ސިޔާސީ ވަކިތަކުގެ ދަށުގައި މީޑިއާ ހިސޯރުކުރުމަށް މަސައްކަތް އެބަކުރޭ: މީޑިއާ ކައުންސިލް

ގާނޫނު އަސާސީގައި މީޑިއާގެ މިނިވަންކަން ކިތަންމެ ފުޅާ ދާއިރާއެއްގައި ދެވިފައި އޮތް ނަމަވެސް މިހާރު ފެންނަމުން މިދަނީ ސިޔާސީ ވަކިތަކުގެ ދަށުގައި މީޑިއާ ހިސޯރުކުރުމަށާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ނުފޫޒު ފޯރުވައި މީޑިއާ ކޮންޓްރޯލްކުރުމަށް މަސައްކަތްކުރާ ތަން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.
މީޑިއާ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ސިޔާސީ ފަރާތްތަކުން މީޑިއާތަކަށް ތަފާތު އިންޒާރު ދީ ބިރުދައްކަން މަސައްކަތްކުރާ ކަމަށެވެ. އަދި މީޑިއާގެ ކަންކަން ބެލެހެއްޓުމަށް މަތިކޮށްފައިވާ މުއައްސަސާތަކުގެ އަގުވައްޓާލައި ރައްޔިތުންގެ ކުރިމަތީގައި އިތުބާރު ގެއްލޭ ފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"ބައެއް ސިޔާސީ ފަރާތްތަކުގެ ބަސްމަގާއި އަމަލުގެ ސަބަބުން ނޫސްވެރިން މައުލޫމާތު ހޯދުމަށާއި އެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ގާނޫނީ އިމުގެ ތެރޭގައި ކުރާ މަސައްކަތަށް ހުރަސް އެޅެމުންދާކަމީ މީޑިއާ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ،" މިޑީއާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި އެ އިރެއްގައި އޮންނަ ސަރުކާރަކަށް ސަނާ ކިޔާ މީޑިއާތައް ހުންނަ ފަދައިން ސަރުކާރަށް ފާރަވެރިވެ ތުހުމަތުކޮށް ފާޑުކިޔާ މީޑިއާތައް ވެސް ހުންނާނެ ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ. އަދި މީޑިއާއިން ކުރާ ތުހުމަތަކާ ގުޅިގެން ކަން އޮތްގޮތް ހާމަކޮށްދީ ޖަވާބުދާރީވުމުގެ ބަދަލުގައި މީޑިއާ އަށް ބިރު ދައްކަން މަސައްކަތްކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މީޑިއާގެ މިނިވަންކަން އޭގެ އެންމެ ފުޅާ ދާއިރާގައި ލިބިދިނުމަށާއި ސިޔާސީ ވަކިތަކުންނާއި ބިރު ދެއްކުންތަކުން އެއްކިބާވެ، އިންސާފުވެރި ކަމާއެކު މައުލޫމާތު ހޯދައި ފޯރުކޮށްދިނުމަށްޓަކައި ނޫސްވެރިންނަށް މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް އުފައްދައިދިނުމަށް މީޑިއާތައް ހިންގާ ފަރާތްތަކަށާއި ސަރުކާރަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް މީޑިއާ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.
ސާބިތު ނުހިފޭ ދޮގު ވާހަކަތައް މީޑިއާތަކުން ދައްކާ ކަމަށް ވިދާޅުވެ އެ ތަންތަނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިދިޔަ ހަފުތާގައި ވަނީ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ