އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ދައުވާކުރާނަން: ޕީޖީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، އެމްއެންޑީއެފް އިން ހައްޔަރުކުރި މައްސަލަ ތަހްގީގުކޮށް ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދެ މޯލްޑިވްސް (އެޗްއާރުސީއެމް) ގައި އެދިވަޑައިގެންފައިވާ ކަމަށާއި މި މައްސަލައިގައި ދައުވާ ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޖީ މުއިއްޒު ވިދާޅުވީ އޭނާ އަށް މައްސަލައެއްގައި ދައުވާ ކުރައްވާނެ ފަރާތްތައް ކަނޑައަޅުއްވާނީ މައްސަލަ ތަހްގީގުކޮށް އެ ކޮމިޝަނުން ފޮނުވުމުން ކަމަށެވެ.
ތަހްގީގުކުރުމުގެ ބާރު ލިބިގެންވާ މުއައްސަސާތަކުގެ ތެރެއިން މި މައްސަލަ ތަހްގީގުކުރުމަށް އެންމެ އެކަށީގެންވާ އެއް ތަނަކީ އެޗްއާރުސީއެމް ކަމަށާއި މި މައްސަލަ ރަނގަޅަށް ތަހްގީގުކުރުން މުހިންމު ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެޗްއާރުސީއެމް އިން މައްސަލަ ތަހްގީގުކޮށް ފޮނުވުމުން ވީހާ ވެސް އަވަހަކަށް މައްސަލައިގައި ދައުވާ ކުރަން ޖެހޭ ފަރާތްތައް ކަނޑައަޅައި ދައުވާ ކުރާނަން. އަބްދުﷲ ގާޒީ ސިފައިން ހައްޔަރުކުރީ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް. އެ މައްސަލައިގައި ބައިވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ،"
މުއިއްޒު ވިދާޅުވީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި، ޖީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެރެރަލް މޫސާ އަލީ ޖަލީލާއި އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރާ އެއްގޮތަށް އެ މައްސަލަ ބަލައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ