ދެނީ،" އިނާޒު ވިދާޅުވި އެވެ.
ވޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން އިނާޒު ވަކާލާތުކުރެއްވީ ސަބްސިޑީތަކާއި، އިނާޔަތްތަކުގެ އިތުރުން ހިލޭ ފުރަތަމަ ޑިގްރީ ޕްރޮގްރާމް ފަދަ ކަންކަމަށް ސަރުކާރުން މި ވަގުތު ހަރަދުކުރަމުން ގެންދަންވީ އޭގެ ބަދަލުގައި ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ މަގަކަށެވެ.
މިސާލެއްގެ ގޮތުން އިނާޒު ފާހަގަކުރެއްވީ ދެ ކަމެކެވެ. އެއް ކަމަކީ ތެލުގެ ބަދަލުގައި ސޯލާ ހަކަތައިން ކަރަންޓު އުފެއްދުމުގެ ނިޒާމަށް މުޅި ރާއްޖެ ބަދަލުކުރުމެވެ. އަނެއް ކަމަކީ ރާއްޖޭގެ ވެއްޓާ ގުޅޭ ދަނޑުވެރިކަމުގެ ބާވަތްތައް ބޭރުން އެއްވެސް ވަރަކަށް އެތެރެނުކޮށް ރިސޯޓްތަކަށް ރާއްޖޭން އުފައްދާ ތަކެތި ވިއްކުމެވެ.
"ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ދަރިވަރުންތަކެއް ހާއްސަކުރަންވީ ނޫންތޯ މިއިން ދާއިރާއަކަށް. ފްރީ ޑިގްރީ ޕްރޮގްރާމް ވެސް ހާއްސަކުރެވިދާނެ ނޫންތޯ މި ކަންކަމަށް. ސޯލާ ހަކަތަ ފަދަ ނިޒާމުތަކުން ކަރަންޓު އުފައްދަން ދަންނަ ދިވެހި އިންޖިނިއަރުން ބިނާކުރުމަށް،" އިގުތިސޯދީ ސިޔާސަތުތައް ބައްޓަންކުރަންވީ ގޮތުގެ މިސާލެއް އިނާޒު ތަފްސީލްކޮށްދެއްވި އެވެ.
އިނާޒު ގަބޫލުކުރައްވާ ގޮތުގައި ދަރަނި މެނޭޖުކުރުމަށާއި، ސަރުކާރުގެ ހަރަދުތައް ބައްޓަންކުރުމުގައި ވެސް މި ވަގުތު އިސްކަން ދޭން ޖެހޭ ކަމަކީ މުރާލި، މުއްސަނދި އާއިލާތަކެއް ބިނާކުރުމަށެވެ. މެދު އާމްދަނީ ލިބޭ އެތައް އާއިލާއެއް އުފެއްދުމަށެވެ. އެ ނޫން ގޮތަކަށް ރާއްޖޭގެ އިގުތިސޯދު ހިންގޭކަށް ދެން ނެތެވެ. ދިވެހިންގެ ގިނަ ބަޔަކު އެހާ ފަގީރެވެ.
ދެން އޮތީ ރާއްޖޭގެ އާބާދީ ކުޑަވުމުގެ މައްސަލަ އެވެ. ރާއްޖޭގެ އިގުތިސޯދަށް ބޭނުންވާ މަސައްކަތްތައް ކުރެވޭ ވަރުގެ އާބާދީއެއް ރާއްޖޭގައި ނެތެވެ. މިހާރު ވެސް ވަޒީފާގެ ބާޒާރަށް ބޭނުންވާ ވަރަށް މަސައްކަތްތެރިން ހަމަކުރަނީ ބޭރު މަސައްކަތްތެރިން އެތެރެކޮށްގެނެވެ. ރާއްޖެ ހިމެނޭ ގޮތަށް ގިނަ ގައުމުތަކުގެ އާބާދީ މި ދަނީ މުސްކުޅިވަމުންނެވެ.
އިނާޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭން މަސައްކަތްތެރިން ގެންނަ ގައުމުތައް ކަމަށްވާ އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް ފަދަ ގައުމުތަކުން މަސައްކަތްތެރިން ހޯދުމަކީ ވެސް ދަތި ކަމަކަށް ވެދާނެ ކަމަށެވެ. އެއީ އެ ގައުމުތަކުގެ އާބާދީގެ ވެސް ބޮޑު ބައި މުސްކުޅި އާބާދީއަށް ބަދަލުވާއިރު މީހުން އެ ތަނުން ބޭރުވާން ޖާގަދޭނީ އެ ގައުމުތަކުގެ އަމިއްލަ އިގުތިސޯދަށް ބޭނުންވާ ވަރަށް މީހުން ތިބެފައި، އިތުރަށް ތިބި ނަމަ އެވެ.
އެހެންކަމުން އެންމެ ދިވެއްސަކު ވެސް އުފެއްދުންތެރި މަސައްކަތެއް ނެތި ހުރުން ވާނީ ދިވެހި އިގުތިސޯދަށް ދަތި ކަމަކަށެވެ. އެންމެ ދިވެއްސަކު ވެސް މަސައްކަތެއް ނެތި، މަސްތުވާތަކެއްޗާއި ކުށުގެ ވެށީގައި ދޫވެފައި ބޭތިއްބުމަކީ ކުރެވެން އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މީހުން ރުއްސުމަށްވުރެ، މީހުން އިގުތިސޯދުގެ ހަގީގަތްތަކަށް ހޭނުމަށް ސަރުކާރުން މަަސައްކަތްކުރަން މަޖުބޫރުވެފައިވާ ކަމަށް އިނާޒު ވިދާޅުވި އެވެ. މީހުން މަސައްކަތްތެރިކަމާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ހޭނުމަށް ސަރުކާރުން މަސައްކަތްކޮށްފިނަމަ، ފަހުން ރައްޔިތުން ބަލައިގަންނާނެ ވަރުގެ ލެގަސީއެއް އުފެދޭނެ އެވެ.
"އޭރުން އޮންނާނެ ދޫކޮށްލާފައިދެވޭ ލެގަސީއެއް. ރައީސް ނާސިރު ބައްލަވާ. ވެރިކަމުގައި ހުންނެވިއިރު ވަރަށް ގިނަ މީހުން ހިތްހަމަނުޖެހޭ ކަންކަން ކުރެއްވި. އެކަމަކު ދިވެހިންގެ ފުރަތަމަ އެއާޕޯޓާއި ޓޫރިޒަމް ފަދަ ލެގަސީތަކެއް ދޫކޮށްލައްވައި ވަޑައިގަތީ،" އިނާޒު ވިދާޅުވި އެވެ.
އެއްބަސްވެ ދެބަސްވަމާ ވޮޑްކާސްޓް: މުރާލި، މުއްސަނދި އާއިލާތަކެއް ބިނާނުކޮށް ދެން ސަލާމަތެއް ނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ