ސުޕްރީމް ކޯޓުން "ކުޑަކުދިންގެ އަދުލުގެ ގަވާއިދެއް" އެކުލަވާލައިފި

ސުޕްރީމް ކޯޓުން "ކުޑަކުދިންގެ އަދުލުގެ ގަވާއިދެއް" އެކުލަވާލައިފިއެވެ.
މި ގަވާއިދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ގަވާއިދުގެ ނުވަ ވަނަ މާއްދާގެ ދަށުން، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބެލެމުގައި އަމަލުކުރާނެ ގޮތުގެ އެންމެހާ އުސޫލްތައް ބަޔަންކޮށްފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކުގެ ތަޙްޤީޤުތައް ކުރިއަށް ގެންދިއުމާއި، ދަޢުވާ އުފުލުމާއި، ޝަރީޢަތް ހިންގުމުގައި މުއައްސަސާތަކުގެ މެދުގައި އެއް އުޞޫލުތަކެއް ޤާއިމްކުރުމަށް މަގުފަހިކުރުމާއި، އެކަށީގެންވާ އަވަސް މިނެއްގައި ކުޑަކުދިންގެ މައްޗަށް އުފުލޭ ޖިނާއީ ތުހުމަތުތަކުގެ ތަޙްޤީޤާއި، ދަޢުވާކުރުމާއި ޝަރީޢަތުގެ މަރުޙަލާރައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން ހިމެނެއެވެ.
މީގެއިތުރުން ޖިނާއީ ޢަދުލުގެ ހުރިހާ މަރުޙަލާއެއްގައިވެސް ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމާއި، އެކުދިންގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެފަދަ ގޮތެއްގެމަތިން އަމަލުކުރުމާއި، ކުޑަކުދިންގެ ޖިނާއީ ޢަދުލުގެ ނިޒާމަކީ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭ ނިޒާމަކަށްވާތީ، އެކުދިންގެ އިޞްލާޙީ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް މަގުފަހިކުރުމާއި، އަދި މި މަސައްކަތުގައި މުއައްސަސާތަކުގެ މެދުގައި އެއް ތަޞައްވުރެއް އޮތުމާއި، މުއައްސަސާތަކުގެ މެދުގައި ގުޅުންތައް ވަރުގަދަކުރުމަށް މަގުފަހިކުރުމަކީ ވެސް މި ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކުޑަކުދިން ކުރާ ކުށްތަކާބެހޭ މައްސަލަތައް ނިންމުން އަވަސްކުރުމަށް މައްސަލަ ތަޙުޤީޤުކުރާ ފަރާތުންނާއި، ދަޢުވާކުރާ ފަރާތުންނާއި އަދި ޝަރީޢަތްކުރާ ފަރާތުން އިސްކަންދޭންވާނެ ކަމަށްވެސް މި ގަވާއިދުގައި ބުނެފައިވެއެވެ. އަދި ކުށްކުރާ ކުޑަކުދިންގެ މަޢުލޫމާތު ތަޙުޤީޤު މަރުޙަލާގައި ނުވަތަ ދަޢުވާކުރާ މަރުޙަލާގައި ނުވަތަ ޝަރީޢަތުގެ މަރުޙަލާގައި މައްސަލައާއި ގުޅުންހުރި އެއްވެސް ފަރާތަކުން ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން 18 އަހަރުން ދަށުގެ ކުދިން ކުރާ ކުށުގެ މައްސަލަތަކާއި ގުޅިގެން އެއްވެސް މުއައްސަސާއަކުން އެކުދިންގެ ކުށުގެ ރެކޯޑު ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ޤަވާޢިދަށް ޢަމަލުކުރުމުގައި ކުޑަކުދިން ކަމުގައި ބަލާނީ މީލާ ދީގޮތުން ޢުމުރުން 10 އަހަރު ފުރި އަދި 18 އަހަރު ނުފުރޭ ކުދިންނަށް ކަމަށާއި ކުއްޖާގެ ޢުމުރުން 10 އަހަރު ފުރިހަމަވުމާ ހަމައަށް ކުޑަކުދިން ކުރާ ކުށްކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ