ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ކަމަށް ގާސިމް އިބްރާހިމް އިންތިހާބުކުރުމަށްޓަކައި ބާއްވާ އިންތިހާބު މާދަމާ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
ޖޭޕީގެ ލީޑަރުކަމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ބާނީ ގާސިމް އިބްރާހީމެވެ.
ޖޭޕީގެ މަގާމަށް ގާސިމް އިންތިހާބުކުރުމަށްޓަކައި ބާއްވާ އިންތިހާބުގެ ވޯޓުލުމާއި ނަތީޖާ އިއުލާންކުރުމަށްޓަކައި، އެ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ގައި މ. ކުނޫޒްގައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ އިސް މަގާމެއްގައި ނުހުންނެވޭނެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު ގާސިމް އިބްރާހީމަށް ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުންނެވެ. ގާސިމް މިއަދު ފޯމް ހުށަހަޅުއްވާފައިވާ އިރު، ގާސިމަށް އިއްވި ޖަލު ހުކުމް ދާދިފަހުން ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އެއްވެސް ސަބަބަކާ ހުރެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ އެ މަގާމު ފުރުއްވުމަށް އުޒުރުވެރިވެއްޖެ ނަމަ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ޕާޓީގެ ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރުންގެ ތެރެއިން ބޭފުޅެކެވެ. މިއަހަރުގެ ޖޫން މަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ލީޑަރުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެއްވީ ނައިބު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސައިން ރަޝީދު ހަސަނާއެވެ.
ޖޭޕީގެ ލީޑަރަކަށް ގާސިމް އިންތިހާބުކުރުމަށްޓަކައި ބާއްވާ އިންތިހާބު މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ