އިންޑިޔާ ކަނޑުގެ ތެރެއަށް ޗައިނާގެ މަސްލަހަތު ފެތުރުމަށް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން: ނަޝީދު

އިންޑިޔާ ކަނޑުގެ ތެރެއަށް ޗައިނާގެ މަސްލަހަތު ފެތުރުމަށް އެގައުމުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު އިންޑިޔާއަށް ފުރާވަޑައިގަންނަވަމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިސަރަހައްދުން އުފުލާ ހުރިހާ މުދަލެއް އުފުލަނީ، ރާއްޖޭގެ ކަނޑުގެ ތެރެއިިން ކަމަށްވާތީ، ޗައިނާގެ މަސްލަހަތު ރާއްޖޭ ގައި އޮތުމަށް ޗައިނާ ވަރަށްބޮޑަށް ބޭނުންވާ ކަމަށެވެ.
"ހުޅަނގުން އިރަށްދާ ހުރިހާ މުދަލެއް އުފުލަނީ، އަދި ދަތުރު ކުރަނީ ރާޖޭގެ ތެރެއިން ކަމަށްވާތީ ޗައިނާ އެބަ ބޭނުންވޭ ޗައިނާގެ މަސްލަހަތު ރާއްޖޭގައި މާބޮޑަށް އޮތުމަށް. މިކަން ހިންގުމަށް މިދިޔަ 10، 15 އަހަރު ދުނިޔޭގެ އެކި ގައުމުތަކުގައި، ހާއްސަކޮށް އިރުމަތީ އެފްރިކާގެ ގައުމުތަކާއި އިންޑީޔާ ކަނޑުގެ ގައުތަކުގައި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޗައިނާގެ މަސްލަހަތު ފެތުރުމަށް ކުރާ ކަމަކީ، ބޮޑެތި އަދަދުތަކުން ލޯނު ދިނުމާއި ބޮޑެތި އިންވެސްޓްތައް ކޮށްދިނުމެވެ. އަދި އެ ގައުމުތަކަށް ލޯނު ދެއްކޭގޮތް ނުވުމުން ޗައިނާއިން ވެރިވެގަންނަނީ ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.
"ގިނަ އަދަދުގެ ލޯނު، ގިނަ އަދަދުގެ ފައިސާ މިވަނީ ރާއްޖެ އަށާއި އެތެރެވަރީގައިވާ އެތައް ގައުމަކަށް ޗައިނާގެ ފަރާތުން ގެނަސްފަ. މި ފައިސާ ގިނަ ފަހަރަށް ގެނަސްފަ މިވަނީ ނުއަގުގަ މަސައްކަތްތައް ކުރުމަށް. ދެން މިދަރަނި އަނބުރާ ނުދެއްކުނީމާ ޗައިނާ އެދެމުން އެދަނީ އޭގެ ބަދަލުގައި އެ ހެދި އެއްޗެއްގެ ހިއްސާ ދިނުމަށް. މިސާލަކަށް ބަނދަރެއް ހަދާފަ އޮތިއްޔާ އެ ބަނދަރުގެ ދަރަނި ނުދެއްކުނީމާ އެދެމުން އެދަނީ އެ ބަނދަރު އެމީހުންނަށް ދިނުމަށް މިގޮތަށް މިކަންހިނގާފަ އެބަހުރި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެކަމުގެ ސަބަބުން ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ވަރަށްބޮޑަށް ގެއްލިގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ