100 އިންސައްތަ ދިވެހި ޓީޗަރުންނާއެކު ހުރަވީ ސްކޫލް ހުޅުވައިފި

ރާއްޖޭގެ އެންމެ ބޮޑު ސްކޫލް އަދި ހަމައެކަނި ދިވެހި ޓީޗަރުން ކިޔަވައިދޭ ހުރަވީ ސްކޫލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.
ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން އިން ހުޅުމާލޭގައި އިމާރާތްކުރި ހުރަވީ ސްކޫލް ރައީސް ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސްގެ އިތުރުން މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސްކޫލް ރަސްމީކޮށް ހުޅިވައިދެއްވަމުން ރައީސް ވިދާޅުވީ ހުރަވީ ސްކޫލަކީ ރާއްޖޭގެ އެހެން ސްކޫލްތަކާއި ވަރަށް ގިނަ ގޮތްގޮތުން ތަފާތު ސްކޫލެއް ކަމަށާއި، މިސްކޫލް ފަރުމާ ކޮށްފައިވަނީ ވަށާ ޖެހޭ ތައުލީމީ ނިޒާމަކަށް ވަރަށް އެކަށޭނެ ގޮތަަކަށް ކަމަށެވެ. އަދި މިސްކޫލަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން، ޖަޒީރާ ސްކޫލެއް ހިންގުމަށް ބައްޓަން ކުރެއްވިފައިވާ އިމާރާތެއް ކަމަށެވެ.
ހުރަވީ ސްކޫލަކީ ހަތް ބުރީގެ ތިން ބްލޮކަށް އިމާރާތްކޮށްފައިވާ ތަނެކެވެ. އޭލެވެލްއާ އަހަމަށް ކިޔަވައި ދޭން ފަށަން ތައްޔާރުވެފައިވާ އެ ސްކޫލު މިއަދު ހުޅުވި އިރު ސްކޫލުގައި 780 ދަރިވަރުން ރަޖިސްޓްރީ ކޮށްފައިވެއެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ގޮތަށް ފަރުމާކޮށްފައިވާ މި ސްކޫލުގައި މިހާރު ކިޔަވައިދެނީ ގްރޭޑް ނުވައަކާ ހަމައަށެވެ، އަދި އަންނަ އަހަރު ގްރޭޑް 10 އަކަށް ކިޔަވައިދޭނެއެވެ.
އެއް ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ފަރުމާކޮށްފައިވާ މި ސްކޫލުގައި 1،450 ކުދިނަށް ކިޔަވައިދެވޭނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އަދި 60 ދިވެހި ޓީޗަރުންނާ އެކު އެ ސްކޫލުގެ މުވައްޒަފުންގެ އަދަދު 80 އަރާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެޑިއުކޭޝަނުން ބުނީ އެހެން ސްކޫލުތަކާ ހިލާފަށް ޖާގައިގެ ގޮތުން ތަނަވަސް މި ސްކޫލުގައި، އިމާރާތުގެ ހުރިހާ ފަންގިފިލާތައް ހަދާފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެރޭނެ ގޮތަށް ކަމަށެވެ.
މި ސްކޫލުގެ ކުލައަކީ މަޑު ފެހި ކުލައެކެވެ. ހުރަވީ ސްކޫލުގެ ރަމްޒުކޮށްދެނީ ސުލްތާން ގާޒީ ހަސަން އިއްޒުއްދީން ނުވަތަ ދޮންބަނޑާރައިންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ