ފަހުގެ އައިފޯނުތައް ޗާޖު ނުވާ މައްސަލާގައި އެޕަލް ބަސް ހުއްޓިފައި

އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން އެކްސްއެސް އާއި އެކްސްއެސް މެކްސް ޗާޖުކުރުމުގައި އެކި މައްސަލަތައް ދިމާވާ ކަމަށް ބުނެ ކަސްޓަމަރުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ބައެއް މީހުން ބުނެފައިވާ ގޮތުގައި ފޯނު ޗާޖަށް ޖެހުމަށް ފަހު، ފޯނުގެ މަސައްކަތް ހުއްޓި "އައިޑްލް" ވުމާ އެކު ފޯނު ޗާޖުވުން ވެސް ހުއްޓެވެ. އަނެއް ބަޔަކު ބުނަނީ ފޯނުގެ ސްކްރީން އޮންވެފައި އޮންނަ ވަގުތު ނޫނީ ޗާޖު ނުވާ ކަމަށެވެ.
މި މައްސަލަ "ޗާޖަގޭޓް" ގެ ގޮތުގައި ސިފަކޮށް ކަސްޓަމަރުން ޝަކުވާކުރަމުން އަންނައިރު އެޕަލް އިން އަދި މިކަމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.
މި މައްސަލަޔާ ބެހޭ ގޮތުން، 12 މިލިއަން މީހުން ފޮލޯކުރާ "އަންބޮކްސް ތެރަޕީ" ޔޫޓިއުބް ޗެނަލްގައި ނުވަ ފޯނެއް ޓެސްޓްކޮށްފައިވެ އެވެ.
މި ޗެނަލް ހިންގާ ހިލްސެންގަ ވަނީ ރަސްމީ އެޕަލް ޗާޖަރު ބޭނުންކޮށްގެން ފޯނުތައް ޗާޖުކުރަން މަސައްކަތްކޮށްފަ އެވެ. އެޕަލް އިން މިދިޔަ އަހަރު ނެރުނު އައިފޯން އެކްސް އެއްވެސް މައްސަލައެއް ނެތި ޗާޖުވެ އެވެ. އެކަމަކު ޓެސްޓްކުރަން ބަހައްޓާފައި ހުރި އެކްސްއެސް އާއި އެކްސްއެސް މެކްސްގެ ގިނަ ފޯނުތައް ޗާޖެއް ނުވެ އެވެ. ޗާޖު ނުވާ މައްސަލަ ދިމާވި ފޯނުތަކުގެ ސްކްރީން އޮންކޮށްލުމާ އެކު ޗާޖުވާން ފަށަ އެވެ.
ހިލްސެންގަ ބުނި ގޮތުގައި އޭނާ ފޯނު ޗާޖުކުރަނީ ވަޔަލެސް ޗާޖަރުން ކަމަށް ވާތީ މި މައްސަލަ ކުރިން ފާހަގަވެފައެއް ނުވެ އެވެ.
މި މައްސަލާގައި ކަސްޓަމަރުން ކުރަމުން އަންނަ ޝަކުވާތަކަށް އެޕަލް އިން ޖަވާބެއް ނުދެ އެވެ. އަދި މިކަމުގައި ބީބީސީން ސުވާލުކުރުމުން ވެސް ޖަވާބު ދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ