ކުޑަ މުސާރަ ޝީޓް ހެދުމަށް ފިނޭންސް މިނިސްޓްރީން އެންގި އެންގުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އިގްތިސާދީ "ހާއްސަ ހާލަތެއް މެދުވެރިގެން" ސިވިލް ސާވަންޓުންގެ މުސާރަ ތިން މަހަށް ކުޑަ ކުރުމަށްފަހު އަލުން މުސާރަ އިއާދަ ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމުމުން، ތައްޔާރު ކުރަންވާނީ ކުޑަ ކުރި މުސާރަ ޝީޓް ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައި އެންގުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.ސިވިލް ސާވަންޓުންގެ މުސާރަ ކޮމިޝަނުން ކުޑަކޮށްފައި ވަނީ އޮކްޓޯބަރު 1، 2009 ގަ އެވެ. އޭގެ ތިން މަސް ފަހުން ޖެނުއަރީ 1، 2010 ގައި މުސާރަ އިއާދަކުރުމަށް ނިންމި އެވެ. އެކަމަކު ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް އަންގާފައި ވަނީ ތައްޔާރު ކުރަންޖެހޭނީ ކުޑަކޮށްފައިވާ މުސާރަ ޝީޓް ކަމަށެވެ. އަދި ޖެނުއަރީ 1، 2011 އާ ހަމައަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފައި ވަނީ ކުޑަ މުސާރަ އެވެ.ކުޑަ ކުރި މުސާރަ ޝީޓް ހެދުމަށް އެންގި މައްސަލައިގައި ސީއެސްސީން ފިނޭންސް މިނިސްޓްރީ ގޮވައިގެން ވަނީ ކޯޓަށް ގޮސްފަ އެވެ. އެ މައްސަލައިގައި ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ ކުޑަ މުސާރަ ޝީޓް ހެދުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުމުގެ ބާރު ލިބިގެންނުވާ ކަމަށެވެ. އަދި ސީއެސްސީއަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރު ހަނިވާ ގޮތަށް ފިނޭންސް މިނިސްޓްރީއަށް އަމަލު ނުކުރެވޭނެ ކަމަށް ދަށު ކޯޓުން ކަނޑައެޅި އެވެ. އެ މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.އެންމެފަހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާތީ މިއަދު ހުކުމް ކުރައްވަން ބޭއްވި މަޖިލީހުގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސިވިލް ސާވަންޓުންގެ މުސާރަ ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރުމަށްފަހު ސީއެސްސީން ކަމަށް ކޮމިޝަނުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. ހާއްސަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ސިވިލް ސާވަންޓުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަ ކުރެވިދާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް މުސާރަ ކުޑަ ކުރުމަށް މެދުވެރިވި ހާލަތް ކޮންމެ ތިން މަހަކުން ރިވިއު ކުރުމަށްފަހު އެ ހާލަތް ނިމިފައިވާ ނަމަ ކުރީގެ މުސާރަ އިއާދަ ކުރަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.ގާނޫނުގައިވާ ގޮތުން ހާއްސަ ހާލަތު ރިވިއު ކުރަންޖެހޭނީ ހަމައެކަނި ސީއެސްސީއަށް ކަމަށާއި އެ ހާލަތް ރިވިއު ކުރުމަށް ވަކި ހާއްސަ ގޮތްތަކެއް ގާނޫނުގައި ބުނެފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ވަކި ގޮތަކަށް ރިވިއު ކުރުމަށް ނުވަތަ ކަމެއް ކުރުމަށް ސީއެސްސީއަށް ލާޒިމް ކުރެވޭނީ ގާނޫނެއްގެ ދަށުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި މުސާރަ އަލުން އިއާދަ ކުރުމުގެ ބާރު ހަމައެކަނި ލިބިގެން ވަނީ ސީއެސްސީއަށް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އިގްތިސާދީ ހާއްސަ ހާލަތު ނިމުމަކަށް އަންނާނެ ކަމަށް ބަލާނީ ދައުލަތުގެ އާމްދަނީ ހަތް ބިލިއަނަށްވުރެ އިތުރުވެއްޖެ ނަމަ ކަމަށް ފިނޭންސާއި ސީއެސްސީން އެއްބަސްވެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ސީއެސްސީން މުސާރަ އިއާދަ ކުރުމަށް ނިންމާފައި ވަނީ ހަތް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް 2010 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.ފަނޑިޔާރު ވިދާޅުވީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ އެންމެ އިސް ފަރާތަކީ ފިނޭންސް މިނިސްޓްރީ ނަމަވެސް ގާނޫނާ ހިލާފް ކަމެއް ކުރުމުގެ ބާރު އެ މިނިސްޓްރީއަށް ލިބިގެންނުވާ ކަމަށެވެ. އަދި އެއްވެސް އިދާރާއަކުން ކުރާ ކަމަކީ ބާތިލް ކަމެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.ފަނޑިޔާރު ވިދާޅުވީ މުސާރަ އިއާދަ ކުރުމަށް ސީއެސްސީން ނިންމި ނިންމުމާ ހިލާފަށް ފިނޭންސް މިނިސްޓްރީން އެންގުން ގާނޫނާ ހިލާފްވުމުގެ އިތުރުން އެ އަމަލަކީ މުވައްޒަފުންގެ އެންމެ އަސާސީ ހައްގު ކަމަށްވާ އުޖޫރަ ލިބުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް އަންގާފައިވާ އެންގުމެއް ކަމަށެވެ.އެ މައްސަލައިގައި ހުކުމް ކުރައްވަމުން ފަނޑިޔާރު ވިދާޅުވީ ދަށު ކޯޓާއި ހައި ކޯޓުން އެ މައްސަލައިގައި ކޮށްފައިވާ ހުކުމަށް ތާއީދުކުރުމާއެކު ކުޑަ މުސާރަ ޝީޓް ހެދުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ކަނޑައަޅުއްވާ ކަމަށެވެ.ފަނޑިޔާރު ދީދީގެ އިތުރުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފެވެ.ސުޕްރީމް ކޯޓުން ސިވިލް ސާވަންޓުންގެ މުސާރައިގެ މައްސަލައިގައި ހުކުމް ކޮށްފައި މި ވަނީ އެ މައްސަލަ އަނބުރާ ގެންނެވުމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ނިންމަވާފައި ވަނިކޮށެވެ. "ހަވީރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ އަނބުރާ ގެންދިޔުމަށް ދައުލަތުން މަސައްކަތް ކުރުމުން ސުޕްރީމް ކޯޓުން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާ ގޮތުން މައްސަލައެއް ބަލައިގަތުމަށްފަހު، އެ މައްސަލައެއް އަނބުރާ ގެންދިއުމަށް އެދިއްޖެ ނަމަ އެކަމަށް ގޮތެއް ނިންމާނީ ފަނޑިޔާރުންގެ ބެންޗުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ