ޕީޕީއެމްގެ ކޮންގްރެސްގެ މައްސަލަ އީސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ

މިދިޔަ ސެޕްޓެމްބަރު މަހު ޕީޕީއެމުން ބޭއްވި އެ ޕާޓީގެ ތިންވަނަ ކޮންގްރެސް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލު ކުރަން ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން އެ ކޮމިޝަނުން ނިންމައިފިއެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށާއި، އެ ކޮންގްރެސްއާއި ކޮންގްރެސްގެ ނިންމުންތައް ބަލައިގަންނަން އީސީގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
އެކަމާ ގުޅިގެން އީސީގެ ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ ހައި ކޯޓުން ކުރި ހުކުމަށް އީސީން އިހުތިރާމު ކުރާ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ކުރި ހުކުމުގައި އެ ކޮމިޝަނުން ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ބައެއް ފަނޑިޔާރުން ބަދަލު ކުރަން ވެސް އީސީން ހައި ކޯޓުގައި އެދިފައި ވެއެވެ. ނަމަވެސް އީސީން އެދިފައިވާ ގޮތަށް ހައި ކޯޓުން އެ ބެންޗު ބަދަލު ކޮށްފައެއް ނުވެއެވެ.
ޕީޕީއެމްގެ ކޮންގްރެސް ބަލައިގަންނަން އީސީގެ މައްޗަށް އަމުރުކޮށް، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ އިސް މަގާމުތަކަށް އެ ކޮންގްރެސްގައި އިންތިހާބު ކުރި ބޭފުޅުން ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމަނަން އީސީގެ މައްޗަށް އަމުރު ކުރާ ކަމަށް ހުކުމުގައި ވެއެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިހާބުކޮށްފައެވެ. އަދި އެ ޕާޓީގެ ނައިބު ރައީސުންނަށް ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްރަހީމް އަބްދުﷲ، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އައިޝަތު އާޒިމާ ޝަކުރޫ ވެސް އިންތިހާބު ކުރިއެވެ.
އޭގެ އިތުރުން، ޕީޕީއެމްގެ ކައުންސިލަށް ބޭފުޅުން އިންތިހާބު ކުރިއެވެ. ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ހައި ކޯޓުން އަމުރު ކުރުމުން، އެ މަގާމުތަކާއި ޕީޕީއެމްގެ އަސާސީ ގަވާއިދަށް އެ ކޮންގްރެސްއިން ގެނައި ބަދަލުތައް ސައްހަ ވެގެން ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ