ރާއްޖޭގެ ސިޔާސީ މަސްރަހަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިއުލާންކުރި މަގުޗާޓާ އެމްޑީޕީން ދަނީ ހިލާފުވަމުން ކަމަށާއި އަވަސް އިންތިހާބެއް ބޭއްވޭނީ މަގުޗާޓަށް އަމަލުކޮށްގެން ކަމަށް ސަރުކާރަށް ތާއީދުކުރާ އިއްތިހާދުން މިއަދު ބުނެފި އެވެ.
އެ އިއްތިހާދުން މިއަދު ނަލަހިޔާ ހޮޓަލުގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރާއްޖެއަށް ސުލްހަ ގެންނަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން އެ އިއްތިހާދު އޮތީ ތައްޔާރަށް ކަމަށާއި ނަމަވެސް ގާނޫނު އަސާސީ އޮތް ގޮތުން ބޭނުން ކޮންމެ އިރަކު އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިހާބު ބޭއްވީ ސަރުކާރުން އިއުލާންކޮށްފައިވާ މަގުޗާޓަށް ހުރިހާ ޕާޓީތަކުގެ އިތުރުން އެމްޑީޕީން ވެސް އެއްބަސްވެގެން ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އިންތިހާބެއް ބޭއްވުމަށް ހުރިހާ ޕާޓީތަކުން މަޝްވަރާކުރުމަށް އަޅުގަނޑުމެންވާނީ އެއްބަސްވެފައި. އެކަމަކު ހުރިހާ ޕާޓީތަކުން އެއްބަސްވާން ޖެހޭ ކަންތައްތަކެއް އެބަހުރި. މިސާލަކަށް މަގުޗާޓުގައިވާ ގޮތުން އެމްޑީޕީގެ ފަރާތުން މިދިޔަ ހުކުރު ދުވަހު ބާއްވަން ނިންމި މުޒާހަރާ ނުބޭއްވުމަށް ވަނީ އެއްބަސްވެފައި. ފުރަތަމަ އެކަމާ ވަނީ ހިލާފުވެފައި،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީން މަގުޗާޓާ ހިލާފުވި ނަމަވެސް އޭގެ މާނައަކީ މަޝްވަރާގެ މޭޒުދޮށަށް ނުދާނެ ވާހަކައެއް ނޫން ކަމަށެވެ.
"އެކަމަކު އިހުލާސްތެރިކަމާއެކީ އެއްބަސްވެވޭ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރަން ހުރިހާ ޕާޓީތަކުން އެބަޖެހޭ. ހަމައެއާއެކީ ރާއްޖޭގައި ހަމަނުޖެހުމެއް ނުހިންގުމަށާއި އަދި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި އެމްޑީޕީގެ ހިއްސާއެއް އޮތުމަށް ވެސް މަގުޗާޓުގައި ކަނޑައެޅިފައިވޭ. އެގޮތުން ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެމްޑީޕީއަށް ދައުވަތުދީ ސިޓީފުޅެއް ފޮނުއްވާފައި،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީން ވެސް ބަޔަކާއެކު އެއްބަސްވުމެއް ވެއްޖެ ނަމަ އެއާއެއް ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެމްޑީޕީގެ ކަންތައްތައް ގޮސްފައި އޮތީ މަޝްވަރާކުރާ ގޮތަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ މާނައަކީ އަނެއްކާ ވެސް މަޝްވަރާނުކުރާނެ ވާހަކައެއް ނޫން. މަޝްވަރާތައް ކުރިޔަށްދާނެ. އަޅުގަނޑުމެން ހުރިހާ ޕާޓީތައް މަޝްވަރާކުރާނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް ބަދަލު ގެންނަން. ބަދަލު ނުގެނެސް އިންތިހާބެއް ނުބޭއްވޭނެ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތީ ގާނޫނީ ވެރިކަމެއް ކަމަށާއި އެކަން އެމްޑީޕީން ބަލައިގަންނަން ވެސް ޖެހޭ ކަމަށެވެ.
"މިއަދާ ހަމަޔަށް ވެސް އިހުލާސްތެރިކަމާއެކީ އެވާހަކައެއް ނުދައްކާ. ގާނޫނީ ވެރިކަމާއެކު އެމްޑީޕީއަށް މަޝްވަރާކުރެވޭނީ ވެސް،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގެ އަމަން އާމަންކަމަށާއި ސުލްހަ މަސަލަސް ކަމަށްޓަކައި މިހާރު ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ތާރީހަށް ވުރެ އިންތިހާބު އަވަސްކުރުމަށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން ޖެހޭ ކަމަށާއި ރާއްޖޭގައި އަމަން އަމާންކަން ގާއިމުކުރުމަށް އިއްތިހާދުން ވަނީ އެއްބަސްވެފައި ކަމަށެވެ.
އިއްތިހާދުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރަށް ތާއީދުކުރާ ސިޔާސީ އަށް ޕާޓީ އާއި މަދަނީ އިއްތިހާދު ގުޅިގެން ބާއްވާ ހާއްސަ މަހާސިންތާއެއް އަންނަ ހުކުރުދުވަހު ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމަށް ހުރިހާ ރަށަކުން މީހުން މާލެ އައުމަށް ވެސް އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ޕާޓީތަކުން ގޮވާލި އެވެ.
އިމްރާން ވިދާޅުވީ އެ ބައްދަލުވުން ބާއްވަނީ ގާނޫނު އަސާސީ ދެމެހެއްޓުމަށާއި ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ގޮވާލުމަށް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ޑީއާރުޕީ އާއި ޕީޕީއެމް، ދިވެހި ގައުމީ ޕާޓީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، ގައުމީ އިއްތިހާދު، މޯލްޑިވްސް ރިފޯމް މޫވްމަންޓް، ޕީޕަލްސް އެލަޔަންސްގެ އިތުރުން މަދަނީ އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީތަކުން ވެސް ވަނީ ރަށްރަށުން ވީހާ ގިނަ ބަޔަކު އައުމަށް ގޮވާލައިފަ އެވެ. އަދި އެ މީހުން މާލެ ގެނައުމަށް ހުރިހާ ޕާޓީތަކުން ވެސް އެހީތެރިވާނެ ކަމަށް ވެސް ބުންޏެވެ.
ސަރުކާރުން އިއުލާންކުރި މަގުޗާޓާ އެމްޑީޕީން ދަނީ ހިލާފުވަމުން: އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ