ސްކޫލް ގައިޑް: ސެލޯފޭން ދޫކޮށްލަމާ!

ޕްލާސްޓިކަކީ ކިހާ ގެއްލުން ހުރި އެއްޗެއް ކަމާއި ޕްލާސްޓިކާ މެދު އަމަލުކުރަންވީ ކިހިނެއްކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މިހާރު އެނގޭނެ އެވެ. ފޮތްތަކުގެ ބޭރުގައި ތިޔަ ލައްވާ ސެލޯފޭނަކީ ވެސް ޕްލާސްޓިކް ކުންޏަށް ވެގެންދާ އެއްޗެއްކަން އެނގޭ ހެއްޔެވެ؟
ކުރިއަށް އޮތް ސްކޫލް އަހަރަށް ތައްޔާރުވާ އިރު، "ޕްލާސްޓިކް ނޫން ގޮތެއް" ކެމްޕެއިނުން ދޭ ނަސޭހަތެއް އެބަ އޮތެވެ؛ ސެލޯފޭން ދޫކޮށްލާށެވެ!
"ސެލޯފޭން ބޭނުން ނުކުރުން ރަނގަޅު. މިހާރު މޮނިޓަ ފޮތްތައް ހުންނަނީ ވެސް ނުލާހިކު ރީތިކޮށް. އެހެންވީމާ އިތުރަށް ކަވަރެއް ލެއްވުމުގެ ބޭނުމެއް އޮތްހެނެއް ވެސް ހިއެއް ނުވޭ،" އެ ޕްރޮގްރާމްގައި އިސްކޮށް އުޅުއްވާ ހުދާ އަހުމަދު ވިދާޅުވި އެވެ.
ދަރިވަރުން ސެލޯފޭންއާ ދުރަށް ގެންދިޔުމުގެ މަސައްކަތް ޣިޔާސުއްދީން ސްކޫލުން މިހާރު ވެސް ކުރެ އެވެ. ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރަން އަހައްމިއްޔަތުކަން ދޭ އެ ސްކޫލުން ބެލެނިވެރިން ގާތު އެދެނީ ކުދިންގެ ފޮތްތަކުގައި ސެލޯފޭން ނުލައްވާ ބަހައްޓާށެވެ.
"ކޮންމެ ފޮތެއްގައި ކަވަރެއް ލައްވަން ބޭނުންވާ ޕްލާސްޓިކްގެ އަދަދާއި ތިމާވެށީގެ މައްސަލަތަކާ މެދު ވިސްނާލާ އިރު، ރަނގަޅު ގޮތަކީ ފޮތްތައް ފަރުވާތެރިކަމާ އެކު ގެންގުޅުމުގެ މުހިއްމުކަން ކުދިންނަށް ބުނެދިނުން،" ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވި އެވެ.
ސެލޯފޭން ލެއްވުމަކީ ފޮތްތަކަށް ލިބޭ އިތުރު ރައްކާތެރިކަމެކެވެ. އެކަމަކު އެ ނުލައްވާ ވެސް، ގެއްލުން ނުލިބޭނެ ހެން ފޮތް ގެންގުޅެވިދާނެ އެވެ. ގައިމު ވެސް ޣިޔާސުއްދީންގެ ބައެއް ދަރިވަރުންނާއި ބެލެނިވެރިންގެ ތަޖުރިބާއަކީ އެއީ އެވެ.
ޕްލާސްޓިކް މަދުކުރަން ކުރެވިދާނެ ކުޑަކުޑަ ކަމެކެވެ. ތިމާވެއްޓަށް ބަލައިގެން އުޅުމަށާއި ޒިންމާދާރުވުމަށް ކުދިންނަށް ދަސްކޮށްދޭ މުހިއްމު ފިލާވަޅަކަށް ވެސް ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ